އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ލެސްޓަ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ލެސްޓާސިޓީގެ މައްޗަށް ޗެލްސީން ކުރިހޯދައިފިއެވެ.
ލެސްޓާގެ މައްޗަށް ޗެލްސީން ކުރިހޯދީ 0-3 ގެ ނަތީޖާއިންއެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 7 ވަނަ މިނެޓްގައި ޑިއޭގޯ ކޮސްޓާ ވަނީ ލަނޑުޖަހާ އެޓީމަށް ލީޑުނަގާދީފައެވެ. މިއީ ކޮސްޓާ ލީގުގައި ކާމިޔާބުކުރި ހަތްވަނަ ގޯލެވެ. މި ގޯލާއެކު ކޮސްޓާ ވެގެން ގޮސްފައިވަނީ މިވަގުތު ޕްރިމިއާލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާއަށެވެ. އޭނާ ވަނީ 8 މެޗުގައި 7 ލަނޑު ޖަހާފައެވެ.
ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ޕެޑްރޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑް އެވެ. މި ދެ ގޯލަށްފަހު ވެސް، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ޗެލްސީއަށް ވަނީ ލިބިގެން ގޮސްފައިވެއެވެ.
ދެވަނަ ހާފަށް ކުޅެން ނިކުމެ ލެސްޓާގެ ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުކުރިކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ޗެލްސީގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް އެޓީމަށް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.
ޗެލްސީގެ ތިންވަނަ ގޯލް މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިކްޓަ މޯސެސްއެވެ. މޯސެސް މި ގޯލް ކާމިޔާބުކުރީ ޗަލޯބާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މި މޮޅާއެކީ ޗެލްސީ އޮތީ 16 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ. މި މެޗުން ބަލިވި ލެސްޓާ އޮތީ، 8 ޕޮއިންޓާއެކީ ލީގުގެ 13 ވަނައިގައެވެ. ލީގުގައި މިހާތަނަށް 8 މެޗު ކުޅެ ނިމިފައިވާއިރު، ހަތަރު މެޗުން މިހާތަނަށް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ، ލެސްޓާ ވަނީ ބަލިވެފައެވެ.
ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.