
ޣާޒީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް، ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވާއި، ތަރަޤީކުރުމަށް، ސަރުކާރުން ނުހަނު އިސްކަމެއް ދެއެވެ. އެގޮތުން ކުރެވޭ އެންމެ މުހިންމުކަމަކީ ޅަފަތުގައި ކުދިން، މިކަމަށް އަހުކުވެރިކޮށް ޝައުގުވެރިކުރުވުމެވެ. މި މަގުސަދުގައި މި ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީންތައް ފޯރުކޮށްދެމުންނެވެ.
މި މަސައްކަތުގެ ތެރެއިން އޭޕްރީލް 23 ވަނަ ދުވަހުވަނީ ޣާޒީ ސްކޫލުގައި ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމެއް ފަށާފައެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔައީ ތިއަރީ ބައެވެ. މި ސެޝަނުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ހައިޑްރޯޕޮނިކްސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފަންނީ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
ހޮނިހިރު ދުވަހު، ކުރިޔަށްގެންދިޔަ އަމަލީ މަސައްކަތުގެ ފުރަތަމަ ސެޝަނުގައި، ގަސް އިންދުމަށް ބޭނުންވާ މީޑިއަމް ތައްޔާރުކުރާނެ ގޮތާއި އޮށް އިންދާނެ ގޮތް ދަރިވަރުންނާއި މުވައްޒަފުން ވަނީ ދަސްކޮށްފައެވެ. މިގޮތުން ދަރިވަރުން ކުރިން އިންދާފައިވާ ކުދި ގަސްތައް ވަނީ ހައިޑްރޯޕޮނިކްސް ސިސްޓަމްތަކަށް ބަދަލުކޮށްފައެވެ.
މި ތަމްރީން ޕްރޮގްރާމް، އޮށް އިންދުމާއި ހިސާބުން ފެށިގެން އެއިން ކާނާ ކެނޑުމާއިހަމައަށް ކުރިޔަށް ކުރިޔަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމްގެ މުއްދަތަކީ 25 ދުވަހެވެ.



