ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތަޢާރަފްކޮށްފި
އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ނިޒާމެއް މިއަދު ތަޢާރަފްކޮށްފިއެވެ.
މިއީ އުރީދޫ މޯލްޑިވްސް އާއި ޓްރީޓޮޕް ގުޅިގެން ތަޢާރަފް ކުރި ޚިދުމަތެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް އަދި އުރީދޫ އެމް-ފައިސާގެ މޮބައިލް އެޕް މެދުވެރިކޮށްވެސް ޓްރީޓޮޕް ކަސްޓަމަރުންނަށް އެމް-ފައިސާގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. މިގޮތުން އެޕޮއިންޓްމަންޓް ހެދުން، އޯ.ޕީ.ޑީގެ ޚިދުމަތްތައް އަދި ބޭސްފަރުވާ ފަދަ ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ އެންމެހާ ޚިދުމަތްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.
ޚިދުމަތާއިގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ކުރިއެރުން ގެނެސްދިނުމަށް އުރީދޫއިން ގިނަ ގުނަ އިންވެސްޓްމަންޓުތަކެއް ކުރަމުންދާ ކަމަށެވެ.
“ އަޅުގަނޑުމެން ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ޢާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް. މިއަދު ޓްރީޓޮޕްއާއެކު ފެށުނު މި ގުޅުން އިތުރަށް ވަރުގަދަކޮށް އެމް-ފައިސާ އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުން ފަދަ ބޭނުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.“ ނަޖީބު ޚާން ވިދާޅުވިއެވެ.
އުރީދޫ އެމް-ފައިސާ އަކީ ކޮންމެތާކުން އަދި ކޮންމެ ވަގުތެއްގައިވެސް ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވާ ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ.
މިއީ ކަރަންޓު، އިންޓަރނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމް.ޑަބްލިއު.އެސް.ސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މޯލްޑިވްގޭސް ބިލްތައްވެސް ހިމެނެއެވެ.
އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކޮށްގެން މި ފަސޭހަ ޚިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެއެވެ. އަދި އެމް-ފައިސާ ޚިދުމަތާއި ބެހޭ އިތުރު މަޢުލޫމާތް ހޯއްދެވުމަށް އުރީދޫ ވެބްސައިޓް (www.ooredoo.mv/mfaisaa) އަށް ޒިޔާރަތް ކުރައްވާށެވެ.