”ހެލްތީ ޗައިނާ“ މަސައްކަތް ވަރުގަދަކޮށްފި

2035 ވަނަ އަހަރާ ހަމައަށް ”ހެލްތީ ޗައިނާ“ އެއް ބިނާކުރުމުގެ މަސައްކަތް ޗައިނާއިން ވަރުގަދަކޮށްފި އެވެ.

ބަލިތަކުން ރައްކާތެރިވުމާއި، ސިއްހީ ކަންކަން ބެލެހެއްޓުމާއި އަދި ބޭސްވެރިކަމުގެ އައު އީޖާދުތަކަށް އިސްކަންދީގެން 2035 ވަނަ އަހަރާ ހަމައަށް ”ހެލްތީ ޗައިނާ“ އެއް ބިނާކުރުމަށްޓަކައި އެ ޤައުމުގެ ސިއްހީ ނިޒާމަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ޗައިނާއިން މިހާރު ވަނީ ކަނޑައަޅާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުން ހޯމަ އަދި އަންގާރަ ދުވަހު ބެއިޖިންގްގައި ވަނީ ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ އަމިއްލަ ސިފަތަކާ އެއްގޮތަށް ސިއްހީ ދާއިރާ ތަރައްގީކުރުމަށާއި 15 ވަނަ ފަސް އަހަރުގެ ޕްލޭންގެ މުއްދަތުގައި (2026-2030) ”ހެލްތީ ޗައިނާ“ އިސްނެގުމުގެ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް ގޮވާލެއްވި އެވެ.

މި ބައްދަލުވުމުގައި ”ހެލްތީ ޗައިނާ“ އެއް ބިނާކުރުމަށް ބޭނުންވާ މައިގަނޑު ހަ ދާއިރާއެއް ވަނީ ފާހަގަކޮށްފަ އެވެ.

އެއީ: ސިއްހީ ކަންކަން ބެލެހެއްޓުން، ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް ކޮންޓްރޯލްކުރުން، ސިއްހީ ޚިދުމަތްތައް، ސިއްހީ އިންޝުއަރެންސްގެ އެހީތެރިކަން، ބޭސްވެރިކަމުގެ އައު އީޖާދުތައް އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމެވެ.

ޗައިނާ އެކަޑަމީ އޮފް ޗައިނީޒް މެޑިކަލް ސައިންސަސްގެ ރައީސް ހުއާންގް ލޫގީ ވިދާޅުވި ގޮތުގައި ރައީސް ޝީގެ ބަޔާނަކީ ޗައިނާގެ ސިއްހީ ދާއިރާގެ މިސްރާބާއި އަސާސްތަކާއި އަދި ޖުމްލަ ތަރައްގީއާ ގުޅޭގޮތުން ހުރި މުހިންމު ސުވާލުތަކަށް ދެއްވި ފުރިހަމަ ޖަވާބެކެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ނިޒާމީ ރޭވުންތަކާއި ކަނޑައެޅިފައިވާ ހަ ދާއިރާގެ ސަބަބުން ހަމަހަމަކަމާއި އެންމެން ބައިވެރިވާ ހަލުވި އަދި ފެންވަރު ރަނގަޅު ”ހެލްތީ ޗައިނާ“ އެއް ބިނާކުރުމަށް ސާފު މަގުޗާޓެއް ލިބިގެންގޮސްފައިވެ އެވެ.

ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

ޗައިނާ ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ހޭ ޑަން ފާހަގަކުރެއްވި ގޮތުގައި 1.4 ބިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ޗައިނާގައި މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ އެވްރެޖް އުމުރު 79.25 އަހަރަށް ވަނީ މަތިވެފަ އެވެ.

މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުމުރުން ދުވަސްވާއިރު ވެސް މީހުންގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އެހީތެރިވުމެވެ.

ރައީސް ޝީ ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަކީ އެންމެ ޚަރަދު ކުޑަ އަދި އެންމެ ފައިދާހުރި ސިއްހީ އިސްތިރާތީޖު ކަމަށެވެ. އަދި ދިގު މުއްދަތަށް ހުންނަ ބަލިތަކަށް ފަރުވާކުރުމުގައި ބަލިން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ރިހެބިލިޓޭޝަން އަދި ދިގު މުއްދަތުގެ ބެލެހެއްޓުން ހިމެނޭ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ޗައިނާގެ ސެންޓަރު ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ވަންގް ޖިއާންވޭ ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަކީ އެންމެ މުހިންމު ސިއްހީ ސިޔާސަތު ކަމަށް ރައީސް ޝީ ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

މިއީ ދުރުވިސްނޭ އިސްތިރާތީޖީ ނިންމުމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބަލިވުމަށްފަހު ފަރުވާކުރުމުގެ ބަދަލުގައި މުޅި އާބާދީގެ ސިއްހީ ނުރައްކާތަކަށް ދުރާލައި ފިޔަވަޅު އަޅައި ބައްޔަށް އިސްކަންދިނުމުގެ ބަދަލުގައި މީހާގެ ޖުމްލަ ސިއްހަތަށް އިސްކަންދޭ ނިޒާމަކަށް ބަދަލުވާންޖެހޭ ކަމަށެވެ.

ޒެޖިއަންގް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ ފަސްޓް އެފިލިއޭޓެޑް ހޮސްޕިޓަލްގެ ރައީސް ލިއަންގް ޓިންގްބޯ ވިދާޅުވީ ފަސް އަހަރުގެ ޕްލޭންގެ މުއްދަތުގައި އަސާސީ ފެންވަރުގައި ސިއްހީ ޚިދުމަތް ދިނުމުގެ ގާބިލުކަން ދަށްވުމާއި ދިގު މުއްދަތުގެ ބަލިތަކުގެ ބުރަ ބޮޑުވުމާއި އަދި ސަރަހައްދުތަކުގެ މެދުގައި ފެންވަރު ރަނގަޅު ސިއްހީ ވަސީލަތްތައް ބެހިފައިވާލެއް ހަމަނުޖެހުން ފަދަ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.