
ސޫރަތުއް ލައިލި ތަފްސީރު (2) 16 ފެބުރުވަރީ 2017 އާ ގުޅޭ ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު
(وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ ﴿١٣﴾) ”އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.“
ދުނިޔެ އަކީ ޒަމާނުގެ ގޮތުން އާޚިރަތަށްވުރެ ކުރީގެ ތަނެއްނަމަވެސް، މިއާޔަތުގައި އާޚިރަތުގެ ވާހަކަ އިސްކުރައްވާފައިވަނީ ދެކަމަކަށް ޓަކައެވެ. އެއީ:
- އާޚިރަތަކީ ދުނިޔެ އަށް ވުރެ މުޙިއްމުތަނެއްކަން ހާމަކުރެއްވުން. އަދި އާޚިރަތުގައި ﷲ ގެ މަލަކޫތީވަންތަކަން ފުރިހަމަ އަށް ފެނިގެންދާނެތީވެއެވެ. ދުނިޔެމަތީގައި ރައީސުންނާއި އަމީރުންނާއި ރަސްކަލުން ތިއްބަވައެވެ. އެބައިމީހުންނަށް ބައެއް ކަހަލަ ބާރުތައް ﷲ ވަނީ ދެއްވާފައެވެ. ނަމަވެސް އާޚިރަތް ދުވަހުގައި ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެއްވެސް ކަމެއްގެ މިލްކުވެރިކަމެއް ލިބިގެނެއް ނުވެއެވެ. ސޫރަތު ޣާފިރުގެ 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (لِّمَنِ الْمُلْكُ الْيَوْمَۖ لِلَّـهِ الْوَاحِدِ الْقَهَّارِ ﴿١٦﴾ ) މާނައަކީ: “ (އެދުވަހުން، اللَّه وحى ކުރައްވާނެތެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (خود އެކަލާނގެ ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه އަށެވެ.“
- ގާފިޔާ ހަމަކުރެއްވުން. އެހެނީ މިސޫރަތުގެ ހުރިހާ އާޔަތެއްވެސް ނިންމަވާލައްވާފައިވަނީ އަލިފަކަށެވެ. އެހެންކަމުން މިތަނުގައިވެސް އެގޮތަށް ނިންމަވާލެއްވުމެވެ.
(فَأَنذَرْتُكُمْ نَارًا تَلَظَّىٰ ﴿١٤﴾ ) އަނދައަނދާ ހުންނަ އަލިފާންގަނޑެއްގެ ވާހަކައިން ތިމަން ﷲ ތިޔަބައިމީހުންނަށް އިންޛާރު ދެއްވީމެވެ.
(تَلَظَّىٰ) އަނދައަނދާ ހުންނަ،
(لَا يَصْلَاهَا إِلَّا الْأَشْقَى ﴿١٥﴾) އަބާއްޖެވެރިން މެނުވީ އެއަލިފާންގަނޑުގެ ތެރޭގައި ނުއަނދާނެއެވެ. ސޫރަތު ހޫދުގެ 106 އަދި 107 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَأَمَّا الَّذِينَ شَقُوا فَفِي النَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ﴿١٠٦﴾ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ﴿١٠٧﴾ ) މާނައަކީ: “ ފަހެ، އަބާއްޖަވެރިވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ވާހުށީ، ނަރަކައިގައެވެ. އެއުރެން ބޭރަށްލާ ނޭވާގެ ގަދަ އަޑާއި، އެތެރެއަށްލާ ނޭވާގެ އަޑު އެތާނގައި ހުންނާނެތެވެ. އެއުރެން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި، އުޑުތަކާއި، ބިން ދެމިހުރިހާ ހިނދެއްގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ.“
އަބާއްޖަވެރިންނަކީ ކޮން ބަޔެއްކަން ބަޔާން ކުރައްވާ ވަޙީ ކުރައްވައެވެ.
(الَّذِي كَذَّبَ وَتَوَلَّىٰ ﴿١٦﴾) ރަސޫލާގެ ބަސްދޮގުކޮށް އިސްލާމްދީނުން ދުރުހެލިވެގަން މީހާ.
(وَسَيُجَنَّبُهَا الْأَتْقَى ﴿١٧﴾) ﷲ އަށް ތަގްވާވެރިވެ، އެކަލާންގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ، ނަހީތަކުން ދުރުހެލިވެއްޖެމީހާ އަށް އަނދައަނދާ ހުންނަ އަލިފާންގަނޑު ސަލާމަތްކަން ލިބިގެންދާނެއެވެ.
(الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾ ) އެމީހެއްގެ ނަފްސު ފާފަތަކުން ޠާހިރުކުރުމަށް ޓަކައި މުދަލުން ހޭދަކޮށް އުޅޭ މީހާ. ސޫރަތުއް ތައުބާގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّـهُ سَمِيعٌ عَلِيمٌ ﴿١٠٣﴾) މާނައަކީ: “ އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށްޓަކައި ކަލޭގެފާނު دعاء ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ دعاء އަކީ، އެއުރެންނަށްއޮތް ހިތްހަމަޖެހުމަކާއި، رحمة އެކެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
(الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾) “ އެމީހެއްގެ ނަފްސު ފާފަތަކުން ޠާހިރުކުރުމަށް ޓަކައި މުދަލުން ހޭދަކޮށް އުޅޭ މީހާ.“
މި އާޔަތުން ދޭހަވަނީ އެމީހަކަށް މުދާލިބުނު ކަމުގައިވީނަމަވެސް އިސްރާފެއްވެސް ނުކުރެއެވެ. އަދި ބަޚީލުވެފައި ފޮރުވާފައެއްވެސް ނުބަހައްޓައެވެ. ސޫރަތުލް ފުރްގާންގެ 67 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴿٦٧﴾) މާނައަކީ: “ އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.“
ބައެއް މީހުންނަށް ކިތަންމެ ބައިވަރު މުދަލެއް ދެއްވާފައިވީނަމަވެސް ދަހިވެތިވެއެވެ. އޭނާގެ މައްޗަށް އެބަޔަކަށް ޚަރަދުކުރުން ވާޖިބުވެފައިވާ އަނބިންނާއި ދަރިންނަށްވެސް ޚަރަދުނުކޮށް ފައިސާ ފޮރުވައިގެން އުޅޭތަން ފެނެއެވެ. އަނެއްބައިމީހުންނަކީ އެމީހެއްގެ ތަނަވަސްކަން ނެތް މީންވަރުން މީސްމީހުން އަތުން ދަރަންޔަށް ފައިސާ ނަގައިގެން ދިރިއުޅުން ޒީނަތްތެރިކުރަން އުޅޭ މީހުންނެވެ. މިޘާލަކަށް އަގުބޮޑު ކާރެއްގަތުން، ނުވަތަ އަގުބޮޑު އަތުކުރިގަޑި އެއް ގަތުން ފަދަ ކަންތަކެވެ. މި ދެގޮތަކީވެސް ބާޠިލް ދެގޮތެވެ. އެމީހަކަށް ދެއްވާފައިވާ މުދަލުން ހޭދަކުރަން ޖެހެއެވެ. އަދި ހޭދަކުރުމުގައި އިސްރާފު ކުރުމެއްވެސް ނެތެވެ. އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަކުރަންވީއެވެ.
ފަހަރުގައި މީހަކު ކޮށްފާނެ ސުވާލެކެވެ. ޞަދަގާތެއް ކުރުމުގެ ބޭނުމުގައި ދަރަންޏެއް ނެގިދާނެ ހެއްޔެވެ؟
ޖަވާބަކީ: ނޫނެކެވެ. ސަބަބަކީ ޞަދަގާތް ކުރުމަކީ ސުންނަތެކެވެ. ދަރަންޏެއްގައި ބޮލުއަޅަން ޖެހުމަކީ ބޮޑު ނުރައްކަލެކެވެ. ދަރަންޏަކީ އާދައިގެ ކަމެއް ނޫނެވެ. ދަރަނީގެ ނުރައްކާތެރިކަން އުއްމަތަށް ބަޔާންކޮށްދެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މައްޔިތަކު ކަށު ނަމާދު ކުރުމަށް ގެނެވިއްޖެނަމަ އޭނާގެ މައްޗަށް ދަރަންޏެއް އޮތްތޯ ސުވާލު ކުރައްވައެވެ. ދަރަންޏެއް އޮތްނަމަ އެކަލޭގެފާނު އެމީހެއްގެ މައްޗަށް ކަށުނަމާދު ނުކުރައްވައެވެ.
ދަރަނީގެ ނުރައްކާތެރިކަން ބަޔާން ކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْقَتْلُ فِي سَبِيلِ اللَّهِ يُكَفِّرُ كُلَّ شَيْءٍ إِلَّا الدَّيْنَ ) މާނައަކީ: ”ﷲގެ މަގުގައި ޝަހީދު ވުމަކީ ދަރަނި ފިޔަވާ އެހެން ހުރިހާ ފާފައެއް ފޮހެވޭ ކަމެކެވެ.“ އެހެންކަމުން ދަރަންޏަކީ އެއާއި މެދުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ.
(وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ﴿١٩﴾) ”ﷲގެ މަގުގައި ހޭދަކުރަން ޖެހެނީ އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.“
(إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ﴿٢٠﴾ ) “ އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ. އަދި ހޭދަކުރާ މީހުންނަށް ޓަކައި އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހު ތައްޔާރުކޮށްދެއްވާފައިވާ މަތިވެރި ދަރަޖަތައް ޙާޞިލުކުރުމަށްޓަކައެވެ.“
(وَلَسَوْفَ يَرْضَىٰ ﴿٢١﴾ ) މާތް ﷲ އޭނާ އަށް ދެއްވާ މަތިވެރި ޘަވާބާއި ދަރުމައިގެ ސަބަބުން އޭނާ އަށް ހިތްހަމަޖެހުމާއި ރުހުން ލިބޭނެއެވެ. ސޫރަތުލް ބަގަރާގެ 261 އަދި 262 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّـهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّـهُ وَاسِعٌ عَلِيمٌ ﴿٢٦١﴾ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ ثُمَّ لَا يُتْبِعُونَ مَا أَنفَقُوا مَنًّا وَلَا أَذًى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٦٢﴾ ) މާނައަކީ: “ اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެއުރެންގެ މުދާ، اللَّه ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ عمل ން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ثواب) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“
ނުނިމޭ….



