އިސްލާމް ދީނުގެ ފަސްވަނަ ރުކުން: ޙައްޖު

ޙައްޖު ގެ ތަޢުރީފު

ބަހުގެ ގޮތުން ބަލާ އިރު ޙައްޖަކީ ޤަޞްދު ކުރުމެވެ. ނުވަތަ ޤަޞްދު ކޮށްގެން މުޤައްދަސް ތަނަކަށް ދިއުމެވެ. ނުވަތަ މުޤައްދަސް ތަނެއް ޤަސްތު ކޮށްގެން އެ ތަނަކަށް ދިއުމެވެ.

އިޝްތިހާރު Below Header ad

އިސްލާމީ ޝަރީޢަތު ގައި ހަޢްޖަކީ، ވަކި ޚާއްޞަ އަޅުކަންތަކެއް (ޙައްޖުގެ މަަނާސިކު ތައް) އަދާ ކުރުމަށް ގަސްތު ކޮށްގެން ޙާއްޞަ ވަގުތެއް ގައި މައްކާ ގައި ހުންނަ ގެފުޅާއި އެހެނިހެން މުޤައްދަސު ތަންތަނަށް ޒިޔާރަތް ކުރުމެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ އިސްލާމް ދީނުގެ 5 ވަނަ ރުކުން ނުވަތަ ޙައްޖުގެ އަޅުކަން އަދާ ކުރުމެވެ.

ޢުމްރާ އަކީ ވެސް ޙައްޖާ އެކީ ގައި ހިމެނޭ ވާޖިބު އަޅުކަމެކެވެ. ޢަރަބި ބަހު ގައި ޢުމްރާ ގެ މާނަ އަކީ ވެސް ހަމަ ޙައްޖުގެ މާނަ އެވެ. އެއީ ޒިޔާރަތް ކުރުމެވެ. އަދި ޝަރްޢީ ގޮތުން ޢުމްރާގެ މާނަ އަކީ، ވަކި ޚާއްޞަ އަޅުކަމަކަށް ޓަކައި ގެފުޅަށް ޒިޔާރަތް ކުރުމެވެ. އެއީ ޢުމްރާގެ އަޅުކަން ކުރުމަށް ނިޔަތް ގަނެ އިޙްރާމް ބަނދެގެން ޠަވާފު ކޮށް، ސަޢުޔު ކޮށް، ބޯ ބާލައި ނުވަތަ ބޯ ކޮށައި ތަޙައްލުލު ވުމެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ޢުމްރާ އެއް ވެވިދާނެ އެވެ. އެކަމަކު ޙައްޖު ވެވޭނީ ހަމަ އެކަނި ޙައްޖު މޫސުމުގަ އެވެ.

ޙައްޖު ފަރްޟު ވުން

ޙައްޖު ފަރްޟުވީ އަހަރަކާ މެދު ކޮންމެވެސް ވަރެއްގެ ތަފާތު ތަކެއް ހުރި ކަމުގައި ވިޔަސް ގިނަ ދަންނަ ބޭކަލުން ބުރަވެ ވަޑައިގަންނަވަނީ، ޙައްޖު ފަރްޟުވީ ހިޖުރައިން 9 ވަނަ އަހަރު ގައި ކަމަށެވެ. އެހެނީ ޙައްޖު ވާޖިބުވީ ކަން އަންގައިދޭ އާޔަތް ބާވައިލެއްވީ ހިޖުރައިން 9 ވަނަ އަހަރުގަ އެވެ. އެއީ (وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنْ اسْتَطَاعَ إِلَيْهِ سَبِيلًا) آل عمران/97 ، “އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަޞްދު ކޮށްގެން ދިއުމީ، (އެބަހީ: ޙައްޖު ވުމަކީ) اللَّه އަށް ޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ.”

ޙައްޖާއި ޢުމްރާ ގެ މާތްކަން

ޙައްޖާއި ޢުމްރާގެ އަޅުކަމަކީ ވަރަށް މާތް އެހައިމެ މަތިވެރި އަޅުކަމެކެވެ. ޙައްޖާއި ޢުމްރާގެ މާތްކަން ބަޔާން ކުރާ ވަރަށް ގިނަ ޙަދީސް ތައް އެބަހުއްޓެވެ.
އޭގެ ތެރެއިން އެއް ޙަދީސެއްގައި ވަނީ ޙައްޖަކީ ﷲގެ މަގު ގައި ޖިހާދު ކުރުމުން ލިބޭ ފަދަ ސަވާބާއި ދަރުމަ ހުރި އަޅުކަމެއް ކަމަށް އުއްމުލް މުއުމިނީނަ އައްސައްޔިދާ ޢާއިޝަތުގެފާނު އަރިހުން ރިވާވެފައި ވެ އެވެ. عن عائشة رضي الله عنها قالت : قلتُ يا رسولَ الله ! نرَى الجهادَ أفضلُ الأعمال أفلا نُجاهدُ ؟ قال ” لكنَّ أفضلُ الجهادِ وأجملُه ، حجٌّ مبرورٌ ثم لُزوم الحَصرِ . قَالَت ” فَلا أدَعُ الحَجَّ بعدُ إذ سمِعتُ هَذا مِن رسُولِ الله صَلى الله عَليه وَسَلم ” މާނަ އަކީ، عائشة رضي الله عنها ގެ އަރިހުން ރިވާ ވެގެން ވެ އެވެ. އެ ކަމަނާ ވިދާޅުވި އެވެ. ތިމަން ކަމަނާ رسول الله صلى الله عليه وسلم އަރިހު ގައި ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާ އެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަކީ އެންމެ މާތް ޢަމަލު ކަމުގައި އަހުރެމެން ދެކެމު އެވެ. ވީމައި އަހަރެމެން [އަންހެނުން] ޖިހާދު ކުރުމާ ދޭތެރޭ ގައި ކަލޭގެފާނު ޙަދީސް ކުރައްވަނީ ކީކޭތޯ އެވެ؟ އެ ހިނދު ކީރިތި ރަސޫލާ  ޙަދީސް ކުރެއްވި އެވެ. “އެކަމަކު އެންމެ މަތިވެރި އަދި އެންމެ މާތް ޢަމަލަކީ މަބްރޫރު ޙައްޖެކެވެ. ދެން ތިޔަ ކަނބަލުން ގޭގައި ތިބުމެވެ.” އެ ކަމަނާ ވިދާޅުވި އެވެ. “ކީރިތި ރަސޫލާ  ގެ އަރިހުން މި ވާހަކަ އިވުނު ފަހުން ތިމަން ކަމަނާ ޙައްޖެއް ދުލެއް ނުކޮއްލައްވަމެވެ.

ޙައްޖުގެ އަޅުކަމަކީ އެންމެ ބާވަތެއްގެ އަޅުކަމެއް ނޫނެވެ.

ޙައްޖުގެ އަޅުކަމު ގައި އެތައް ބާވަތެއް ގެ އަޅުކަން ހިމެނެ އެވެ. ކަޢުބާ ވަށައިގެން ޠަވާފު ކުރުން، ޞަފާ އާއި މަރުވާ އާ ދެމެދު ސަޢުޔު ކުރުން، ޢަރަފާތު އަދި މިނާ ގައި މަޑު ކުރުން، ޖަމްރާ ތަކަށް ހިލަ އުކުން މުޒްދަލިފާ އަދި މިނާ ގައި ރޭ ކުރުން، ބޯ ބޭލުން ނުވަތަ ކުރު ކުރުން، ހަދުޔު ކަތިލުން، ގިނަ ގިނައިން ދުޢާ ކުރުން، ނިކަމެތިކަމާ އެކު ﷲ ގެ ޙަޟްރަތަށް ތައުބާ ވުން. ޖާނާއި މާލުން ހޭދަ ކުރުން. ދަތުރުގެ ތަކްލީފު ތައް އުފުލުން. މިއީ މުޅިން ވެސް އަޅުކަމެވެ. ޙައްޖަކީ މާލީ އަޅުކަމެކެވެ. އަދި ހަށިގަނޑުގެ ނުވަތަ ބަދަނީ އަޅުކަމެކެވެ. އަދި ދުޢާ ކުރުން ފަދަ ކަންތައް ހިމެނޭ އަޅުކަމެކެވެ. އިސްލާމް ދީނުގެ އެހެނިހެން އަޅުކަންތަކަކީ އެއްގޮތަުން ވިއްޔާ ހަމަ އެކަނި މާލީ އަޅުކަމެކެވެ. މިސާލަކަށް

މަބްރޫރު ޙައްޖުގެ ސަވާބު

މަބްރޫރު ޙައްޖެއް ވުމުން މައިމީހާގެ ބަނޑުން ވިހޭ އިރު ހުރި ފަދަ މީހަކަށް އިންސާނާ ވެ އެވެ. އޭގެ މާނަ އަކީ އޭނާގެ އެއްވެސް ފާފައެއް ނުހުންނާނެ އެވެ. ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާ ވެފައިވާ އެއް ޙަދީސެއްގައި ވަނީ ” سَمِعْتُ رَسُولَ اللهِ  يَقُولُ: مَنْ حَجَّ هَذَا البَيتَ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ مِن ذُنُوبِهِ كَيَومِ وَلَدَتْهُ أُمُّهُ” رَوَاهُ البُخَارِي وَمُسْلِم. ޠާހިރު ކަމެއްގަ އެވެ. “ކީރިތި ރަސޫލާ  ޙަދީސް ކުރެއްވީތީ ތިމަން އެއްސެވީމެވެ. މީހަކު މި ގެފުޅަށް ޙައްޖުވީ އިރު އެއްވެސް ޖިންސީ ޢަމަލެއް ނުހިންގައި ހުތުރު ބަސްތައް ނުބުނެ ފާސިޤު ޢަމަލެއް ނުހިންގައި މި އަޅުކަން ނިންމައިފި ނަމަ އޭނާ އެނބުރި ރުޖޫޢަ ވާނީ އޭނާގެ މައިމީހާގެ ބަނޑުން ވިހޭ އިރު ހުރި ފަދައިންނެވެ.

މަބްރޫރު ޙައްޖެއް ގެ ޖަޒާ އަކީ ހަމަ އެކަނި ސުވަރުގެ އެވެ.

ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާ ގެ އަރިހުން ރިވާވެފައިވާ އެހެން ޙަދީސެއް ގައި ވަނީ، أَنَّ رَسُولَ اللهِ  قَالَ: “اَلعُمْرَةُ إِلَى العُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ” رَوَاهُ البُخَارِي وَمُسْلِم. ހަމަ ކަށަވަރުން ކީރިތި ރަސޫލާ  ޙަދީސް ކުރެއްވި އެވެ. އެއް ޢުމުރާ އިން އަނެއް ޢުމުރާ އަށް އެ ދެމެދުގައި ކުރެވޭ ހުރިހައި ފާފަ އެއް ފުއްސަވާނެތެވެ. އަދި މަބްރޫރު ޙައްޖެއްގެ ޖަޒާ އަކީ ސީދާ ސުވަރުގެ ފިޔަވައި އެހެން ޖަޒާ އެއް ނޫނެވެ.

ޝައިޚް އަހުމަދު ފަހުމީ ދީދީ ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައިވާ މައުލޫމާތު ކޮޅެއް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.