ޓީއެފްޖީ އިން އަނެއްކާވެސް ތަފާތު ދުވުމެއް. މިފަހަރު ކަނބަލުންނަށް ޚާއްޞަ..
ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އަކީ ރާއްޖޭގައި ތަފާތު އެކި ދުވުންތައް ބާއްވާ، ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ބައެކެވެ.
އެގޮތުން ކޮކާކޯލާ ޓީއެފްޖީ ލޯންގ ރަން، ރަން އިން މޯލްޑިވްސް ސިލްސިލާގައި ހިމަނައިގެން އައްޑުސިޓީ އަދި ލ. އަތޮޅުގައި ބާއްވަމުން އަންނަ ދުވުމާއި މިއަހަރު މުޅިން އަލަށް ބޭއްވި ”ބޮޑުހާފު“ ހިމެނެއެވެ.
ޓީއެފްޖީއަކީ ރާއްޖޭގައި ދިގު ދުވުންތައް ނުވަތަ ލޯންގ ޑިސްޓެންސް ދުވުންތަކަށް ފުރުޞަތު ހުޅުވާލަދިން ފަރާތޭ ބުނަމަކީ ދޮގަކަށް ނުވާނެއެެވެ. އަދި އެފަދަ ފުރުޞަތުތައް އަންނަނީ ގިނަ ބަޔަކަށް ފަހިކޮށްދެމުންނެވެ.
އެގޮތުން އަލަށް ތަޢާރަފް ކުރަމުން އަންނަ ދުވުންތަކާއި ކަސްރަތުގެ އެކި ހުނަރުތައް ފުޅާކުރަމުން އައިސް އަންނަ 2019 ވަނަ އަހަރު މިވަނީ އަނެއްކާވެސް ދުވުމުގެ ވުޖޫދަށް މުޅިން އާ ބޮޅެއް އިތުރުކުރުމަށް ނިންމާފައެވެ. އަންހެނުންނަށް ޚާއްޞަކޮށްގެން ”ރަނިންރަން“ ގެ ނަމުގައި ދުވުމެއް ބާއްވަން މިހާރު ވަނީ ނިންމާފައެވެ. އަދި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
މި ދުވުން ފަށާނީ މާރޗު 1، 2019 ވަނަ ދުވަހުގެ ހެނދުނު 07:20 ގައި ކަމަށާއި ދުވަން ޖެހޭނީ 3.5 ކިލޯމީޓަރުގެ ލޫޕެއްގައި ( އެ ލޫޕުގަ 2 ބުރު) ކަމަށްވެސް ޓީއެފްޖީ އިން ބުންޏެވެ.
7 ކިލޯ މީޓަރަށް ދުވާ (runinrun) އަންނަ 2019 ވަނަ އަހަރުގެ މާރޗު 1 ވަނަ ދުވަހު ބާއްވާ އިރު، މި ދުވުން އިންތިޒާމު ކުރުމުގައިވެސް ހަރަކާތްތެރިވާނީ ހަމައެކަނި ކަނބަލުންކަމަށް ޓީއެފްޖީ އިން ބުންޏެވެ.
“ މި ދުވުމުގަ ހުރިހާ ކަމެއްވެސް އުޅޭނީ ކަނބަލުން. ޓައިމިންގ ބެލުމާ، ފިނިޝަރ ޓީޝާޓް ޙަވާލުކުރުމާ މިހެންގޮސް ހުރިހާ ކަމެއްގައިވެސް އުޅޭނީ ކަނބަލުން“ ޓީއެފްޖީގެ އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ http://www.gotorace.com/event/runinrun-2019/ ލިންކުމެދުވެރިކޮށް ރަނިންރަންގައި ބައިވެރިވެވޭނެ ކަމަށެވެ.