
ބައި-އިލެކްޝަންގެ ވޯޓުލުން 8:00 ގައި ފަށައިފި
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ، ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓްއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރާނީ އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓްއެވެ.
އައްޑުއަތޮޅު އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓު ވާދަކުރާނެއެވެ. އަދި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓު ވާދަކުރާނެ އެވެ.



