
ސްޕެޝަލް އަދި ބިޒްނަސް ވިސާ ދޫކުރުމުގެ އުސޫލު އިތުރަށް ހަރުކަށިކޮށްފި
ސްޕެޝަލް އަދި ބިޒްނަސް ވިސާ ދޫކުރުމުގެ އުސޫލު އިތުރަށް ހަރުކަށިކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ވަރުގަދަކުރުމުގެގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިބަދަލުގެނައުމުން ވިސާ އެޕްރޫވްކުރަން މިހާރު ހޭދަކުރާ ވަގުތަށްވުރެ 48 ގަޑިއިރުގެ ވަގުތެއް ހޭދަކުރަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިސާ އެޕްރޫޕް ނުކުރަނީސް އެއްވެސް ފަރާތަކުން ރާއްޖެއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އިމިގްރޭޝަނުން މިގޮތަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައިމިވަނީ އުރުދުންގެ ފަތުރުވެރިއަކަށް ވިސާ ނުދޭން އިމިގްރޭޝަނުން ނިންމުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އިމިގްރޭޝަންގެ އޮފިސަރުންނަށް އޭނާ އިންޒާރުދިން މައްސަލާގައި އޭނާ ހައްޔަރުކުރުމުން ތަފާތު ވާހަކަތައް ދެކެވެމުންދާ ވަގުތެއްގައެވެ.
މިމައްސަލާގައި މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އޭނާ ރާއްޖެއިން ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.



