ޔާސީން ސޫރަތުގެ ތަފްސީރު 1

(يس) މި އަކުރުތަކާ ގުޅޭގޮތުން ސޫރަތުލް ބަޤަރާގެ ފެށުމުގައި ބަޔާންކުރެވިފައިވާނެއެވެ.
ޖަލާލައިނި ތަފްސީރު:
”يس“ މީގެ މުރާދަކީ ކޮބައިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
وَالْقُرْآنِ الْحَكِيمِ (2)
ކުރު ތަފްސީރު:
ﷲ މިވަނީ، އޭގެ އާޔަތްތައް ބަޔާންވެގެންވާ، އަދި އޭގެ ކުރިމަތިންނާއި ފަހަތުންވެސް އެއްވެސް ބާޠިލްކަމެއް ނާންނަ ޤުރްއާން ގަންދީ ހުވާކުރައްވާފައެވެ.
ޖަލާލައިނި ތަފްސީރު:
”ޙިކުމަތްތެރި ޤުރްއާން ގަންދީ ހުވާކުރައްވަމެވެ.“ އެއީ އޭގެ ނަޒުމްތަކުގެ ފުރިހަމަކަމާއި މާނަތަކުގެ މޮޅުކަމުން ހިފެހެއްޓިފައިވާ ފޮތެވެ.
ސަޢުދީ ތަފްސީރު:
މިއީ މާތްﷲ، ޙިކުމަތްތެރިކަމުން ސިފަވެގެންވާ ކީރިތި ޤުރްއާން ގަންދީ ކުރައްވާ ހުވައެކެވެ. ޙިކުމަތަކީ ކޮންމެ އެއްޗެއްވެސް އޭގެ އެންމެ އެކަށީގެންވާ މަޤާމުގައި ބެހެއްޓުމެވެ. އެގޮތުން އަމުރުފުޅުތަކާއި ނަހީތައް އެންމެ އައުލާވެގެންވާ ތަނުގައި ލެއްވުމާއި، ހެޔޮލަފާ މީހުންނާއި ނުލަފާ މީހުންނަށް ދެވޭ ޖަޒާ އޭގެ އެންމެ އެކަށޭނަ މަޤާމުގައި ލެއްވުން ހިމެނެއެވެ.
މި ޤުރްއާނުގެ ޙިކުމަތްތަކުގެ ތެރޭގައި، ޙުކުމްތައް ބަޔާންކުރައްވާއިރު އޭގެ ޙިކުމަތްތަކާ އެކު ބަޔާންކުރެއްވުން ހިމެނެއެވެ. މިއީ އެ ޙުކުމްތައް ކަނޑައެޅިފައިވާ ސަބަބުތަކާއި ސިފަތަކަށް އިންސާނާގެ ބުއްދި ހޭލައްވާލުމަށްޓަކައެވެ.

إِنَّكَ لَمِنَ الْمُرْسَلِينَ (3)
ކުރު ތަފްސީރު:
އޭ ރަސޫލާއެވެ! ހަމަކަށަވަރުން ކަލޭގެފާނީ، މީސްތަކުންނަށް އެކަލާނގެ އެއްކައުންތަކުރުމަށާއި، އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށް އަމުރުކުރެއްވުމަށްޓަކައި މާތްﷲ ފޮނުއްވި ރަސޫލުންގެ ތެރެއިން ބޭކަލަކީމުއެވެ.
ޖަލާލައިނި ތަފްސީރު:
”އޭ މުޙައްމަދުގެފާނެވެ! ހަމަކަށަވަރުން ކަލޭގެފާނީ ރަސޫލުންގެ ތެރެއިންވާ ބޭކަލަކީމުއެވެ.“
ސަޢުދީ ތަފްސީރު:
ކަލޭގެފާނީ މި ރަސޫލުކަމުގެ ވެރި، މުޙައްމަދު ﷺ ގެ ރިސާލަތާއިގެން ފޮނުއްވުނު ރަސޫލުންގެ ތެރެއިންވާ ބޭކަލަކީމުއެވެ. ކަލޭގެފާނަކީ އަލަށް ފޮނުއްވުނު ރަސޫލެއް ނޫނެވެ. އަދި ކަލޭގެފާނު ގެންނެވި ދީނީ އަސާސްތަކަކީވެސް މީގެ ކުރިން ރަސޫލުން ގެންނެވި ކަންކަމެވެ. ރަސޫލުންގެ ސިފަތަކާއި ޙާލަތްތަކަށް ބަލައި، އެ ބޭކަލުންނާއި އެހެން މީސްތަކުންގެ ތަފާތު ދަންނަ މީހަކަށް، ކަލޭގެފާނުގެ ފުރިހަމަ ސިފަފުޅުތަކާއި މަތިވެރި އަޚްލާޤުގެ ސަބަބުން ކަލޭގެފާނަކީ ރަސޫލެއްކަން ޔަޤީންވާނެއެވެ.
ހުވާކުރެއްވި އެއްޗެއް ކަމުގައިވާ ކީރިތި ޤުރްއާނާއި، ހުވާކުރެވުނު ކަންތައް ކަމުގައިވާ މުޙައްމަދު ﷺ ގެ ރަސޫލުކަމާ ދެމެދު އޮތް ގުޅުން ވަރަށްވެސް ސާފެވެ. ރަސޫލުކަމުގެ އެހެން އެއްވެސް ހެއްކެއް ނެތްކަމުގައި ވިޔަސް، ހަމައެކަނި މި ޙިކުމަތްތެރި ޤުރުއާން، މުޙައްމަދު ﷺ ގެ ރަސޫލުކަމުގެ ތެދުކަމުގެ މައްޗަށް ފުދޭވަރުގެ ދަލީލަކަށް ވާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

عَلَىٰ صِرَاطٍ مُّسْتَقِيمٍ (4)
ކުރު ތަފްސީރު:
ސީދާވެގެންވާ ގޮތެއްގެ މަތީގައެވެ. އަދި ތެދުމަގު ދައްކައިދޭ ޝަރީޢަތެއްގެ މަތީގައެވެ.
މި ސީދާ މަގާއި ޙައްޤު ޝަރީޢަތަކީ، އެއްވެސް ފަރާތަކަށް ގަދަވެގަނެވުމެއް ނުވާ، އަދި މުއުމިން އަޅުތަކުންނަށް އޯގާވަންތަ ކަލާނގެ ބާވައިލެއްވި ކަމެކެވެ.
ޖަލާލައިނި ތަފްސީރު:
”على صراط مستقيم“ (ސީދާ މަގެއްގެ މަތީގައި) މިއީ އޭގެ ކުރީގެ އާޔަތާ ގުޅިފައިވާ ބައެކެވެ. އެބަހީ: ކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންގެ މަގު ކަމުގައިވާ ތައުޙީދާއި ތެދުމަގުގެ މަތީގައެވެ. މި ހުވާގެ ބޭނުމަކީ ”ކަލޭގެފާނަކީ ރަސޫލެއް ނޫނޭ“ ބުނެ ކާފިރުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމެވެ.
ސަޢުދީ ތަފްސީރު:
ދެން ބަޔާންކުރައްވާފައިވަނީ ރަސޫލާ ﷺ ގެ ރަސޫލުކަމަށް ދަލީލުކޮށްދޭ އެންމެ މަތިވެރި ސިފައެވެ. އެއީ އެކަލޭގެފާނު ހުންނެވީ މާތްﷲ ގެ ޙަޟްރަތަށާއި ސުވަރުގެއަށް ވާޞިލްކޮށްދޭ ސީދާ މަގެއްގެ މަތީގައި ކަމެވެ. އެ މަގުގެ ތެރޭގައި ހިތާއި ހަށިގަނޑަށް، އަދި ދުނިޔެއާއި އާޚިރަތަށް ލާބަހުރި ހެޔޮ ޢަމަލުތަކާއި، ނަފްސު ޠާހިރުކޮށްދޭ މަތިވެރި އަޚްލާޤު ހިމެނެއެވެ. މާތްﷲ ގެ ބަސްފުޅު އެކަނިވެސް ފުދޭނެއެވެ. ނަމަވެސް އެކަލާނގެ މިވަނީ މި މަޤާމުގައި އެކަލާނގެ ރަސޫލާގެ ތެދުވެރިކަމުގެ މައްޗަށް ސާފު ހެކިތަކާއި ދަލީލުތައް ދައްކަވާފައެވެ.

تَنزِيلَ الْعَزِيزِ الرَّحِيمِ (5)

އެ ފޮތަކީ عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެ ބާވައިލެއްވި ފޮތެވެ.

ޚުލާޞާ މާނަ:
ސީދާވެގެންވާ މަގަކާއި، ޞައްޙަ ޝަރީޢަތެއްގެ މަތީގައެވެ.
މި ސީދާ މަގާއި ޙައްޤު ތަޞައްވަރަކީ، އެއްވެސް ފަރާތަކަށް ބާރުނުފޯރުވޭ ފަދަ ޢިއްޒަތްތެރި، އަދި މުއުމިން އަޅުތަކުންނަށް އޯގާވަންތަ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާލުއްވާފައިވާ ފޮތެކެވެ.

ޖަލާލައިނި ތަފްސީރު:
މިއީ އެކަލާނގެ ރަސްކަންފުޅުގެ މަތިވެރިކަމާއެކު ”ޢަޒީޒުވަންތަ“ ރަސްކަލާނގެ ބާލުއްވާފައިވާ ވަޙީއެކެވެ. އަދި އެކަލާނގެއީ މިންވަރުކުރެއްވި ފެށުމަކުން މަޚްލޫޤުން އުފެއްދެވި ”ރަޙީމްވަންތަ“ ރަސްކަލާނގެއެވެ. އެބަހީ: މިއީ ކީރިތި ޤުރްއާނެވެ.

އައްސަޢުދީ ތަފްސީރު:
މިއީ ޢަޒީޒުވަންތަ، ރަޙީމްވަންތަ ރަސްކަލާނގެ ޙަޟްރަތުން ބާލުއްވާފައިވާ ސީދާވެގެންވާ މަގެކެވެ. އެކަލާނގެއީ މި ފޮތް ބާލުއްވައި، އެކަލާނގެ އަޅުތަކުންނަށްޓަކައި އެކަލާނގެއާ ހަމައަށް ވާސިލްވެވޭނެ މަގެއްގެ ގޮތުގައި މި ފޮތް ލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ މަތިވެރިކަމާއެކު، މި ފޮތަށް އެއްވެސް ބަދަލެއް ނުވަތަ އުނި އިތުރެއް އައުމުން ރައްކާތެރިކުރެއްވިއެވެ. އަދި އެކަލާނގެ ރަޙްމަތްފުޅުގެ ތަނަވަސްކަމުން، އަޅުތަކުންނަށް ތަނަވަސް ރަޙްމަތެއް ދެއްވައި، އެ ރަޙްމަތުގެ އިންތިޒާރުގައިވާ މީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވިއެވެ.

ނުނިމޭ…

މިއީ surahquran.com ގައި ލިޔެފައިވާ ލިޔުމެއްގެ ދހިވެހި ތަރުޖަމާ އެވެ.

އާޔަތްތަކުގެ ދިވެހި ތަރުޖަމާ ނަގާފައިވާނީ tanzil.net އިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.