އިންސާނާގެ ބައެއް ޙަޤީޤަތް

ﷲ سبحانه وتعالى އުފައްދަވާފައިވާ އެންމެހައި މަޚްލޫޤުންގެ ތެރެއިން މާތް ކުރައްވައި، ހައްދަވާ ދުނިޔެއަށް ފޮނުއްވަވާފައިވަނީ އިންސާނުންނެވެ. ގުނާ އަދަދު ނުކުރެވޭ ގިނަގުނަ ނިޢުމަތްތަކުން ނިޢުމަތް ދެއްވައި، ސުވަރުގޭގެ އަބަދީ ޙަޔާތުން މި ދުނިޔޭގެ ވަގުތީ ޙަޔާތުގެ ތެރެއަށް ފޮނުއްވައި، އެހެން އެއްވެސް މަޚްލޫޤަކާ ޙަވާލު ނުކުރައްވާ މަސްއޫލިއްޔަތުތަކެއް އިންސާނުންނާވަނީ ހަވާލުކުރައްވަވާފައެވެ.

އެންމެހައި ކަންކަން މޮޅަށް ދެނެވޮޑިގެންވާ ﷲ سبحانه وتعالى ވަނީ އެކަލާނގެ ކަލާމްފުޅުގައި އިންސާނާގެ ވަރަށް ގިނަ ޙަޤީޤަތްތައް ބަޔާންކޮށް ހާމަކޮށްދެއްވާފަ އެވެ. އަދި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްވެސް އެ ކަންކަމާބެހޭ ޚަބަރުތައް ދެއްވާފައި ވެ އެވެ.

އިޝްތިހާރު Below Header ad

އެހެން ކަމުން އިންސާނާގެ ޙަޤީޤަތްތަކުގެތެރެއިން ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ. މިކަމުގެ ބޭނުމަކީ މި ދުނިޔޭގައި އަޅުގަނޑުމެންގެ ޙައިސިއްޔަތަކީ ކޮބައިކަން ދެނެގަތުމެވެ. މާބޮޑު އަޅާލުމެއް ނެތި އަޅުގަނޑުމެންނަށް ކުރެވެމުންދާ ނުރަނގަޅު ކަންތައްތަކުން ސަލާމަތް ވުމެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާމެދު ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ބަސްފުޅުތަކާމެދު ވިސްނުމުގެ ޝައުޤުވެރިކަން އުފެއްދުމެވެ.

ﷲ سبحانه وتعالى ، އެންމެ ފުރަތަމަ އިންސާނާ ކަމުގައިވާ آدم عليه السلام، އުފައްދަވާފައިވަނީ ވެލިން ނުވަތަ މަށިންނެވެ. މިކަން ބަޔާން ކުރައްވައި ﷲ سبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ.  وَلَقَدْ خَلَقْنَا الإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ  – ސޫރަތުލް ޙިޖުރު: 26 ،  މާނައީ: ” ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދިވެސް ވަޙީކުރައްވާފައިވެއެވެ. هُوَ الَّذِي خَلَقَكُم مِّن طِينٍ- އަންޢާމު: 2، މާނައީ: “އެކަލާނގެއީ، މަށިން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ.”

އިންސާނާގެ އަޞްލުކަމުގައިވާ آدم عليه السلام ވެލީން ނުވަތަ މަށީން އުފެއްދެވުމަށްފަހު ދެން ﷲ سبحانه وتعالى އުފެއްދެވި އިންސާނަކީ حوّى عليها السلام އެވެ. އެކަމަނާ އުފައްދަވާފައިވަނީ آدم عليه السلام ގެ ކިބައިންނެވެ. އެކަން ބަޔާންކުރައްވައި ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيرًا وَنِسَاء- އައްނިސާ: 1 ، މާނައީ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ.”

މިއަށްފަހު އެކަލާނގެ އިންސާނުން ޚަލްޤުކުރެއްވުން ލައްވާފައިވަނީ އަންހެނަކާއި ފިރިހެނެއްގެ ކިބައިންނެވެ. އެންމެ އިންސާނަކު މެނުވީއެވެ. އެއީ مريم ގެފާނުގެ ދަރިކަލުން ސަލާމްލެއްވި عيسى  ގެފާނެވެ. ﷲ سبحانه وتعالى އެކަލޭގެފާނު އުފައްދަވާފައިވަނީ އެކަލާނގެ މަތިވެރި كلمة ފުޅުންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِّنْهُ- އައްނިސާ: 171، މާނައީ: ” مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ”

ގިނަ އިންސާނުންގެ ޢާއްމު ބައެއް ސިފަތައް

1 . ޝުކުރު ނުކުރުމާއި ފަޚުރުވެރިވެ ބޮޑައިވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَلَئِنْ أَذَقْنَاهُ نَعْمَاء بَعْدَ ضَرَّاء مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي إِنَّهُ لَفَرِحٌ فَخُورٌ} (ހޫދު: 10) މާނައީ: ” އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ.

2 .  ޖަދަލުކުރުން ގިނަވުން

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ وَكَانَ الإِنسَانُ أَكْثَرَ شَيْءٍ جَدَلاً} (އަލްކަހުފު: 54) މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثال ބަޔާންކުރެއްވީމެވެ. އަދި جدل ކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ. ”

3 .    ދެކޮޅުވެރިވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {أَوَلَمْ يَرَ الإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ} (ޔާސީން: 77) މާނައީ: ” ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. ”

4 .  ދަހިވެތިވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {قُل لَّوْ أَنتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَّأَمْسَكْتُمْ خَشْيَةَ الإِنفَاقِ وَكَانَ الإِنسَانُ قَتُورًا} (އަލްއިސްރާ: 100) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ގެ خزانة ތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (خرد ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ. ”

5 .    އަވަސްކަން އެދުމާއި ކެތްތެރިކަން ކުޑަވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {إِنَّ الْإِنسَانَ خُلِقَ هَلُوعًا * إِذَا مَسَّهُ الشَّرُّ جَزُوعًا * وَإِذَا مَسَّهُ الْخَيْرُ مَنُوعًا} (المعارج : 19–21) މާނައީ: ” ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ. ” {فَأَمَّا الإِنسَانُ إِذَا مَا ابْتَلاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ * وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ} (الفجر: 15 ، 16) މާނައީ: ” ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ امتحان ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް نعمة ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ امتحان ކުރައްވައި، އަދި އޭނާގެ رزق ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. {وَلَئِنْ أَذَقْنَا الإِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ} (هود: 9) މާނައީ: ” އަދި ތިމަންރަސްކަލާނގެ އިންސާނާާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمة އަށް ދެކޮޅުހަދާ كافر އަކަށެވެ.

6 .    ދެރަކަމެއް ދިމާވާހިނދު ފޫހިވެ ނާއުންމީދުވުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {لا يَسْأَمُ الإِنسَانُ مِن دُعَاءِ الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَؤُوسٌ قَنُوطٌ} (ފުއްޞިލަތު: 49) މާނައީ: ” ހެޔޮކަންތަކަށް دعاء ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ. ”

7 . އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅައި ދިއުން :

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {كَلاَّ إِنَّ الإِنسَانَ لَيَطْغَى} (އަލްޢަލަޤު: 6) މާނައީ: ” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. ”

8 . އިންސާނާއަށް ދެރަކަމެއް ކުރިމަތިވެއްޖެނަމަ ﷲ سبحانه وتعالى އަށް އެދި ގޮވައެވެ. އަދި އެކަން ހަމަ ފިލައި ދިއުމާއެކު އެކަލާނގެ މަތިން ހަނދުމަނެތިކޮށްލައެވެ.

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَإِذَا مَسَّ الإِنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلاً إِنَّكَ مِنْ أَصْحَابِ النَّارِ} (الزمر:8) މާނައީ: ” އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވެ دعاء ކުރެތެވެ. ދެން، އޭނާއަށް نعمة އެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاء ކޮށް އުޅުނުފަރާތް (އެބަހީ: اللَّه) ހަނދާން ނައްތައިލައެވެ. އަދި اللَّه އަށް شريك ންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ كافر ކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. ” وَإِذَا مَسَّ الإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَى ضُرٍّ مَّسَّهُ كَذَلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُواْ يَعْمَلُونَ- (يونس : 12) މާނައީ: ” އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. كافر ންނަށް އެއުރެން ކޮށްއުޅުނު عمل ތައް ޒީނަތްތެރިި ކުރައްވާފައިވަނީ އެފަދައިންނެވެ. ”

ﷲ سبحانه وتعالى ގެ ނިޢުމަތްތައް ލިބުމަށްފަހު އިންސާނާގެ ޙާލު ހުންނަގޮތް ދެކިބަލާށެވެ! އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَإِذَا أَنْعَمْنَا عَلَى الإِنسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاءٍ عَرِيضٍ- (فصلت: 51) މާނައީ: ” އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، دعاء ކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ. ”

މި މައުލޫމާތު ކޮޅަކީ ފަންވަތް ވެބްސައިޓަށް އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު ލިޔުއްވަވާފައިވާ ލިޔުމަކުން ނެގިފައިވާ މައުލޫމާތު ކޮޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.