
ހަވާނަފްސާއި ހީއަށް ތަބާވުމުން ޢަގީދާ އަށް ލިބޭ ގެއްލުންޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު
ސޫރަތުލް އަޢްރާފްގެ 176 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَـٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ) މާނައަކީ: ”އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ.“
ހަވާނަފްސަށް ތަބަޢަވުން މަނާ ކުރައްވާފައިވާ ސަބަބުތަކަކީ:
- ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަންހަޖަކީ ޙައްގުގެ މަތީގައި ގާއިމްވެފައިވާ މަންހަޖެކެވެ. ގިނަފަހަރަށް ޙައްގަކީ ހަވާނަފްސާއި ދެކޮޅެވެ. ގިނަފަހަރަށް ޙައްގު ނޫން ތަކެތި ހޯދުމަށް ނަފްސު އެދެއެވެ.
- ހަވާނަފްސާއި ދެކޮޅަށް ތެދުވުމަކީ ސުވަރުގެ ލިބޭނެ ކަމެއްކަމަށްވުން. ސޫރަތުއް ނާޒިޢާތުގެ 40 އަދި 41 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.(وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١﴾) މާނައަކީ: ”އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.“
- ހަވާނަފްސަށް ހެއްލިގެން ދިޔުމަކީ ނަރަކައަށް ވެއްޓިގެން ހިނގައިދާނެ ކަމެކެވެ. ސޫރަތުއް ނާޒިޢާތުގެ 37 އިން 39 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَأَمَّا مَن طَغَىٰ ﴿٣٧﴾ وَآثَرَ الْحَيَاةَ الدُّنْيَا ﴿٣٨﴾ فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ﴿٣٩﴾) މާނައަކީ: ”އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ. ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.“
- ސުވަރުގެ ދިޔުމުގެ މަގަކީ ތަކްލީފުތަކާއި އުނދަގޫތަކުން ފުރިގެންވާ މަގެކެވެ. މުންކަރާތްތަކުންނާއި ފާޙިޝް ޢަމަލުތަކުންނާއި، ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ މަގެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (حفت الجنة بالمكاره، وحفت النار بالشهوات) މާނައަކީ: ”ސުވަރުގެ ވަށާލެވިފައިވަނީ ކުރުމަށް ހިތްނޭދޭ ކަންތައް ތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ޝަހްވަތްތަކުންނެވެ.“
- ނަފްސު އަބަދުވެސް ގޮވަމުން ގެންދާނީ ނުބައިކަންތަކަށެވެ. ނަމަވެސް އެފަދަ ކަންތައްތަކުގެ މައްޗަށް ގަދަވެގަންނަން ޖެހެއެވެ. ސޫރަތު ޔޫސުފްގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أُبَرِّئُ نَفْسِيۚ إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّي ۚ إِنَّ رَبِّي غَفُورٌ رَّحِيمٌ) މާނައަކީ: “ އަދި ތިމަންކަލޭގެފާނުގެ نفس ވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން، نفس އަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.“
- މިކަމުން ސަލާމަތްވުމަށްޓަކައި ގިނަގިނައިން އާޚިރަތް ދުވަސް ހަނދާން ކުރަން ޖެހެއެވެ.
- ހަވާ ނަފްސަކީ ﷲ އަށް ކިޔަމަންތެރި ވުމުގައި އޮތް ހުރަހެކެވެ. ސޫރަތު ޞާދުގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّـهِ) މާނައަކީ: “ އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ.“
- ހަވާނަފްސަށް ތަބަޢަވުމަކީ ހެޔޮކަންތައް ފިލުވާލާ ކަމެކެވެ. އަދި ހުރިހާ ޢަމަލުތައް ފޮހެލާ ކަމެކެވެ.



