
ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދީފި
ބުރައިޖް އަދި ނުސީރާތު ރެފިއުޖީ ކޭމްޕްތަކާ ގާތަށް އިސްރާއީލުގެ ޓޭންކުތައް ކުރިއަރަމުންދާތީ އެ ސަރަހައްދުތަކުގައި ތިބި ފަލަސްތީނުގެ އާއިލާތައް ރައްކާތެރިކަން ހޯދުމަށް ދަނީ ފިލަމުންނެވެ.
ވަކި ތަރުތީބެއް ނެތި ދެމުންދާ މި ހަމަލާތަކުގައި މިހާތަނަށް ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސުލްހައިގެ އެއްބަސްވުމެއް އޮތް ނަމަވެސް އިސްރާއީލް ސިފައިން ބުދަ ދުވަހު ވަނީ ޣައްޒާގެ މެދުތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަލުން އެއްގަމު މަގުން އަރައިގަނެ އެ ސަރަހައްދުގައި ތިބި އާއިލާތައް އެތަން ދޫކޮށް ދިއުމަށް މަޖުބޫރުކުރުވައިފަ އެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ ޓޭންކުތައް ބުރައިޖް އަދި ނުސީރާތު ރެފިއުޖީ ކޭމްޕްތަކާ ދިމާލަށް ކުރިއަރަމުންދާ މަންޒަރު ވަނީ ފެނިފަ އެވެ.
ނުސީރާތު ރެފިއުޖީ ކޭމްޕް ކައިރިއަށް ދިން ހަމަލާތަކުގައި ދެ މީހަކު ޒަހަމްވެފައިވާއިރު ކުއްލިއަކަށް ދޭން ފެށި މި ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ދަނީ އެ ސަރަހައްދު ދޫކޮށް ދަމުންނެވެ.
އުމުރުން 35 އަހަރުގެ އިހާބު ބުނި ގޮތުގައި މި ހަމަލާތައް ފެށުނީ ވަރަށް ކުއްލި ގޮތަކަށެވެ. އެހެންކަމުން ވާނުވާ ނޭނގި މީހުން ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ.
”އިސްރާއީލް ސިފައިންގެ އިންޒާރު އައީ ހަމަލާތައް ފެށުނު ފަހުން. އެއީ ވަރަށް ބިރުވެރި ވަގުތެއް. މީހުން ދިޔައީ ބަޑީގެ ހަމަލާތަކުގެ ތެރޭގައި ފިލަން ދުވަމުން. ކުޑަކުދިން ދިޔައީ ރޮމުން. އެއީ ވަރަށް ބިރުވެރި މަންޒަރެއް،“ އޭނާ ކިޔައިދިނެވެ.
އޭނާގެ އާއިލާއާއި އަވަށްޓެރިން ވެސް ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށާއި ކައިރި ހިސާބުތަކުގެ މީހުން ވެސް މިހާރު ތިބީ ހާލުގައި ޖެހިފައި ކަމަށް އޭނާ ބުންޏެވެ.
”އެއީ ފޭލިގެ ޖަހައިގެން ތިބި ސަރަހައްދެއް. މީހުންނަށް އެމީހުންގެ ފޭލިގެތައް ވެސް ހިފައިގެން ދެވޭނެ ފުރުސަތެއް ނުލިބުނު. ގިނަ މީހުން މިހާރު ތިބީ ކައިރީގައި ހުރި ސްކޫލެއްގައި. އެ ސްކޫލަކީ އިސްރާއީލުން ހުސްކުރަން އަންގާފައިވާ ސަރަހައްދެއްގައި ހުރި ތަނެއް ނަމަވެސް، އިތުރު ދާނެ ތަނެއް ނެތުމުން މީހުން ތިބީ އެތަނުގައި. ހާލަތު ވަރަށް ނާޒުކު،“ އޭނާ އިތުރަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހަމަލާދިން ސަރަހައްދުގައި ހުރި ކިންޑަގާޓަންއެއްގައި އޭނާގެ އާއިލާގެ ކުއްޖަކު ވެސް އެވަގުތު އިނެވެ. އެހެންކަމުން ބެލެނިވެރިން އަވަސްވެގަތީ ކުދިން ގޮވައިގެން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށެވެ.
ބުރައިޖްގައި ދިރިއުޅޭ ދެ ކުދިންގެ ބައްޕައެއް ކަމަށްވާ އުސާމާ ރަމްޒީ ބުނި ގޮތުގައި ހަމަލާތައް ދޭން ފެށީ ބުދަ ދުވަހަކު ނޫނެވެ.
އޭގެ ކުރިން ވެސް އެތައް ދުވަހެއް ވަންދެން ބޮން އެޅުން ކުރިއަށްދިޔަ އެވެ.
”ބަޑީގެ ހަމަލާތަކާއި ވައިގެ ހަމަލާތަކުގެ އިތުރުން އަލް-ބުރައިޖްގެ އިރުމަތީ ސަރަހައްދުތަކަށް ކުއަޑްކޮޕްޓަރު ޑްރޯން ބޭނުންކޮށްގެން ގޮވާތަކެތި ހުރި ފީފާތައް ދަނީ އުކަމުން. މިއީ މީގެ ކުރިން އަހަރެމެންނަށް ފެނިފައިވާ ކަމެއް ނޫން،“ ރަމްޒީ ކިޔައިދިނެވެ.
”އިއްޔެ ފަތިހު 2:30 ހާއިރު އަހަރެމެންނަށް ހޭލެވުނީ އެ ފީފާތައް ގޮވުމުން އިވުނު ބާރު އަޑުފަށުން. އަހަރެންގެ ދަރިން ހޭލައިގެން ރޯން ފެށި،“ އޭނާ ބުންޏެވެ.
ބުރައިޖާއި ނުސީރާތު ގުޅުވައިދޭ ސަލާހުއްދީން މަގުގައި ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާތީ އެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމަކީ މިހާރު ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ކަމަށް އޭނާ ބުންޏެވެ.



