ސޫރަތުއް ނަބައުގެ ތަފްސީރު 4

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 11 އޮކްޓޯބަރު 2016 އާގުޅޭ..

(إِنَّا أَنذَرْ‌نَاكُمْ عَذَابًا قَرِ‌يبًا يَوْمَ يَنظُرُ‌ الْمَرْ‌ءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ‌ يَا لَيْتَنِي كُنتُ تُرَ‌ابًا ﴿٤٠﴾  )

(إِنَّا أَنذَرْ‌نَاكُمْ عَذَابًا قَرِ‌يبًا  ) ކައިރިވެފައިވާ ޢަޛާބެއްގެ ބިރުވެރި ކަމުން ތިޔަބައިމީހުންނަށް އިންޛާރު ދެއްވީމުއެވެ. އެއީ ގިޔާމަތް ދުވަހުގެ ޢަޛާބުގެ ވާހަކައެވެ. ގިޔާމަތް ދުވަސް ވަނީ ކައިރީގައެވެ. ދުނިޔޭގައި ބާކީ އެތައް ބިލިޔަން އަހަރުތަކެއް ހުރިކަމުގައިވީނަމަވެސް، ގޔާމަތް ދުވަސް ވަނީ ދާދި ގާތުގައެވެ. ސޫރަތުއް ނާޒިޢާތުގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كَأَنَّهُمْ يَوْمَ يَرَ‌وْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦﴾  ) މާނައަކީ: ” އެއުރެން އެކަންތައް ދެކޭދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ.”

އިޝްތިހާރު Below Header ad

ﷲ ސުބްޙާނަހޫ ވަތަޢާލާ އެޢަޛާބަކުން ރައްކާތެރިވުމަށް އިންޛާރު ދެއްވާފައި މިވާ ޢަޛާބަކީ އިންސާނާ އާއި ދާދިގާތުގައި ވާ އެއްޗެކެވެ. އެޢަޛާބާއި އިންސާނާ އާއި ދެމެދުގައި މަރުވުން ފިޔަވާ އެހެން ކަމެއް ނެތެވެ. އެއްވެސް އިންސާނަކަށް އޭނާ މަރުވާނީ ކޮންދުވަހަކުން ކަމެއް ނޭނގެއެވެ. ހެނދުނު ކޮށްފިނަމަ ހަވީރު ނުކޮށްވެސް މަރުވެދާނެއެވެ. ހަވީރު ކޮށްފިނަމަ އަނެއް ދުވަހު  ހެނދުނު ވުމުގެ ކުރިންވެސް މަރުވެދާނެއެވެ. ވުމާއި، އެކު ދުނިޔޭގައި ހޭދަކުރާ މަދުވަގުތުކޮޅުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ޖެހެއެވެ. ހެޔޮޢަމަލު ގިނަކުރަން ޖެހެއެވެ.

( يَوْمَ يَنظُرُ‌ الْمَرْ‌ءُ مَا قَدَّمَتْ يَدَاهُ ) ކޮންމެ ނަފްސެއްމެ އެނަފްސެއް ދުނިޔެމަތީގައި ކުޅަކަންތައް އެދުވަހުން ދެކޭނެއެވެ. އަދި އޭނާގެ ޢަމަލުތަކުގެ ފަތް އޭނާގެ އަތަށް ދެވޭނެއެވެ. އެހިނދު އޭނާގެ އެނބުރި ދިޔުން އޮތީ ސުވަރުގެ އަށްތޯ ނުވަތަ ނަރަކަ އަށްތޯ އެނގިގެންދާނެއެވެ.  ސޫރަތުލް އިސްރާގެ 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (اقْرَ‌أْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾ ) މާނައަކީ: ” (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حساب ކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ.”

އެދުވަހުގެ ޢަޛާބުގެ ގަދަފަދަ ކަމާއި ހުރެ ކާފިރުވީ މީހުން ބުނާނެތެވެ. (يَا لَيْتَنِي كُنتُ تُرَ‌ابًا  ) ތިމަންނާ ނުހެއްދެވުނު ނަމައޭ، ތިމަންނާ މަޙްޝަރު ނުކުރެއްވުނު ނަމައޭ، ޖަނަވާރުތަކަށް މުޚާޠަބު ކުރައްވާ ﷲ ވަޙީ ކުރައްވާނެއެވެ. “ވެއްޔަށް ވާށެވެ.” އެހިނދު އެތަކެތި ވެއްޔަށް ވެގެން ދެއެވެ. މިމަންޡަރު ފެނިފައި ކާފިރުންގެ މީހުންވެސް ބުނާނެއެވެ. “ތިމަންމެންވެސް ވެއްޔަށް ވެގެންދާނެނަމައެވެ.”

(يَا لَيْتَنِي كُنتُ تُرَ‌ابًا) މި އާޔަތުގައި ތިން މާނަ އެއް ދޭހަވެއެވެ.

  1. ތިމަންނާ ނުއުފައްދަވާ ވެއްޔަށް ވީނަމަ ކިހާ ރަގަޅު ހެއްޔެވެ. އެހެނީ އިންސާނުން އުފައްދަވާފައިވަނީ ވެލިން ކަމަށް ވާތީވެއެވެ.
  2. ތިމަންނާ އަކީ ގަބުރުތެރޭގައި ހުރި ވެއްޔަށްވެ، މަޙްޝަރު ނުކުރެއްވުނު ނަމަ ކިހާ ރަގަޅު ހެއްޔެވެ.
  3. މާތް ﷲ ޖަނަވާރުފަދަ ތަކެއްޗަށް ވެއްޔަށް ވާށޭ ވަޙީ ކުރެއްވުމުން އެތަކެތި ވެއްޔަށް ވެގެންދާތަން ފެނުމުން ތިމަންނާވެސް ވެއްޔަށް ވެގެންދާނެ ނަމަ ކިހާ ރަގަޅުޙޭ އެބައިމީހުން ހިތަށް އަރާނެއެވެ.

އާޔަތްތަކުގެ ޖުމްލަ މާނަ:

ގިޔާމަތް ދުވަހުގައި ކާފަރުވީ މީހުންނަށް ޓަކައި ނަރަކަ އިންތިޡާރު ކުރެއެވެ. އެހެނީ އެބައިމީހުން އެނބުރި ދާންޖެހޭ ތަނަކީ ނަރަކަ ކަމަށްވީތީވެއެވެ. އެބައިމީހުން އެތަނުގައި ދެމިތިބޭނެއެވެ. ނަރަކައިގެ ހޫނުކަން ފިލުވާލަދޭނެ ފިނިކަމެއް އެބައިމީހުންނަކަށް ނުލިބޭނެއެވެ. އަދި ކަރުހިއްކުން ފިލުވާލަދޭނެ ބުއިމެއްވެސް ނުލިބޭނެއެވެ. އެބައިމީހުން ބޯނީ ހޫނުކަން ގަދަ ފެނެކެވެ. އަދި އެބައިމީހުންގެ ހަށިތަކުން ނިކުމެގެންދާ ދާތަކެވެ. އެއީ އެބައިމީހުން ކޮށްއުޅުނު ކުފުރުގެ ޢަމަލުތަކާއި ލާއިގުވެގެންވާ ފަދަ ޢަޛާބެކެވެ. ގިޔާމަތް ދުވަހުން ޙިސާބު ބެއްލެވޭނެކަން އެބައިމީހުން ގަބޫލެއް ނުކުރެއެވެ. އެބައިމީހުންނާއި ހަމައަށް ގުރްއާނުގެ އާޔަތްތައް އައި ހިނދު ކުޅައީ ދޮގެވެ. އެބައިމީހުން ކޮށް އުޅުނު ހުރިހާ ނުބައި ޢަމަލުތަކެއް ﷲ ވަނީ ފަތެއްގައި ލިޔުއްވާފައެވެ. އެކަންތައްތަކުގެ މައްޗަށް ޙައްގުވާ ޢަޛާބު ދެއްވާނެއެވެ. އަދި އެބައިމީހުންނަށް ބުނެވޭނެއެވެ. “ތިޔަބައިމީހުން ޢަޛާބުގެ ރަހަ ދެކޭށެވެ. މިއަދު ތިމަން ﷲ ތިޔަބައިމީހުންނަށް ރަޙުމް އެއް ނުކުރައްވާނަމެވެ. އަދިކިއެއްތަ، ތިޔަބައިމީހުންގެ މައްޗަށް ޢަޛާބު އިތުރު ކުރައްވާ ހުށީމެވެ.

ތަގްވާވެރިވީ މުއިމިނުންނަށް ސުވަރުގެ ދެއްވާނެތެވެ. އެތަނުގައި އެކިވައްތަރުގެ މޭވާ އާއި ގަސްތައް ވެއެވެ. އަދި ރިވެތި އަނބިންތައް ވެއެވެ. މީރު ބުއިންތައްވެސް އެވެ. ރީތި ރަގަޅު ހެޔޮ ވާހަކަ އެއް މެނުވީ ސުވަރުގޭގައި އަޑެއް ނީވޭނެއެވެ. އެއީ ހުރިހާ ތަކެއްޗެއްގެ މިލްކުވެރި ﷲ ގެ ފަރާތުން އެބައިމީހުންނަށް ދެއްވޭ ހެޔޮ ޖަޒާ އެކެވެ. އެދުވަހުން ﷲ ގެ ޖަލާލުވަންތަކަމާއި މަތިވެރި ކަމުގެ ސަބަބުން އެކަލާންގެ އިޛްނަފުޅާއި ލައިގެން މެނުވީ އެއްވެސް މީހަކަށް ބަހެއް ނުބުނެވޭނެއެވެ. ޖިބްރީލާއި މަލާއިކަތް ބޭކަލުން ޞަފުތަކަށް އެތުރިވަޑައިގެން ﷲ އަށް ބިރުވެތިވާ ޙާލު، ބަހެއް ވިދާޅުނުވެ ތިއްބަވާނެއެވެ. ޙައްގު ބަސް މެނުވީ ވިދާޅެއް ނުވާނެއެވެ.

ހަމަކަށަވަރުން، ގިޔާމަތް ދުވަހަކީ ޙައްގު ދުވަހެކެވެ. އެއީ ޙަގީގަތެކެވެ. އެދުވަހުން ޘަވާބާއި ޢިގާބު ދެއްވާނެއެވެ. އެހެންކަމުން، ﷲ އާއި ކުއްތަންވުމަށް ޓަކައި ހެޔޮ ޢަމަލުކުރުން ގިނަކުރަން ޖެހެއެވެ. ގިޔާމަތް ދުވަސް ކައިރިވަމުން އަންނަ ކަމުގެ އިންޛާރު މާތް ﷲ އިންސާނުންނަށް ދެއްވައެވެ. އެދުވަހުން ކޮންމެ ނަފްސެއްމެ ކުޅަ ކަމެއް ފެނިގެންދާނެއެވެ. ހެޔޮކަމެއްވިޔަސް އަދި ނުބައިކަމެއްވިޔަސް ވެސް އެވެ. އެދުވަހުން ކާފިރުން ބުނާނެއެވެ. ތިމަންމެން ވެއްޔަށް ވެގެންދިޔަނަމަ ކިހާ ރަގަޅު ހެއްޔެވެ. އޭރުން މިވަރުގަދަ ޢަޛާބުގެ ރަހަ ދެކޭކަށް ނުޖެހުނީހެވެ. والله أعلم.

ނުމުނި.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.