
ޑޮލަރު ލިބުން ދަތިވަނީ ސަރުކާރުގެ ބޭކާރު ޚަރަދުތަކުގެ ސަބަބުން – ވީޕީ ފައިސަލް
ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ޢާންމުންނަށް ޑޮލަރު ލިބުން ދަތިވެފައިވަނީ ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތަކުގެ ސަބަބުން ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނސީމު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑުއަގުގައި ޑްރޯން ގަތުމަށާއި، މިވަޤުތަށް ބޭނުންނުވާ މިންވަރަށް ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރަމުންދާކަމަށެވެ.
މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ގެނެސްގެން ރަސްމާލޭގެ ނަމުގައި ބޮޑު ފަޅެއް ހިއްކަމުންދާއިރު، މަސައްކަތް ނުކުރިޔަސް ދުވާލަކަށް އެތައް ލައްކަ ޑޮލަރެއްގެ ކުއްޔެއް ދައްކަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސަރުކާރުން ގަބޫލު ނުކުރިޔަސް، ޑޮލަރުގެ އަގު އިންތިހާ އަށް އުފުލިގެން ދިޔުމުގެ ހަގީގީ އެންމެ ބޮޑު އެއް މައްސަލަ އަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑު އަގުގައި ޑުރޯންތަކެއް ގަތުމަށް ޑޮލަރުތަކެއް ހޭދަކުރުން. އަދި މި ވަގުތަށް އަދި މީގެ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް ބޭނުން ނުވާނެ މިންވަރަށް ބިން ހިއްކުމުގެ އަގު ބޮޑު މަޝްރޫއެއް ފަށައިގެން އެކަމަށް އެތައް މިލިއަން ޑޮލަރެއް ސަރުކާރުން ޚަރަދުކުރުން. -ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު-
ޤައުމެއްގެ ޒިންމާދާރު ވެރިން އަބަދުވެސް އިސްކުރަންވާނީ ރައްޔިތުންގެ މަސްލަޙަތު ކަމަށާއި، ދަތި ދުވަސްވަރު ޚަރަދު ކުޑަކޮށް، ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ފައިސަލް ގޮވާލެއްވި އެވެ. ކުރިން ހިއްކާފައިހުރި ބިންތައް ތަރައްޤިކުރުމުގެ މުހިންމުކަން އެ ޕޯސްޓުން ދޭހަވެ އެވެ.



