
އިންޑޮނޭޝިއާއިން ”މައްކާ ޑިފެންސް ޕެކްޓް“އާ ގުޅުމާ ދިރާސާކުރަނީ
އިންޑޮނޭޝިއާއިން ”މައްކާ ޑިފެންސް ޕެކްޓް“ (މައްކާ ދިފާއީ އެއްބަސްވުން) އާ ގުޅުމާ ބެހޭގޮތުން ދިރާސާކުރަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އިންޑޮނޭޝިއާއިން މި އެއްބަސްވުމުގައި ބައިވެރިވެއްޖެނަމަ މި އިއްތިހާދު ދެކުނު އިރުމަތީ އޭޝިއާއަށް ފުޅާވެގެންދާނެ އެވެ.
ނަމަވެސް ޖަކާޓާއިން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް ވަކި ގޮތެއް ނިންމާފައެއްނުވެ އެވެ.
ތުރުކީގެ ތިން އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އިންޑޮނޭޝިއާއިން މައްކާ އެއްބަސްވުމާ ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށް އެކަމާ ގުޅޭ ގޮތްތައް ބަލަމުންދެ އެވެ.
މިދިޔަ އޯގަސްޓް މަހު ތުރުކީ ސަޢޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނުން ސޮއިކުރި މި އެއްބަސްވުމަކީ ސަރަހައްދީ ސަލާމަތީ ކަންކަމުގައި މުހިންމު އިސްނެގުމަކަށް ވެފައިވާއިރު ސީރިއާ ފަދަ އެހެން ޤައުމުތަކުން ވެސް މިކަމާ މެދު ދަނީ ވިސްނަމުންނެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ދުރުގައި އޮތް ދެކުނު އިރުމަތީ އޭޝިއާގެ ޤައުމެއްގެ ގޮތުގައި އިންޑޮނޭޝިއާ މި އިއްތިހާދުގައި ބައިވެރިވުމަކީ ވަރަށް މުހިންމު ބަދަލަކަށްވާނެ އެވެ.
ތުރުކީގެ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަންކާރާއާއި ޖަކާޓާއާ ދެމެދު އޮތް ގާތް ގުޅުމާއި ހާއްސަކޮށް ދިފާއީ ސިނާއަތުގައި އޮތް އެއްބާރުލުމަށް ބަލާއިރު އިންޑޮނޭޝިއާގެ މި ޝައުގުވެރިކަމަކީ އާދައިގެ ކަމެކެވެ.
އިންޑޮނޭޝިއާއިން ވަނީ މިދިޔަ އަހަރު ތުރުކީގެ 48 ”ކާން“ ފައިޓަރ ޖެޓް ގަތުމަށް 10 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މީގެ އިތުރުން ތުރުކީގެ ތައިސް އާއި ގަތަރުގެ ބަރުޒާން ހޯލްޑިންގާ ދެމެދު ޖެނުއަރީ މަހު ސޮއިކުރި 1 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން ”އިސްތަންބޫލް ކްލާސް“ ގެ ދެ ފްރިގޭޓް ބަނުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި ދިފާއީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދިޔައީ މި މަހުގެ ކުރީކޮޅު ތުރުކީ، އިންޑޮނޭޝިއާ، ޕާކިސްތާން އަދި ގަތަރުން ”ބަދުރު ޕެކްޓް“ ގެ ނަމުގައި ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅިގެންނެވެ.
މި އެއްބަސްވުމުގެ މަގްސަދަކީ ދިފާއީ އުފެއްދުންތަކުގެ މަސައްކަތް ހަރުދަނާކޮށް އަސްކަރީ ވަސީލަތްތައް ފަރުމާކުރުމާއި އުފެއްދުމާއި އަދި ފަންޑުކުރުމުގައި އެއްބާރުލުން އިތުރުކުރުމެވެ.
އިންޑޮނޭޝިއާ އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މައްކާ އެއްބަސްވުމާ ގުޅުމަށް އިންޑޮނޭޝިއާގެ ޝައުގުވެރިކަން ހުރިކަން މިވަގުތު ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ހިމެނޭހެން ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ބާނީން މިވަގުތު އިސްކަންދެނީ މި ނިޒާމު އިދާރީ ގޮތުން ހަރުދަނާ ކުރުމަށެވެ. އަދި މިވަގުތު އާ މެންބަރުން އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
ޖިއޯޕޮލިޓިކަލް އިންޓެލިޖެންސް ސާވިސަސްގެ ތަޖުރިބާކާރެއް ކަމަށްވާ އަދިންދާ ޚައިރާނީ އެޕްސްޓައިން ވިދާޅުވި ގޮތުގައި އިންޑޮނޭޝިއާއިން މިފަދަ ކަމަކަށް ވިސްނަމުންދާ ކަމުގެ އެއްވެސް ރަސްމީ އިޝާރާތެއް ނެތެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ޕްރަބޯވޯ ވަނީ ސެޕްޓެމްބަރު 2026 ގައި ބޭއްވި އިކޮނޮމިކް ފޯރަމެއްގައި އިންޑޮނޭޝިއާގެ މިނިވަން އަދި ހަރަކާތްތެރި ޚާރިޖީ ސިޔާސަތު ދަމަހައްޓަވާނެ ކަމަށާއި އެއްވެސް އަސްކަރީ އިއްތިހާދަކާ ގުޅުމުގެ ގަސްތެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
މި ސިޔާސަތަށް ބަލާއިރު މައްކާ އެއްބަސްވުމާ ގުޅުމަކީ އިންޑޮނޭޝިއާގެ ޒަމާންވީ ޚާރިޖީ އުސޫލުތަކާ ޚިލާފު ކަމަކަށް ވާތީ އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.



