ފިރިމީހާއީ އަނބިމީހާގެ ކުރިމަތީގައި ޢިއްޒަތާއި ޤަދަރާއި ލޯބިލިބިގެންވާ މީހެކެވެ. އެކަން ވަނީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ވަރަށް ސާފުކޮށް އަންގަވާފައެވެ. ސަބަބަކީ ކައިވެނި ކުރުމަށްފަހު އަނބިމީހާ އަދި ދަރިންގެ ހުރިހާ ބުރައެއް ތަކުލީފެއް އުފުއްލަން ޖެހޭ ފަރާތަކީ ފިރިހާކަމުގައިވުމެވެ. ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބޭ ގިނަގުނަ ހެޔޮކަންތައްތަކަށްޓަކައިވެސް މެއެވެ.
އިސްލާމްދިނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ އެފަދައިން އިރުޝާދު ދެއްވާފައިވާތީއެވެ. އަދި ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގެ ނައްޞުން އާދެ! ޞަރީޙު ޢިބާރަތުން އެކަން ބަޔާން ކުރައްވާފައިވާތީއެވެ. މާތްﷲވަޙީ ކުރައްވާފައިވެއެވެ.
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ- النساء: ٣٤
“ފިރިހެނުންނަކީ އަންހެނުން އިސްލާމްދީންގެ ތެދުމަގަށް ސީދާކޮށް ބަރާބަރުކުރާ މީހުންނެވެ.” މިއެވެ.
އަންހެނުންގެ ނިސްބަތުގައި ފިރިހެނުންގެ ޤަދަރު ބޮޑުކަމާއި އަދި މާތްކަން ބަޔާން ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لأَحَدٍ لأَ مَرْتُ النِّسَاءَ أَنْ يَسْجُدْنَ لأَزْوَاجِهِنَّ لِمَا جَعَلَ اللَّهُ لَهُمْ عَلَيْهِنَّ مِن الْحَقِّ”
(އަބޫދާއޫދު 2126)
މާނައީ : “އެއްވެސް މީހަކު މީހަކަށް ސަޖިދަ ކުރާން ތިމަންކަލޭގެފާނު އަމުރު ކުރައްވާނެނަމަ އަނބީން އެކަނަބލުންގެ ފިރިންނަށް ސަޖިދަކުރާން އެންގެވީމުހެވެ. އެއީ ފިރިންނަށްޓަކައި އެކަނބަލުންގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ގިނަގުނަ ޙައްޤުގެ ސަބަބުންނެވެ.” މިއެވެ.
މިނޫންވެސް ކިތަންމެ ބަސްފުޅެއް އެބަހުއްޓެވެ. ޝައްކެއްނެތް ގޮތުގައި ފިރންނަކީ އަނބީން އިޞްލާޙުކޮށް އެމީހުންގެ ހުރިހާކަމެއް ބަލަހައްޓާ ސަހަރޯވެރިވާ އަދި އެކަނބަލުންގެ ވެރީންނެވެ. ފިރީންނަށް އެކަނބަލުން ޤަދަރުކޮށް އިޙްތިރާމް ކުރުމީ ދީނާއި ދުނިޔޭގެ ފަރާތުން އެކަނބަލުންނަށް ވާޖިބުކުރާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ އެހެން ހަދީޘެއްގައި ވެއެވެ.
’لاَ تَصُومُ الْمَرْأَةُ وَبَعْلُهَا شَاهِدٌ إِلاَّ بِإِذْنِهِ”
(ޞަޙީޙުލް ބުޚާރީ 5192)
މާނައީ: “ފިރިމީހާ (ތަނަކަށް ނުގޮސް ) ޙާޒިރުވެ ހުއްޓާ އޭނާގެ ހުއްދައެއްނެތި އަނބިމީހާ (ސުންނަތް) ރޯދަ ނުހިފާހުށިކަމެވެ”. މިއެވެ. ފިރިމީހާގެ ޙައްޤުގައި އަނބިމީހާ ޤަދަރުކޮށް އިޙްތިރާމް ކުރުން އިސްލާމްދީނުގައި ލައްވާފައިވަނީ މިދަރަޖައަށެވެ. ﷲއަށް ކުރެވޭ ބައެއް އަޅުކަންވެސް ފިރިމީހާގެ ހުއްދަނެތިނުކުރެވޭ ހިސާބަށެވެ.
ވީއިރު ފިރިންގެ ޤަދަރު ގެއްލި އަގުވެއްޓޭފަދަ އެއްވެސް ކަމެއްކުރުން އަނބިންނަށް ޖާއިޒް ވެގެން ނުވެއެވެ. ފިރިންނަށް ޤަދަރު ކުރުމުގެ ގޮތުން އަނބިން ފަރުވާތެރިވާންވީ ވަރަށްގިން ކަންތައްތައް ވެއެވެ.
އޭގެތެރޭގައި އިސްވެދިޔަ ކަންކަމުގެ އިތުރަށްވެސް ފިރިމީހާގެ ކުރިމަތީ ބާރަށް އެއްޗެތި ނުބުނެ ޒުވާބުކުރުމާއި، ފިރިމީހާކަމަކާ މެދު ރުޅިއައިސް ހިއްހަމަނުޖެހިފައި އިންނަ ވަގުތެއްގައި އެ ފިރިމީހާގެ ކުރިމަތީގައި އުފާވެރިކަން ފައުޅުކޮށް މަޖާނުކުރުމާ ފިރިމީހާ އުފާކޮށް ހިތްހަމަޖައްސައިލާ ވަގުތު އަނބިމީހާ އޭނާގެ ކުރިމަތީގައި ހިތާމަވެރިވެވޭ ވާހަކަތަކާއި ހިތްދަތިވާ ފާޑުގެ ވާހަކަ ނުދެއްކުމާ އަދި މިނޫންވެސް މިބާވަތުގެ އެއްވެސް ކަމެއްކުރުން އަނބިމީހާއަށް ޖާއިޒްވެގެން ނުވެއެވެ.
އަނބިމީހާ އަބަދުވެސް ބަލަން ޖެހޭނީ ފިރިމީހާއީ ތިމާގެ ސާހިބު ކަމުގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމުގެ އިސްވެދިޔަ ޙަދީޘް ފުޅުން އޮޅުމެއްނެތި އެގޮތް ބަޔާންވެ އެނގެއެވެ. އަދި އިސްވެދިޔަ ފަދައިން އަނބިމީހާ ފިރިމީހާއަށް ބަހައްޓަންޖެހޭ ޤަދަރާއި އިއްޒަތަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ.