
ނިއުޔޯކްގެ ޤާނޫނު ހަދާ މަޖިލީހަށް ފުރަތަމަ ފަހަރަށް ފަލަސްޠީނު ދަރިކޮޅުގެ ރައްޔިތެއް އިންތިޚާބުވެއްޖެ
ނިއުޔޯކް ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި ފުރަތަމަ ފަލަސްޠީނު ދަރިކޮޅުގެ އެމެރިކާ ފުރަތަމަ ރައްޔިތަކަށް އަބީރް ކަވާސް ވެއްޖެ އެވެ.
މީގެއިތުރުން ކަވާސް އަކީ އެ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި ބުރުގާ އަޅާ ފުރަތަމަ މުސްލިމް އަންހެން ބޭފުޅާވެސްމެ އެވެ.
ނިއުޔޯކް ސްޓޭޓް ސެނެޓްގެ 12 ވަނަ ދާއިރާގެ ގޮނޑި އަބީރް ކަވާސް ކާމިޔާބު ކުރެއްވީ ވޯޓުގެ 90 އިންސައްތަ ގުނާ ނިމުނުއިރު 75 އިންސައްތަ ވޯޓު ހޯއްދަވައިގެން ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވެ އެވެ.
މިއީ ނިއުޔޯކް ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ބުރުގާ އަޅާ ފަލަސްތީނު ދަރިކޮޅުގެ އެމެރިކާ ރައްޔިތަކު ޚިދުމަތް ކުރައްވާނެ ފުރަތަމަ ފަހަރެވެ. އަދި އޭނާއަކީ މުޅި އެމެރިކާގައިވެސް ސްޓޭޓް ފެންވަރުގެ މަގާމަކަށް އިންތިޚާބުވި މަދު ފަލަސްތީނު ދަރިކޮޅުގެ މީހުންގެ ތެރެއިން އެކެކެވެ.
ކަވާސްގެ ކެމްޕޭން ޝިއާރަކީ ”ކަރާމާތަށް ޚަރަދުކުރުން ހަލާކުކުރުމާ ދެކޮޅަށް މަސައްކަތްކުރުން“ މިއެވެ.
”ކަރާމާތަށް ޚަރަދުކުރުން“ މި ޝިއާރުން އޭނާ އިޝާރާތް ކުރައްވަނީ އެންމެނަށް ސިއްހީ ފަރުވާ ލިބުމާއި އަވަސް އަދި އިތުބާރު ހިފޭ އާންމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާއި އަދި އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.
”ހަލާކުކުރުމާ ދެކޮޅަށް މަސައްކަތްކުރުން“ މި ޝިއާރުން ރަމްޒުކޮށްދެނީ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމާއި ހިޖުރަވެރިންގެ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން ”ހަނގުރާމައަށް ފައިސާ ނުދިނުމަށް“ އޭނާ ގެންގުޅުއްވާ ސިޔާސަތެވެ.
ކަވާސްއަކީ ”ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާ“ (ޑީ.އެސް.އޭ) ގެ މެންބަރެކެވެ. މި ޖަމާޢަތުގެ މެންބަރު ޒުހްރާން މަމްދާނީ މިދިޔަ އަހަރު ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބުގައި ހޯދި ތާރީޚީ ކާމިޔާބީއަށްފަހު އެ ޖަމާޢަތަށް ދަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ.
މި އިންތިޚާބުގައި ޑީ.އެސް.އޭގެ ފަރާތުން ވާދަކުރި ގިނަ ކެންޑިޑޭޓުންގެ ތެރޭގައި ކަވާސް ހިމެނިވަޑައިގަންނަވަ އެވެ.
މަމްދާނީގެ އިތުރުން ސެނެޓަރު ބާނީ ސޭންޑާސް އަދި ކޮންގްރެސް މެންބަރު ރާޝިދާ ތަލައިބް ފަދަ ނުފޫޒުގަދަ ޑިމޮކްރެޓުން ވަނީ ކަވާސްއަށް ތާއީދުކުރައްވާފަ އެވެ.
އޭނާގެ މި ކާމިޔާބީން ހާމަވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި ފަލަސްތީނަށް ތާއީދުކުރާ މީހުންގެ ނުފޫޒު ގަދަވަމުންދާ މިންވަރެވެ.
ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ކަވާސް ވަނީ 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްތެރިންގެ ހައްގުތަކާއި ހިޖުރަވެރިންގެ ހައްގުތަކާއި އަދި ފަލަސްޠީނުގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
މިދިޔަ މަހު ދެއްވި އިންޓަވިއުއެއްގައި ކަވާސް ވިދާޅުވީ 2023 ވަނަ އަހަރު އޭނާ މަސައްކަތް ކުރެއްވީ އިސްރާއީލަށާއި ފަލަސްޠީނުގައި ހިންގާ އަސްކަރީ އިސްތިއުމާރަށް އެހީތެރިވުމަށް ފޯރުކޮށްދޭ ފައިސާ ހުއްޓުވުމަށް ސަރުކާރުގެ ލޯކަލް ފެންވަރުގައި މަސައްކަތްކުރާ އިއްތިހާދެއްގެ ތެރެއިން ކަމަށެވެ.
އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ޗެރިޓީ ޖަމާއަތްތަކުން އެތައް މިލިއަން ޑޮލަރެއް ހޯދައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ފޮނުވާކަން އެ ޓީމަށް ވަނީ ފާހަގަކުރެވިފަ އެވެ.
މިކަމާ ގުޅިގެން ކަވާސް ވަނީ ”ނޮޓް އޮން އަވަރ ޑައިމް“ (އަހަރެމެންގެ ފައިސާއަކުން ނޫން) ގެ ނަމުގައި ކެމްޕޭނެއް ފައްޓަވާފަ އެވެ.
މި ކެމްޕޭނުގެ މަޤްޞަދަކީ ފަލަސްޠީނުގެ ބިންތައް ޣައިރު ޤާނޫނީ ގޮތެއްގައި ހިފައިގެން ތިބި ތިބުމަށް އެހީތެރިވާ ޖަމާޢަތްތަކަށް ނިއުޔޯކްގެ ފައިދާ ނުލިބޭ ޖަމްޢިއްޔާތަކުން ފައިސާ ފޮނުވުން މަނާކުރުމެވެ.
”މީހުންނަށް އެހީވުމަށް ފައިސާ އެއްކުރާ ޗެރިޓީ ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ބަޔަކު އެ ފައިސާ ބޭނުންކޮށްގެން އިންސާނީ ހައްގުތަކަށް އަރައިގަނެ ލާއިންސާނީ އަމަލުތައް ހިންގުމަކީ ނިއުޔޯކް ސްޓޭޓްގެ ޤާނޫނު ހުއްދަކުރާނެ ކަމަކަށް ވެގެންނުވާނެ،“ ކަވާސް ވިދާޅުވި އެވެ.
މި ބިލު ހުށަހެޅުމަށްޓަކައި އޭނާ މަސައްކަތް ކުރެއްވީ އޭރުގެ ނިއުޔޯކް ސިޓީ އެސެމްބްލީ މެންބަރު މަމްދާނީ އާއި ސްޓޭޓް ސެނެޓަރު ޖަބާރީ ބްރިސްޕޯޓާ ގުޅިގެންނެވެ.
ބްރިސްޕޯޓް ވަނީ 2023 ވަނަ އަހަރުގެ މެއި މަހު މި ބިލު ތައާރަފުކޮށްފަ އެވެ.
ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ބޮޑު ދެކޮޅުވެރިކަމަކާ ހުރެ ”އިސްރާއީލުގެ ވަޒަންވެރިން ހިންގާ އަނިޔާވެރިކަމަށް ނިއުޔޯކުން ދޭ ފައިސާ ހުއްޓުވުމުގެ ބިލު“ ޤާނޫނަކަށް ވެފައެއްނުވެ އެވެ.
ކަވާސް ވިދާޅުވީ އޭރުގެ އެސެމްބްލީ މެންބަރު މަމްދާނީއާއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.
ސިޔާސީ މީހުންނާ މެދު އޭނާގެ ހިތުގައި ކުރިން އޮތް ޝައްކުތައް ފިލައި މި މަރުހަލާގެ ސަބަބުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމަށް ހިތްވަރު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
”އިންތިޚާބީ މަގާމެއްގައި ހުރެގެން މީގެ ކުރިން ދުވަހަކުވެސް ކޮށްފައިނުވާ ފަދަ ކަންކަން ކުރެވިދާނެކަން އޭނާގެ މަސައްކަތުން ފެނިގެންދިޔަ. ނޮޓް އޮން އަވަރ ޑައިމް ބިލު ހުށަހެޅިއިރު އެއީ ނިއުޔޯކް ސްޓޭޓްގައި މީގެ ކުރިން ދުވަހަކުވެސް ކޮށްފައިވާ ކަމެއް ނޫން. ފަލަސްތީނުގެ އިންސާނީ ހައްގުތަކަށްޓަކައި އިސްނަގައިގެން އެފަދަ މަސައްކަތެއް މީގެ ކުރިން އެއްވެސް ފަރާތަކުން ކޮށްފައެއް ނުވޭ،“ ކަވާސް ވިދާޅުވި އެވެ.



