
އިސްރާއީލުން ފަލަސްތީނުގެ ބިން ވިއްކާ މައްސަލައެއް ކެނެޑާގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި
އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ޣައިރުޤާނޫނީ ގޮތުން ހަދާފައިވާ އާބާދުތަކުން ބިން ވިއްކާ މައްސަލައެއް ކެނެޑާގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅި ޤާނޫނީ ވަކީލުން ބުނާ ގޮތުގައި އިސްރާއީލުގެ ހަތަރު ކުންފުންޏަކާއި ކެނެޑާގެ މާކެޓިން ކުންފުންޏަކުން ވަނީ އެ ބިންތަކަކީ އިސްރާއީލުގެ ސަރަޙައްދުގެ އެތެރޭގައި ހުރި ބިންތަކެއް ކަމަށް ބުނެ އޮޅުވާލައިފަ އެވެ. ނަމަވެސް އެއީ އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކެކެވެ.
ކެނެޑާގެ ބައެއް ރައްޔިތުން ވަނީ އެ ޤައުމުގެ ފެއަރ މާކެޓިންގ ރެގިއުލޭޓަރ ކަމަށްވާ ”ކޮމްޕެޓިޝަން ބިއުރޯ“ އަށް މި މައްސަލަ ތަޙުޤީޤު ކުރުމަށް ގޮވާލާފަ އެވެ.
އެފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މި ކުންފުނިތަކުން ވަނީ ފަލަސްތީނުގެ ދައުލަތަކަށް ޚާއްޞަ ކުރެވިފައިވާ ބިންތަކަކީ އިސްރާއީލުގެ ބިންތަކެއް ކަމަށް ދައްކައި ދޮގު އިޝްތިހާރު ބޭނުންކޮށްގެން ކެނެޑާގެ ކަސްޓަމަރުންނަށް ބިން ވިއްކަން މަސައްކަތްކޮށްފަ އެވެ.
”ގްލޯބަލް އެކޯ ލިޓިގޭޝަން ސެންޓަރު“ އާއި ”ކެނެޑިއަން ލޯޔާސް ފޯ އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް“ ގުޅިގެން މިދިޔަ ބުދަ ދުވަހު އޮޓާވާގައި ހުށަހެޅި މި ޝަކުވާގައި ބުނެފައިވަނީ މިއީ ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގައި ބައިވެރިވާ އިޤްތިޞާދީ ފަރާތްތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކޯޓުތަކުގައި ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
މި މައްސަލަ ހުށަހެޅި ހަ މީހުންގެ ތެރޭގައި ފަލަސްތީނު މީހުންނާއި ޔަހޫދީން ހިމެނޭއިރު އެމީހުން ވަނީ އެމީހުންގެ ވަނަވަރު ސިއްރުކުރުމަށް އެދިފަ އެވެ.
ޖުމްލަ 127 ސަފުހާގެ މައްޗަށް އެކުލެވޭ މި ޝަކުވާ ބިނާކޮށްފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން 2026 ވަނަ އަހަރުގެ މޭ މަހާ ދެމެދު ކެނެޑާގެ މޮންޓްރިއަލް އަދި ޓޮރޮންޓޯގައި ބޭއްވި އިސްރާއީލުގެ ރިއަލް އެސްޓޭޓް ހަރަކާތްތަކުގެ މައްޗަށެވެ.
އެ ޝަކުވާގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ހަރަކާތްތަކަށް ދިޔަ ކެނެޑާގެ ކަސްޓަމަރުންނަށް ދައްކާފައިވަނީ އެއީ އިސްރާއީލުގެ ސަރަޙައްދުގައި ހުރި ބިންތަކެއްގެ ގޮތުގަ އެވެ.
ނަމަވެސް އެ ކުންފުނިތަކުން އިޝްތިހާރު ކުރި ބިންތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ އިސްރާއީލުގެ ބޯޑަރުން ބޭރުގައި ހުރި އަދި ކެނެޑާ ސަރުކާރުންވެސް ބަލައިގަންނަ ގޮތުގައި އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތައް ހިމެނެ އެވެ.
މި މައްސަލައިގައި ހިމެނޭ އިސްރާއީލުގެ ކުންފުނިތަކަކީ ޓިވޫކް ޝެލީ ނޯމް ހޯމްސް، މެނީ ގްރޫޕް އަދި އެފީ ކެޕިޓަލް އެވެ. މީގެ ތެރެއިން އެފީ ކެޕިޓަލް އަކީ ކެނެޑާގެ މާކެޓިން ކުންފުންޏެއް ކަމަށްވާ ކޯހެން ގްރޫޕާ ގުޅިގެން މަސައްކަތްކުރާ ކުންފުންޏެކެވެ.
ޝަކުވާގައި އިތުރަށް ބުނެފައިވަނީ، މި ކުންފުނިތަކުން ކެނެޑާގެ އާންމުންނަށް ދީފައިވާ މަޢުލޫމާތަކީ ކަނޑައެޅިގެން ދޮގު އަދި އޮޅުވާލުން އެކުލެވޭ މަޢުލޫމާތުތަކެއް ކަމަށާއި މިއީ ކެނެޑާގެ ”ކޮމްޕެޓިޝަން އެކްޓް“ ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށެވެ.
ގްލޯބަލް އެކޯގެ އެގްޒެކެޓިވް ޑައިރެކްޓަރ އެމިލީ ޝެފަރ އޮމަރ-މޭން ވިދާޅުވީ މިއީ ހަމައެކަނި އޮޅުވާލައިގެން މުދާ ވިއްކުމުގެ މައްސަލައެއް ނޫން ކަމަށެވެ.
މިއީ ހަކުރު ނުހުންނާނެ ކަމަށް ބުނެ ހަކުރު ހުންނަ އެއްޗެއް ވިއްކުން ފަދަ އާދައިގެ ކަމެއް ނޫން ކަމަށާއި މިއީ ބައިނަލްއަޤްވާމީ ގޮތުން ހަނގުރާމަ ހިނގަމުންދާ އަދި ޣައިރުޤާނޫނީ ގޮތުން ހިފާފައިވާ ބިމެއްގައި ހުރި މުދަލެއް ވިއްކުން ކަމަށެވެ. އަދި މީގެ ސަބަބުން ކެނެޑާގެ ރައްޔިތުންނަށް ނޭނގި ނަމަވެސް ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވެވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.



