ޚަބަރު ފީތާ

ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވަން ދަސްކުރަމާ ؟

ކީރިތި ޤުރްއާނަކީ ސޫރަތުލް ފާތިޙާއިން ފެށިން އައްނާސި ސޫރަތުގެ ނިޔަލަށް ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވާ ޖިބުރީލްގެފާނު މެދުވެރިކުރައްވާ މާތް ނަބިއްޔާ މުޙަންމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޢަރަބި ބަހުން  ބާވައިލެއްވުނު ﷲ ތަޢާލާގެ ކަލާމްފުޅެވެ.

ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލެއްވުމުގެ މާނައަކީ ޤުރްއާން އަޅުގަނޑުމެން ކިޔަވަން ޖެހޭކަމެވެ. އަދި ޤުރްއާން ކިޔެވުމަށްޓަކައި ޤުރްއާން އުނގެނި ދަސްކުރަން ޖެހޭކަމެވެ. އެއީ އެއަޅުކަން އެންމެ ފުރިހަމަގޮތުގައި އަދާކުރުމުގެ ބޭނުމުގައެވެ.

ޤުރްއާން ކިޔެވުމަކީ ނުހަނު ގިނަގުނަ ދަރުމައާއި ޘަވާބު ހުރި ކަމެކެވެ. މާތް ނަބިއްޔާ މުޙަންމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. مَنْ قَرَأَحَرْفًا مِّنْ كِتَابِ اللهِ فَلَهُ بِهِ حَسَنَةٌ وَّالْحَسَنَةُ بِعَشْرِ أَمْثَالِهَا لَأَقُولُ المّ حَرْفٌ بَلْ أَلِفْ حَرْفٌ وَلاَمٌ حَرْفٌ وَمِيْمٌ حَرْفٌ (جامع ترمذى) މާނަ: ” ޤުރްއާނުން އަކުރެއް ކިޔަވައިފި މީހަކަށް 10 ދަރުމަ ހުއްޓެވެ. ތިމަންކަލޭގެފާނު المّ އަކުރެއްކަމުގައި ވިދާޅެއް ނުވަމެވެ. އަދި ކިއެއްތަ އަލިފަކީވެސް އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ.

މަތީގައި ބަޔާންކުރެވިފައިވާ ޙަދީޘުން ދޭހަވެގެންދަނީ ޤުރްއާން ކިޔެވުމުގެ ސަބަބުން ލިބޭ ޘަވާބުގެ މަތިވެރިކަމެވެ.

ޤުރްއާން ބާވައިލެއްވިފައިވަނީ ޢަރަބި ބަހުންނެވެ. އެހެންކަމުން ޢަރަބި އަކުރުތަކުގެ އަޑު ނެރުމަށްޓަކައި ނުވަތަ ޢަރަބި އަކުރު ރަނގަޅަށް އަދާކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި ޤުރްއާނަކީ ވަކި ހަމަތަކަކާއި އުޞޫލުތަކެއްގެ މަތިން ކިޔެވުމަށް އަންގަވާފައިވާ ފޮތެކެވެ. ކީރިތި ޤުރްއާނުގައި ކީރިތި ޤުރްއާން ކިޔަވަންވީގޮތްވެސްވަނީ ﷲ ތަޢާލާ ބަޔާންކޮށްދެއްވާފައެވެ. ސޫރަތުލް މުއްޒައްމިލްގެ 4 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ މާނަ: ” ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ! (4) “

މި އާޔަތުގެ މާނައިން ދޭހަވަނީ ޤުރްއާން އަވަސް އަރުވާގަތުމެއްނެތި ލަސްލަހުން ކިޔެވުމަށެވެ. ލަސްލަހުން ޤުރްއާން ކިޔެވޭނީ ތަޖުވީދުގެ އެންމެހާ ޙުކުމްތައް ދީގެންނެވެ. މިވާހަކަ ބުނެފިކަމުގައިވާނަމަ ބައެއް މީހުންގެ ހިތު ތެރޭގައި ރުޅިވެރިކަންވެސް އުފެދެއެވެ. އެހެން އަސްލު އެވަނީ އެކަމުގެ ބޮޑުކަން އިޙުސާސް ނުކުރެވޭތީވެއެވެ. ނުވަތަ އެއީ ކިހާވަރެއްގެ ޢިލުމެއްކަން ނޭންގޭތީވެއެވެ. ނުވަތަ ޤުރްއާނާއި ތަޖުވީދު ޢިލްމާއި ހުރި ގުޅުން ނޭންގޭތީވެއެވެ.

ތަޖުވީދުގެ ސަބަބުން ޤުރްއާން ކިޔެވުން ރީތި ވެގެންދެއެވެ. ޤުރްއާނުގެ މާނައަށް އެއްވެސް ކަހަލަ ބަދަލެއް ނުގެނެސް ޤުރްއާން ކިޔެވެއެވެ. ތަޖުވީދުގެ ސަބަބުން ޤުރްއާން ކިޔެވުމުގައި ރިވެތި ރާގު ގެނެސްދެއެވެ. ތަޖުވީދުގެ ސަބަބުން ޤުރްއާން ކިޔަވާ ވަގުތު ޚުޝޫޢަތްތެރިކަން މީހާއަށް ގެނެސްދީ މަޑުމައިތިރިކަމާއި ހަމަހިމޭންކަން މީހާއަށް ގެނެސްދެއެވެ.

އެހެންކަމަން ފުރަތަމަ އަޅުގަނޑު ބަލާލާނީ “ތަޖުވީދު” އަކީ ކޮބައިކަމެވެ. ޢަރަބި ބަހުގައި ތަޖުވީދުގެ މާނައަކީ ރަނގަޅު ކުރުމެވެ. ނުވަތަ ރިވެތި ކުރުމެވެ. އެއްޗެއް ތަޖުވީދުގެ ކުރުމޭ ބުނުމުން އެއިން ދޭހަވަނީ އެ އެއްޗެއް ރިވެތިކޮށް ރަނގަޅު ކުރުމެވެ.

ޤާރީ ވެރިންގެ އަރިހުގައި ތަޖުވީދަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނުގޮތަށް ކީރިތި ޤުރްއާން ކިޔަވަން އުނގަންނައިދޭ ޢިލުމެވެ.

މި ބަޔާންކުރެވުނު މަޢުލޫމާތު ކޮޅަށް ބަލާލިކަމުގައިވިޔަސް ތަޖުވީދަކީ ކޮބައިކަން ދޭހަވެގެން ދާނެއެވެ.

ދެން މި ބަލާލަނީ ތަޖުވީދުކޮށް ޤުރްއާން ކިޔެވުމަކީ ކޮބައިކަމުގެ މައްޗަށެވެ. އާދެ! ތަޖުވީދުކޮށް ޤުރްއާން ކިޔެވުމަކީ ކޮންމެ އަކުރަކަށް ލިބިފައިވާ ޙައްޤާއި ލިބެންޖެހޭ ޙައްޤުތައް ދީގެން ކިޔުމެވެ. އަކުރަށް ލިބިފައިވާ ޙައްޤަކީ މަޚްރަޖެވެ. އަކުރަށް ލިބެންޖެހޭ ޙައްޤުތަކުގެ ތެރޭގައި އެއަކުރުގެ ސިފަތަކާއި އަކުރުބަރުވުމާއި ލުއިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކޮންމެއަކަސް ތަޖުވީދު ޢިލްމަކީ ފޮތަކުން ދަސްކޮށްލައިގެން ޙާޞިލްކުރެވޭނެ ޢިލްމެއް ނޫނެވެ. މި ޢިލްމަކީ ކިޔަވަންދަންނަ ޤާރީންގެ ކިބައިން މެނުވީ ޙާޞިލް ނުވާނެ ޢިލްމެކެވެ.

އަޅުގަނޑުމެންނާއި ހަމައަށް މި ޢިލްމު އައިސްފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުންނެވެ. އަދި އެކަލޭގެފާނަށް މި ޢިލްމު އުނގަންނަވައި ދެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

އެހެންކަމުން ތަޖުވީދު ޢިލްމު އުނގެނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ތަޖުވީދު ޢިލްމު އުނގެނުމަކީ ކިފާޔަތުގެ ފަރުޟެކެވެ. އޭގެ މާނައަކީ ކޮންމެވެސް އެއްބަޔަކު އެ ޢިލްމު އުނގެނުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. އަދި  އެއާ އެއްގޮތަށް ޢަމަލު ކުރުމަކީ ކޮންމެ މުސްލިމަކާއި މުސްލިމާއެއްގެ މައްޗަށް ވާޖިބުވެގެންވާ ޢައިނިއްޔަ ފަރުޟެކެވެ. އޭގެ މާނައަކީ ތަޖުވީދު ޢިލުމު ބޭނުންކޮށްގެން ޤުރްއާން ކިޔެވުމަކީ ކޮންމެ މުސްލިމަކާއި މުސްލިމާއެއް ކޮންމެހެންވެސް ކުރަންޖެހޭނެކަމެއް ކަމެވެ.

މަޢުލޫމާތް: އަލީޒިޔާދް ބްލޮގް

Rate this post