
ވަކި ދުވަސްވަރެއްގައި ހިފުން ސުންނަތްވެގެންވާ ރޯދަ
ޝައްވާލު މަހު ރޯދަ
ޝައްވާލު މަހު ހަ ދުވަސް ރޯދަ ހިފުމަކީވެސް ވަރަށް ގަދަ ސުންނަތެކެވެ. مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ
މާނައަކީ: “ރަމަޟާން މަހުގެ ރޯދަ ހިފައި، ޝައްވާލު މަހުން 6 ދުވަސް (ރޯދަ ހިފުމުން) އެއާއި ގުޅުވައިފި މީހަކު، އަހަރުގެ ހުރިހާ ދުވަހަކު ރޯދަ ހިފިފަދައެވެ.“(ޞަޙީޙް މުސްލިމް)
މުޙައްރަމް މަހުގެ ރޯދަ
ވީ ވަރަކުން މުޙައްރަމް މަހުގެ ދުވަސްތަކުގައި ރޯދަ ހިފުމަކީ ވެސް ސުންނަތެކެވެ. އެގޮތުން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރައްވަނީ : عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ صَلَاةُ اللَّيْلِ
މާނައަކީ: އަބޫ ހުރައިރާ ވިދާޅުވިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ.“ ރަމަޟާން މަހުގެ ރޯދައަށް ފަހު އެންމެ ހެޔޮއިތުރުކަން ބޮޑީ، މާތް ﷲ ގެ ޙުރުމަތްތެރި މަސް ކަމުގައި ވާ މުޙައްރަމް މަހު ރޯދަ ހިފުމެވެ. އަދި ފަރުޟު ނަމާދަށް ފަހު އެންމެ ހެޔޮއިތުރުކަން ބޮޑީ، ދަމު ނަމާދެވެ.“ ޞަޙީޙް މުސްލިމް، ބާބުއް ޞިޔާމް
ޝަޢްބާން މަހު ރޯދަ ހިފުން
ރަމަޟާން މަހުގެ ކުރިން އޮންނަ ޝަޢްބާން މަހުގެ ގިނަ ދުވަސްތަކަކު ރޯދަ ހިފުމަކީވެސް ސުންނަތްވެގެން ވާ ކަމެކެވެ.
ޝަޢްބާން މަހު ރޯދަ ހިފުމާއި ބެހޭ ގޮތުން ޢާއިޝަތުގެފާނު ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ لَا يُفْطِرُ وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ
މާނައަކީ: “ޢާއިޝަތުގެފާނު ވިދާޅުވިއެވެ. “އެއްގޮތަކަށް ވެސް ރޯދަ ނު ކަނޑުއްވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވައެވެ. އަދި ރޯދަ ނު ހިއްޕަވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ނު ހިއްޕަވާ (ދުވަސްތަކެއް) ދޫކޮށްލައްވައެވެ. އަދި ރަމަޟާން މަސް ފިޔަވާ އެހެން މަހެއް އެއްކޮށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަން، ތިމަން ކަމަނާ ނުދެކެމެވެ. އަދި ޝަޢްބާން މަހުގައި ރޯދަ ހިއްޕަވާހާ ގިނައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށްވެސް ނުދެކެމެވެ.“ ޞަޙީޙް ބުޚާރީ ، ބާބުއް ޞައުމު
ޝައްކެއްވެސް ނެތް ގޮތުގައި މާތް ﷲ ޘަވާބާއި ދަރުމައަށް އެދި ރޯދަ ހިފުމަކީ، ވަރަށްވެސް ދަރުމަ އިތުރު އަޅުކަމެކެވެ. އަދި ހެޔޮކަމުގެ ތިލަފަތް ބަރު ކުރެވިދާނެ ފަސޭހަ ގޮތެކެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރައްވަނީ: مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ عَزَّ وَجَلَّ بَاعَدَ اللَّهُ وَجْهَهُ مِنْ جَهَنَّمَ سَبْعِينَ عَامًا
މާނައަކީ: “މާތް ﷲ ގެ މަގުގައި ރޯދައެއް ހިފައިފި މީހެއްގެ މޫނު (އެބަހީ އެ މީހާ) ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް، މާތް ﷲ ދުރު ކުރައްވާނެއެވެ.“ (ނަސާއީ، އަދި އަލްބާނީ ވަނީ މި ޙަދީޘް ޞައްޙަކަމަށް ވިދާޅުވެފައި
މަތީގައިވާ ހުރިހާ ވާހަކައެއް ޚުލާޞާ ކޮށް ބުނާނަމަ ބުނަން ޖެހެނީ ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތަކަކީ:
އަހަރުގެ ދުވަސްތަކުން އެމީހަކު ބޭނުން ދުވަހަކު ހިފުން ސުންނަތް ރޯދަ (މަނާ ދުވަސްތައް ފިޔަވައި)
ދާއޫދުގެފާނު ހިއްޕެވި ރޯދަ.
ކައިވެނި ނުކުރެވޭ ޒުވާނާ ހިފާ ރޯދަ.
ކޮންމެ ހަފްތާއެއްގެ ހޯމަ ބުރާސްފަތި.
ކޮންމެ މަހެއްގެ ތިން ދުވަސް.
ޢާޝޫރާ.
ޙައްޖުމަހު ނުވަ ދުވަހު އަދި ޢަރަފާތް ދުވަހު.
ޝައްވާލު މަހު ހަ ރޯދަ.
މުޙައްރަމް މަހު ރޯދަ ހިފުން.
ޝަޢްބާން މަހު ރޯދަ ހިފުން.
މި މައުލޫމާތު ކޮޅަކީ 2004 ވަނަ އަހަރު އިސްމާޢީލް ނާޖީ ތަރުޖަމާކޮށް ލިޔުއްވަވާފައިވާ ލިޔުމަކުން ޚުލާސާ ކޮށްލެވިފައިވާ މައުލޫމާތު ކޮޅެކެވެ.


