
ކުރުމުއްދަތެއްގައި ގިނަރަށްތަކެއްގައި ވަނީ ބޯފެނާއި ނަރުދަމާގެ ޚިދުމަތް މިސަރުކާރުންވަނީ ފޯރުކޮށްދީފަ: ތޯރިޤް
ކުރުމުއްދަތެއްގެތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް ބޯފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ޔާމީންގެ ސަރުކާރުން ދީފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޠާރިޤް އެހެންވިދާޅުވީ ރ. ހުޅުދުއްފާރު ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ”އެންމެ 3 އަހަރުދުވަހުގެތެރޭގައި 18 ރަށުގައި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރައްވައިފި“ ކަމަށާއި “ އިތުރު 21 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ޢަމަލީ މަސައްކަތް ކުރަމުންދާ “ ކަމަށެވެ.
އަދި އެންމެ ތިން އަހަރު ދުވަހުގެތެރޭގައި 15 ރަށެއްގައި ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށް ދެއްވާފައިވާ ކަމަށާއި އިތުރު 12 ރަށެއްގައި ފެނުގެ ނިޒާމު ވަރަށް އަވަހަށް ޤާއިމުކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ތާރިޤް ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންދެކެ ލޯބިވާ ބޭފުޅެއް ކަމަށާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވައިފިއްޔާ މިއަށްވުރެ އަވަހަށް މަސައްކަތް ކުރެވެމުންދާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރަށް ތާއީދުކުރާ ކައުންސިލެއް މިރަށުގައި އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އޮތުން މުހިއްމު ކަމަަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
”ތަރައްޤީ އިތުރަށް ޔަގީން ކުރުމަށްޓަކައި ޕީޕީއެމްއަށް އަޣުލަބިއްޔަތު ލިބޭ ކައުންސިލްތައް ހޮވަންޖެހޭ ކަމަށާއި ތަރައްޤީގެ މަސައްކަތް މިހާ ބާރަށް ކުރިއަށްގެންދަވާތީ ރައީސް ޔާމީނަށްޓަކާ އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމަށް ޠާރިޤް ވިދާޅުވިއެވެ.
ރ. ހުޅުދުއްފާރުގައި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 11 މެއި 2016 ގައެވެ. މި މަޝްރޫޢުއަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 57,291,498.91ރ. (ފަންސާސް ހަތް މިލިއަން، ދެ ލައްކަ ނުވަދިހަ އެއް ހާސް، ހަތަރު ސަތޭކަ ނުވަދިހަ އަށް ރުފިޔާ ނުވަދިހަ އެއް ލާރި) ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން 6.8 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 60 ޓަނުގެ -2 ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓޭނެއެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 520 ޓަނުގެ ތާނގީއެއް ބެހެއްޓޭނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 8.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރެވޭނެއެވެ.
އަދި 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް (މުސްތަޤްބަލުގައި 500 ޓަނަށް އިތުރުކުރެވޭވަރުގެ) ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ފެނުގެ ޒަމާނީ ނިޒާމަކާއި ނަރުދަމާގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް ގުޅާދެވޭނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ ޑިސެބްރު 2017 ގައެވެ.



