
ރަނުގެ އަގު ދަށަށް ގޮއްސި
އެމެރިކާގެ މަރުކަޒީ ބޭންކު (ފެޑަރަލް ރިޒާވް) އިން މާލީ ސިޔާސަތުތައް އިތުރަށް ހަރުކަށިކުރާނެ ކަމުގެ އިޝާރާތްތަކާއެކު ބައިނަލްއަޤްވާމީ ބާޒާރުގައި ރަނުގެ އަގު އިތުރަށް ދަށަށް ގޮސްފި އެވެ.
ބުދަ ދުވަހު ރަނުގެ އަގު ވަނީ އައުންސެއް 3,800 ޑޮލަރަށްވުރެ ދަށަށް ގޮސް ފާއިތުވި އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ރަނުގެ އަގު ނުވެއްޓޭހާ ދަށަށް ގޮސްފަ އެވެ.
ޖީ.އެމް.ޓީ ގަޑިން 05:20 އާ ހަމައަށް ރަނުގެ އަގު ވަނީ ގާތްގަނޑަކަށް 1.5 އިންސައްތަ ދަށަށް ގޮސް އައުންސެއްގެ އަގު 3,792 ޑޮލަރަށް ތިރިވެފަ އެވެ.
މިއީ އެމެރިކާ ޑޮލަރުގެ އަގު ވަރުގަދަވަމުން ދިއުމާ ގުޅިގެން ރަނުގެ އަގަށް އައި ބޮޑު ހީނަރުކަމެކެވެ.
ރަނުގެ އަގަށް މި ބަދަލު އައީ ފެޑަރަލް ރިޒާވްގެ އިސް އޮފިޝަލުން ކަމަށްވާ އަލްބާޓޯ މުސަލެމް އާއި ޖޯން ވިލިއަމްސް އިންޓްރެސްޓް ރޭޓް ބޮޑުކުރަން ޖެހޭ ކަމަށް ބާރުއަޅުއްވައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.
އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު 2 އިންސައްތައަށް ތިރިކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް އިންޓްރެސްޓް ރޭޓް ބޮޑުކުރަން ޖެހޭނެ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ރަނުގެ އަގުން މިހާތަނަށް ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ވަނީ އުނިވެފަ އެވެ.
މި ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތަކާއި އިންފްލޭޝަން މަތިވެ މަރުކަޒީ ބޭންކުތަކުން މާލީ ސިޔާސަތުތައް ހަރުކަށިކުރުމަށް ވަނީ މަޖުބޫރުވެފަ އެވެ.
ޑޮލަރުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ރަނުގެ އިތުރުން ރިހީގެ އަގުވެސް ވަނީ 2.6 އިންސައްތަ ދަށަށް ގޮސް އައުންސެއްގެ އަގު 46.117 ޑޮލަރަށް ތިރިވެފަ އެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން މިހާރު އިންތިޒާރު ކުރަމުންދަނީ ފެޑަރަލް ރިޒާވްގެ އެންމެ ފަހުގެ ބައްދަލުވުމުގެ ރިޕޯޓަށެވެ.
މީގެ ކުރިން ފެޑްގެ ޗެއާ ކެވިން ވޯޝް ވަނީ އިންޓްރެސްޓް ރޭޓާ ބެހޭގޮތުން ސީދާ ވާހަކަދެއްކެވުމުގެ ބަދަލުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުތަކަށް ބޮޑަށް އަލިއަޅުއްވާލައްވާފަ އެވެ.



