ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާ އިބޫ އަދި ނައިބު ރައީސްކަމުގެ ހުވާ ފައިސަލް ކުރައްވައިފި
ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާ އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) އަދި ނައިބު ރައީސްކަމުގެ ހުވާ ފައިސަލް ނަސީމު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމް ހުވައި ކުރެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ އަދި ނައިބު ރައީސް ފައިޞަލް ނަސީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ އެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައިކުރެއްވުމާއިގުޅިގެން 21 ބަޑީގެ ސަލާމެއް އަރުވައި ޤައުމީ ސަލާން ކުޅުނެވެ. އަދި ޤާނޫނީ ހުވާގެ ލިޔުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސޮއިކުރެއްވިއެވެ.
މި ދެލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ސްރީލަންކާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކް އާއި ދަޢުވަތުއަރުވާފައިވާ ރާއްޖެއާއި ބޭރުގެ ގިނަ ޢަދަދެއްގެ ބޭފުޅުންނާއި ޢާންމު ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.