ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު، އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި ލިސްޓު ސަރުކާރުގެ ގެޒެޓްގައާއި އަދި މީގެއިތުރުން އިލެކްޝަން ކޮމިޝަނުގެ ރަސްމީ ވެބްސައިޓުން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި މީގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން މި ލިސްޓު މިއަދު އާއްމުކުރުމާއެކު އެ ކޮމިޝަނުން ވަނީ މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް އާންމުކޮށް ހުޅުވާލާފައެވެ. އެގޮތުން ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށްވެސް އެ ކޮމިޝަނުންބުނެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ ކޮމިޝަނުން ނެރެ އާންމުކޮށްފައިވާ މި ލިސްޓަށް ޝަކުވާ ހުށައަޅާނީ އެ ކޮމިޝަނުން އެކަމަށް ޚާއްޞަ ކޮށްފައިވާ ވަކި ފޯމެއް ބޭނުންކޮށްގެންނެވެ. އެގޮތުން މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލިއިރު ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ހަވީރު 5:00 އަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި ލިސްޓާމެދު ކުރާ ޝަކުވާތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ކަމަށާއި އަދި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން ޝަކުވާ ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ.
ޝަކުވާ ފޯމް ލިބިވަޑައިގަންނަވާނީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ކަމަށްވެސް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު، އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާއިރު އެ ލިސްޓް ފެންނަން ހުންނާނީ :
ސަރުކާރުގެ ގެޒެޓް www.gazette.gov.mv
އިލެކްޝަން ކޮމިޝަންގެ ރަސްމީ ވެބްސައިޓް: ww.elections.gov.mv
މީގެ އިތުރުން ލިސްޓް ޗެކް ކުރެއްވުމަށް އެސް.އެމް.އެސް ކުރައްވާނީ VR Space IDNo. Send to 1414 އަށް ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.