
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ހޭނުމަށް ބޭނުންވާ ފައިސާގެ އެހީ އަވަހަށް ލިބޭނެގޮތް ހަދައިދިނުމަށް މިނިސްޓަރ ތާރިޤް އެދިވަޑައިގެންފި
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ އެހީ އަވަހަށް ލިބޭނޭ ގޮތް ހައްދަވައިދެއްވުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ގޮވާލައްވައިފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ މި އަހަރުގެ ސަމިޓުގެ އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް މިއަދު ކުރެއްވި ތަޤްރީރުގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މަޣުރިބް ކަރައިގެ މުރާކިޝްގައި ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ 22 ވަނަ ކޮންފަރެންސް އޮފް ޕާޓީސްގައި އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސްގެ ޗެއާރގެ ހައިޘިއްޔަތުން މިނިސްޓަރ ޠާރިޤް ދެއްކެވި ވާހަކަފުޅުގައި މި ކޮންފަރެންސްގެ އެންމެ މުހިއްމު އެއް މަޤުޞަދަކީ މިދިޔަ އަހަރު ފަރަންސޭސިވިލާތުގައި އެއްބަސްވި ޕެރިސް އެގްރިމެންޓަށް ޢަމަލީ ސިފައެއް ގެނައުން ކަމަށާއި މާޒީގައި ދެކެވުނު ވާހަކަތައް ޙަޤީޤަތަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ.

މިނނިސްޓަރ ޠާރިޤްގެ ވާހަފުޅުގައި އިތުރަށް ވިދާޅުވީ ”މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މި މަސައްކަތަށް ޢަމަލީ ސިފަ ގެނައުން ލަސްވާ ކޮންމެ ވަގުތަކީ އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމަށް އިތުރުވާ އަދި މިޤައުމުތަކަށް އޮތް ފުރުޞަތު ހަނިވަމުންދާ ވަގުތު “ ކަމަށެވެ.
ދުނިޔޭގެ ފިނިހޫނުމިން ސިނާޢީ އިންޤިލާބު ފެށުނު ދުވަސްވަރަށްވުރެ 1.5 ދަރަޖަ މައްޗަށް ދިޔަ ނުދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެ ފަހުގެ ސައިންސްގެ ދިރާސާތައް ދައްކާ ގޮތުން ދުނިޔޭގެ ފިނިހޫނުމިން 1.5 ދަރަޖައަށްވުރެ މައްޗަށް ހިނގައްޖެ ނަމަ، ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށް ވަރަށް ނުރައްކާވާނެކަމަށް ވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
އަދި މިދިޔަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިހުގައި ވެފައުވާ އެއްބަސްވުމުގައިވާގޮތަށް މިކަން ކާމިޔާބު ކުރުމަށްޓަކައި ހުރިހާ ޤައުމުތަކުންވެސް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

އަދި މި މަސައްކަތަށް ލިބެންޖެހޭ ފައިސާ އަދި އެހީގެ ކަންތައް ހަމަޖެއްސުމަށާއި މިކަން ކާމިޔާބު ކުރެވޭނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން 2020 ގެ ކުރިން އަހަރަކު ދޭން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަދައިދީގެން ކަމަށް ވިދާޅުވިއެވެ. މި ފައިސާއަކީ އަބަދު ދެމުން އަންނަ އެހީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް އަލަށް ދެވޭ ފައިސާއަށް ވާންޖެހޭނެ ކަމަށްވެސް މިނިސްޓަރ ޠާރިޤްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޠާރިޤްގެ ވާހަކަފުޅުގައި ފަރަންސޭސިވިލާތުގައި ވެފައިވާ އެއްބަސްވުން މިހާއަވަހަށް ތަސްދީޤުވުމުގައި ބައިނަލްއަޤްވާމީ ދުނިޔެއިން ދެއްކި ނަމޫނާއަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި އެފަދަ އެއްބައިވަންތަ ކަމެއް ދެއްކިއްޖެނަމަ ޕެރިސް އެގްރިމެންޓްގައިވާ ކަންތައްތައް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.



