ޚަބަރު ފީތާ

ﷲ سبحانه وتعالى އެކި އަޅުން އިމްތިޙާނު ކުރައްވަނީ އެކި ގޮތަށެވެ. އެގޮތުން އުފަލާއި، ހިތާމަޔާއި، ހިތްދަތިކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންގެ އިމްތިޙާނު ކުރެއްވުމަށް މެދުވެރި ކުރުވާ ސަބަބެކެވެ. އިންސާނާއަށް ދިމާވާ ކަންކަމުގެ ސަބަބުން ހިތްދަތިވެ، ބޯހާސްކުރުވައެވެ. އެހެން ބަހަކުން ބުނަނީނަމަ “ޑިޕްރެޝަން” މެދުވެރިވެއެވެ. އެކި މީހުނަށް އެކި ވަރަށެވެ.

އެމީހެއްގެ އީމާންތެރިކަމާ ގުޅޭ މިންވަރަކަށެވެ. ވަރަށް ގިނަ ފަހަރަށް މިކަމުގެ ސަބަބުން އިންސާނާ މަގު އޮޅެއެވެ. ގިނަމީހުން ހިތްހަމަ ޖެހުމާއި އުފަލާއި އަރާމު ގެއްލޭ ކޮންމެ ފަހަރަކު ކޮންމެވެސް ދުނިޔެވީ ކަމަކުން އެކަން ކަމުގެ ފަރުވާ ނުވަތަ ޙައްލު ހޯދުމަށް މަސައްކަތް ކުރެއެވެ.  އާއެކެވެ. ސަބަބު ތަކުގައި ހިފުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

ނަމަވެސް އެ ހިފާ ސަބަބު ތަކަކީ ހަމަ ޙަޤީޤަތުގައިވެސް ސަބަބެއްތޯ ވިސްނާލަން ޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން ބުނެއެވެ. ތިމަންމެން ފިކުރު ބޮޑުވެ ހާސްވެ ނުވަތަ ހިތާމަވެރި ކަމެއް ދިމާވުމުންވެސް ސިނގިރެޓްބޯލަމެވެ. އެއީ އެ ފިކުރުން ނުވަތަ ހިތާމައިން ދުރުވެލުމަށެވެ. އަނެއް ބަޔަކު ބުނެއެވެ ތިމަންމެން ފިކުރު ބޮޑުވެ ހާސްވެ ހިތާމައިގެ ވަގުތުތަކުގައި ކޮންމެވެސް މިއުޒިކެއް ނުވަތަ ލަވައެއް އަޑުއަހާލަމެވެ. އެއީ އެކަމުން ދުރުވެލާށެވެ.

މިހާ ހުސާބުން ވިސްނާލަން ޖެހެނީ ހަޤީޤަތުގައިވެސް އެކަން ކަން ކުރުމުން ފިކުރު ބޮޑުވުމާއި ހިތާމައާއި ހިތްހަމަޖެހުން ފިލާ ހިތަށް ހަމަޖެހުން ލިބޭތޯއެވެ. ޖަވާބަކީ ޙަޤީޤީ ހަމަޖެހުމާ ގާތަށްވެސް އެކަން ކަމުން ހިތަހަމަޖެހުން ނުލިބޭކަމެވެ. ދެން އެހެންވިއްޔާ ހިތަށް ހަމަޖެހުމާއި ފިކުރު ބޮޑުވުމުން ސަލާމަތް ކޮށްދެނީ ކޮންއެއްޗެއް ހެއްޔެވެ؟ ކޮން ކަމަކުން ހެއްޔެވެ؟ ޝައްކެތްވެސް ނެތެވެ. ފަރުވާއަކީ ﷲ ހަނދުމަކުރުމެވެ. ޒިކުރު ކުރުމެވެ. ދުޢާ ކުރުމެވެ. ޤުރްއާން ކިޔެވުމެވެ.

މިކަންކަމުގެ ސަބަބުން، ﷲ އެ އިލާހުގެ އަޅުން މިކަމުން ސަލާމަތްކުރައްވާ، އެ އަޅުންގެ ހިތްތަކަށްހަމަޖެހުން ދެއްވައެވެ. އަހަރެމެންގެ ދީނުގައި ވަނީ މިފަދަ އެންމެހާކަމެއްގެ ފަރުވާ ބަޔާންކޮށްދެއްވާފައެވެ. ހިތާމަޔާއި މޮޅިވެރިކަމާއި، ފޫހިވާ ވަގުތުގައިވެސް ﷲ ހަނދުމަކޮށްފިނަމަ ﷲ އެމީހަކު އެކަމުން ސަލާމަތް ކުރައްވާ ހިތަށް ހަމަޖެހުން ދެއްވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ (سورة الرعد 28)

މާނައީ: “އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (ސޫރަތުއް ރަޢުދު 28)

އަހަރެމެންގެ މާތްނަބިއްޔާ ވަނީ މުސްލިމަކަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުރަންވީ ޛިކުރުތައްވެސް ބަޔާންކޮށްދެއްވާފައެވެ. ޑިޕްރެޝަން ނުވަތަ ހިތާމަޔާއި މޮޅިވެރިކަމުގައި ޖެހިއްޖެ މީހާ މިދުޢާތައް ކިޔުން ހުއްޓެވެ.

1. “اَللَّهُمَّ إِنِّيْ عَبْدِكَ، اِبْنُ عَبْدِكَ، اِبْنُ أَمَتِكَ، نَاصِيَتِيْ بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ، بِكُلِّ اِسْمٍ هـُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِيْ كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِيْ عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيْعَ قَلْبِيْ، وَنُوْرَ صَدْرِيْ، وَجَلاَءَ حُزْنِيْ، وَذَهـاَبَ هـَمِّيْ.”

މާނައީ: އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނަކީ އިބަ ﷲގެ އަޅަކީމެވެ. އިބަ ﷲގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަ ﷲގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަންވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަ ﷲގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲގެ ފައިޞަލާ މިއަޅާއާމެދު ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲގެ އަމިއްލަ ޒާތުފުޅަށް ޙުދު އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަﷲ އުނގަންނައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟްރަތުން ޢައިބުގެ ޢިލްމުގައި އިބަﷲ ޙާއްޞަކުރައްވާފައިވާ އިބަﷲގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރުއާން ލައްވައިދިނުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.” (رواه احمد وصحّحه الألباني)

2. “اَلَّلهـُمَّ إِنِّيْ أَعُوْذُ بِكَ مِنْ الْهـَمِّ وَالْحُزْنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ. وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ.”

މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެންވުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކައުތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދި ދަންނަވަމެވެ.” (رواه البخاري. مع الفتح)

(رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  މިދުއާ ވަރަށްގިނައިން ކުރައްވާކަމުގައިވިއެވެ.)

އަޅަމެންނީ ހުރިހާ ވަޤުތެއްގައިވެސް ﷲ ހަނދުމަކޮށް އެކަލާންގެއަށް ފުރިހަމަގޮތުގައި ވަކީލު ކުރާ ބަޔަކު ކަމުގައި ލައްވާށި.

آمين

Rate this post