
ނުތަނަވަސް ކަމުގައިވެސް ސަޢޫދީން ދަނީ އީރާނާއެކު އޮތް ސިޔާސީ ގުޅުން ދަމަހައްޓަމުން
ސަޢޫދީ ޢަރަބިއްޔާއިން އީރާނާއެކު ޤާއިމުކޮށްފައިވާ ގުޅުންތައް ބަދަހިކުރުމުގެ އެއްބަސްވުމާ ހޫޘީންގެ ހަމަލާތައް ޚިލާފުވާކަމަށް އެ ޤައުމުން ބުނެފި އެވެ.
ސަޢޫދީން ބުނާ ގޮތުގައި ތެޔޮ އުފައްދާ މަރުކަޒުތަކަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކަށް އީރާނުން ދަނީ ހިތްވަރު ދެމުންނެވެ.
ޔަމަނުގެ ހޫޘީން ސަޢޫދީ ޢަރަބިއްޔާއަށް ހަމަލާދިނުމަށް އީރާނުން ހިތްވަރުދޭކަމަށް ބުނެ އެ ޤައުމުން ވަނީ ފާޅުގައި އީރާނަށް ތުހުމަތުކޮށްފަ އެވެ.
ސަޢޫދީން ބުނާ ގޮތުގައި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް 2023 ވަނަ އަހަރު ވެފައިވާ ސިޔާސީ އެއްބަސްވުމާ ޚިލާފު ކަމެކެވެ.
ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފޯ ޕަބްލިކް ޑިޕްލޮމަސީ ރާއިދު ކުރިމްލީ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ހަނގުރާމައިގެ މި ފަހު މަރުހަލާގައި ހޫޘީން ހަމަލާތައް ވަރުގަދަކުރަމުން ދަނީ އީރާނުގެ ހިތްވަރުލިބިގެން ކަމަށް ބެލެވޭ ކަމަށެވެ.
ކުރިމްލީގެ މި ވާހަކަތަކަކީ ޔަމަނުގެ ހަނގުރާމައިގެ ސަބަބުން ރިޔާޒާއި ތެހެރާނާ ދެމެދު އޮތް ގުޅުމަށް ބުރޫއަރަމުންދާކަން ހާމަވި ފުރަތަމަ ފަހަރެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޫޘީންގެ ހަމަލާތަކަކީ ޗައިނާގެ މެދުވެރިކަމާއެކު 2023 ވަނަ އަހަރުގެ މާރިޗު މަހު ސަޢޫދީ އާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކުރުމަށް ވެވުނު އެއްބަސްވުމާ ޚިލާފު އަމަލުތަކެއް ކަމަށެވެ.
އެ ދުވަސްވަރު މި އެއްބަސްވުން ބެލެވިފައި އޮތީ ޗައިނާގެ ޚާރިޖީ ސިޔާސަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ.
”އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފަށް އަދި ބެއިޖިންގް އެއްބަސްވުމުގައި ވެފައިވާ ވައުދުތަކާ ޚިލާފަށް އީރާނުން ދަނީ ހޫޘީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދީ ތަމްރީނު ދީ އަދި އެހީތެރިކަން ފޯރުކޮށްދެމުން،“ ކުރިމްލީ ވިދާޅުވި އެވެ.
އެ އެއްބަސްވުމުގެ ދަށުން، އދ. އިން އިސްނަގައިގެން ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހޫޘީންގެ ހަރަކާތްތައް ކޮންޓްރޯލްކުރުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ގަބޫލުކުރެވެ އެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ސަޢޫދީ ޢަރަބިއްޔާއަށް ވަނީ އެތައް ހަމަލާތަކެއް އަމާޒުވެފަ އެވެ.
މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ނާޒުކު ގުޅުމަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ.
މި އަހަރުގެ ކުރީކޮޅު ބަދަލުހިފުމުގެ ގޮތުން އީރާނަށް ދިން ބައެއް ހަމަލާތަކުގައި ސަޢޫދީން އެމެރިކާއާ ބައިވެރިވި ނަމަވެސް ފަހުން އެ ޤައުމުން ވަނީ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން ފަށާފަ އެވެ.
މިފަދަ ނުތަނަވަސްކަން އޮތް ނަމަވެސް ސަޢޫދީ ޢަރަބިއްޔާއިން ދަނީ އީރާނާއެކު އޮތް ސިޔާސީ ގުޅުން ދަމަހައްޓަމުންނެވެ.



