ވަލީވެރިޔާގެ ވަލީ އާއި ނުލައި ކުރެވޭ ކައިވެނި

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ޖުމްހޫރު ޢިލްމުވެރިން (ޝާފިޢީ، މާލިކީ، ޙަންބަލީ) ގެ ރައުޔަކީ ވަލީ އާއި ނުލާ ކުރާ ކައިވެންޏަކީ ޞައްޙަ ނޫން ކައިވެންޏެއް ކަމަށެވެ. އެބޭފުޅުންގެ ދަލީލުތަކަކީ:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. (لَا نِكَاحَ إِلَّا بِوَلِيٍّ) މާނައަކީ: ”ވަލީ އާއި ނުލަ ކައިވެންޏެއް ނުވެއެވެ.“ މިއީ އިމާމް އަބޫދާވޫދާއި އިބްނު މާޖާ- ރަޙިމަހުމަﷲ- ގެ ރިވާޔަތެވެ.

2. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. (لَا نِكَاحَ إِلَّا بِوَلِيٍّ وَشَاهِدَيْ عَدْلٍ) މާނައަކީ: ”ޢަދްލުވެރި ދެހެކިންނާއި ވަލީ ނެތި ކައިވެންޏެއް ނެތެވެ.“ މިއީ އިމާމް ބައިހަގީ- ރަޙިމަހުﷲ- ގެ ރިވާޔަތެކެވެ.

3. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. (أَيُّمَا امْرَأَةٍ نَكَحَتْ بِغَيْرِ إِذْنِ وَلِيِّهَا فَنِكَاحُهَا بَاطِلٌ ، فَنِكَاحُهَا بَاطِلٌ ، فَنِكَاحُهَا بَاطِلٌ) މާނައަކީ: ”އެއްވެސް އަންހެނަކު ވަލީވެރިޔާގެ އިޛްނަ އާއި ނުލާ ކައިވެނި ކޮށްފިނަމަ އެއީ ބާޠިލް ކައިވެންޏެކެވެ. އެއީ ބާޠިލް ކައިވެންޏެކެވެ. އެއީ ބާޠިލް ކައިވެންޏެކެވެ.“ މިއީ އިމާމް އަޙްމަދު، އަބޫދާވޫދް އަދި ތިރްމިޛީ-ރަޙިމަހުމުﷲ- ގެ ރިވާޔަތެކެވެ.

ނަމަވެސް އިމާމް އަބޫޙަނީފާ – ރަޙިމަހުﷲ- ގެ ރައުޔަކީ ވަލީ އާއި ނުލާ ކައިވެނި ޞައްޙަވާނެ ކަމަށެވެ. ދަލީލު ތަކަކީ:

1. ސޫރަތުލް ބަގަރާގެ 232 ވަނަ އާޔަތް: (فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَ‌اضَوْا بَيْنَهُم بِالْمَعْرُ‌وفِ) މާނައަކީ: ”އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ.“ މިއާޔަތުގައި މިވަނީ އެކަނބަލުން ކައިވެނި ކުރުމަށް ހުރަސް ނޭޅުމަށް އަމުރު ކުރައްވާފައެވެ.

2. އަންހެނެއްގެ މިލްކުގެ ދަށުގައިވާ އަޅު އަންހެނަކު ވިއްކާލައިފިނަމަ، އެވިޔަފާރި ޞައްޙަވާނެ ކަމަށް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާގު ވެލައްވައެވެ. އެއީ، އެކަމަނާގެ ޙައްގެއް ކަމަށްވީތީވެއެވެ. އެހެންކަމުން، އެކަނބުލޭގެ ހިތްރުހޭ މީހަކާ ކައިވެނި ކުރުމުން މަނާ ކުރުވަންވީ ސަބަބެއް ނެތެވެ.

ޖުމްހޫރު ޢިލްމުވެރިން އަބޫޙަނީފާ އަށް ދެއްވާފައިވާ ރައްދުތައް:

1. ޙަނަފީން ދަލީލެއްގެ ގޮތުގައި ދެއްކި އާޔަތުން ދަލާލަތުކޮށްދެނީ ވަލީވެރިޔާގެ ވަލީ އާއި ނުލާ ކައިވެނި ނުކުރެވޭނެ ކަމެވެ. މިއާޔަތް ބާވާލެއްވުނީ މަޢްގަލް ބިން ޔަސާރު- ރަޟިޔަﷲ ޢަންހު- އެކަލޭގެފާނުގެ އުޚްތަކު ކައިވެނި ކުރުވުމަށް ދެކޮޅު ހެއްދެވުމުންނެވެ. މިއާޔަތް ބާވާލެއްވުމާއި އެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢްގަލް އަށް ގޮވާލައްވާ މިއާޔަތް ބާވާލެވިއްޖެ ޚަބަރު ދެއްވިއެވެ. ދެން މަޢްގަލް އެކައިވެންޏަށް ރުހި ގަބޫލުވިއެވެ.  ވަލީވެރިޔާގެ ވަލީ ބޭނުން ނުވާނަމަ މަޢްގަލްގެ އުޚްތާ މަޢްގަލްގެ ނުރުހުމުގައިވެސް ކައިވެނި ކުރެއްވީސްތާއެވެ.

2. އަންހެނާގެ މިލްކިއްޔާތުގައިވާ އަޅުއަންހެނަކު ވިއްކާލިޔަސްވެސް އެކަމަނާގެ އަމިއްލަ ނަފްސުގެ ކައިވެނި ޢަގްދުކޮށްދިނުމުގެ ބާރު ލިބިދޭ ކަމަށް ގިޔާސެއް ނުކުރެވޭނެއެވެ.

މި މައްސަލާގައި ރަގަޅު ގޮތަކީ ވަލީވެރިޔާގެ ވަލީ އާއި ނުލާ ކައިވެނި ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ކުރެވޭ ކައިވެންޏަކީ ބާޠިލް ކައިވެންޏެއް ކަމެވެ. ނަމަވެސް، ވަލީވެރިޔާ މަގްބޫލު ޢުޛުރެއްނެތި، ވަލީ ދިނުމާއި ދެކޮޅު ހަދައިފިނަމަ ގާޟީ އަށް ވަލީ ދިނުމުގެ ބާރު ލިބިގެންވެއެވެ. والله أعلم

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.