
މެޖޯރިޓީގެ ތާޢީދާއެކު ފަޅުރަށްތައް ކުއްޔަށް ދިނުމާގުޅޭ ބިލު މަޖިލީހުން ފާސްކޮށްފި
ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން47 މެމްބަރުންގެ ތާއީދާއި އެކު އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ހުށަހެޅުއްވި މިބިލުގައި، އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި، ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭ ކަންކަން ވަނީ ހިމަނާފައި އެވެ. މިބިލުގައިވާގޮތުން މިހާރުވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ފަޅުރަށްރަށް އެކަށައެޅޭނީ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާޢީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ، އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް އެކި ބޭނުންތަކަށް ފަޅު ކުއްޔަށް ދޫކުރާނީ، އެ ފަޅެއް ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ. އަދި މި ބިލުގެ ދަށުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށެއް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕުތަކަށެވެ. އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކާއި ޖަމުޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރެވޭނެއެވެ.
މީގެ އިތުރުން އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ، 21 އަހަރުގެ މުއްދަތަކަށް ކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް އެދޭ ހާލަތެއްގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ދެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.



