އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުތަކުން އާސެނަލް މޮޅުވިއިރު މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން އެޓީމު އެއްވަރުވެއްޖެއެވެ.
މި ނަތީޖާތަކާއެކީ ލީގުގެ އެއްވަނައިގައި 19 ޕޮއިންޓާއެކީ އަދިވެސް އޮތީ ސިޓީއެވެ. ލީގުގެ ދެވަނައިގައި އޮތް އާސެނަލްއަށް ވެސް، 19 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
އާސެނަލް މިރޭ ކުޅުނު މެޗުން މޮޅުވީ ސްވެންސީއާ ބައްދަލުކޮށް 2-3 ގެ ނަތީޖާއިންނެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި، އެޓީމުގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެން ދިޔައިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ތިއޯ ވޮލްކޮޓްއެވެ. އަދި މެޗުގެ 33 ވަނަ މިނެޓްގައި ވޮލްކޮޓް ވަނީ އާސެނަލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑި ފުޅާކޮށްދީފައެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެކުރިން ސްވެންސީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ސްވެންސީއަށް ކާމިޔާބުކޮށްދިނީ ގިލްފީ ސިގަޑްސަންއެވެ.
އާސެނަލްގެ ތިންވަނަ ގޯލް މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެސުޓް އޮޒިލްއެވެ. އަދި ސްވެންސީގެ ދެވަނަ ގޯލް މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބޯޖާ ބަސްޓަންއެވެ.
މި މެޗުގެ 70 ވަނަ މިނެޓްގައި، އާސެނަލްގެ މިޑްފިލްޑަރު ގްރަނިޓް ޒާކާއަށް ރަތްކާޑު ދައްކާ ވަނީ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތްކާޑު ދެއްކީ ސްވެންސީގެ ބަރޯއަށް ފަހަތުން ފައުލްކުރުމާ ގުޅިގެންނެވެ. އެހެން ކަމުން މެޗުގެ ފަހު 20 މިނެޓުގެ ކުޅުން ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކީގައެވެ.
ސްވެންސީއަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ހުސް ދެ ފުރުސަތު ލިބިގެން ގޮސްފައެވެ. ސްވެންސީން ފޮނުވާލި މި ދެހަމަލާވެސް އާސެނަލްގެ ކީޕަރު ޕީޓަ ޗެކް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުން އާސެނަލް މޮޅުވިއިރު ލީގުގައި އެންމެފަހުން ކުޅުނު ހަ މެޗުންވެސް އެޓީމު މޮޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މެންޗެސްޓަރ ސިޓީ މިރޭ އެއްވަރުވީ އެވަޓަން އާއި ބައްދަލުކޮށް، 1-1 ގެ ނަތީޖާއަކުންނެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ސިޓީއަށް މި މެޗުގައި ދެ ޕެނަލްޓީ ވެސް ވަނީ ލިބިގެން ގޮސްފައިވެއެވެ.
ނަމަވެސް ކެވިން ޑެ ބްރައިނާ އަދި ސާޖިއޯ އަގުއެރޯ ފޮނުވާލި ޕެނަލްޓީތަށް އެވަޓަންގެ ގޯލްކީޕަރު މާޓިން ސްޓެކްލެންބާގް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އެވަޓަންއިންނެވެ. އެވަޓަންއިން މެޗުގެ 64 ވަނަ މިނެޓްގައި މި ގޯލް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.
މެޗުގެ 72 ވަނަ މިނެޓްގައި ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، ނޮލީޓޯއެވެ.
މި ނަތީޖާ އާ އެކު މިވަގުތު އަދިވެސް ތާވަލްގެ އެއްވަނާގައި 19 ޕޮއިންޓާއެކު އޮތީ ސިޓީއެވެ. އާސެނަލް މިރޭ ބކުޅުނު މެޗުން މޮޅުވުމުން އެޓީމު ވަނީ ތާވަލްގެ އެއްވަނާގައި އޮތް ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފައެވެ. އެހެން ނަމަވެސް ސިޓީ އެއްވަނާގައި އޮތީ ގޯލްގެ ތަފާތުންނެވެ. ލީގުގެ ތިންވަނާގައި އޮތީ 18 ޕޮއިންޓާއެކު ޓޮޓެނަހަމް އެވެ.