
ސޫރަތުލް ޒަލްޒަލާ (2)ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު، 26 ޑިސެންބަރު 2017 އާގުލޭ
(يَوْمَئِذٍ تُحَدِّثُ أَخْبَارَهَا) “އަދި އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.” މި އާޔަތުގައި (يَوْمَئِذٍ) ”އެދުވަހުންނޭ“ އެ ބުނެވެނީ ބިންގަޑު އެންމެފަހުގެ ހެލިގަތުމުން ހެލިގަންނަ ދުވަހަށެވެ.
(يَصْدُرُ النَّاسُ أَشْتَاتاً) ”އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ.“ ތަފާތު ޖަމާޢަތްތަކަކަށެވެ. ކޮންމެ ބަޔަކުވެސް މިސްރާބުޖަހާނީ އެބަޔަކަށް ކަނޑައެޅިފައިވާތަނަކާ ދިމާއަށެވެ. ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއާ ދިމާއަށެވެ. ނަރަކައިގެ އަހުލުވެރިން ނަރަކައާ ދިމާއަށެވެ. ނަރަކައިގެ އަހުލުވެރިން ލަވަމުން ގަދަކަމުން އެނަރަކައާ ދިމާއަށް ގެންދެވޭނެއެވެ. އަމިއްލަ އިޚްތިޔާރުގައި ދާން ބޭނުންނުވިކަމުގައި ވިޔަސްމެއެވެ. ގަދަކަމުން ގެންދެވޭނެއެވެ. ސޫރަތު މަރްޔަމްގެ 85 އިން 87 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
(يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَـٰنِ وَفْدًا ﴿٨٥﴾ وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴿٨٦﴾ لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا ﴿٨٧﴾ )
މާނައަކީ: “ تقوى ވެރިން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް (عزّة ތެރި) وفد އެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ. رحمن ވަންތަ ރަސްކަލާނގެ حضرة ގައި عهد އެއް ހިފާފައިވާ މީހަކަށް (އެކަލާނގެ إذن ދެއްވުމުން) މެނުވީ، އެއުރެންކުރެ އެކަކަށްވެސް شفاعة ތެރިވުމުގެ ބާރެއް ލިބިގެނެއްނުވެތެވެ.“
މީސްތަކުން ތަފާތު ބައިތަކަށް ޖަމާޢަތްތަކަށް ބެހޭނެއެވެ. ތަފާތުވެގެންވާ ގޮތުގައެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު މާތްކުރައްވާގޮތުގައެވެ. ސޫރަތުލް އިސްރާގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا ﴿٢١﴾ ) މާނައަކީ: ”ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން آخرة މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ.“
(لِّيُرَوْا أَعْمَالَهُمْ ) ޖަމާޢަތް ޖަމާޢަތަށް މީހުން ދާސަބަބަކީ، އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. އެބަހީ އެއުރެން އެގޮތަށް ބައިބަޔަށް އެ ގެނެވެނީ އެއުރެންނަށް އެއުރެންގެ ޢަމަލުތައް ދެއްކެވުމަށެވެ. އެބައިމީހުން ކުޅަ ޢަމަލުތައް ﷲ ތަޢާލާ އެބައިމީހުންނަށް ދައްކަވާނެއެވެ. ހެޔޮ ޢަމަލުތައް ކުޅަނަމަ ހެޔޮ ޢަމަލުތަކެވެ.
ނުބައި ޢަމަލުތައް ނަމަ ނުބައި ޢަމަލުތަކެވެ. އެއީ ޙިސާބު ބެއްލެވުމާއި އޭނާގެ ޢަމަލުތަކުގެ ފަތް ދެއްވުމުންނެވެ. އިންސާނާއަށް އޭނާ ކުޅަ ޢަމަލުތަކުގެ ފަތް ދެއްވޭ ހުއްޓެވެ. އޭނާގެ ކަނާއަތަށް ނޫނީ އޭނާގެ ވާއަތަށެވެ. އޭގެފަހުގައި އޭނާގެ އެފަތުގައިވާ އެއްޗަކާ ބެހޭގޮތުން ޙިސާބުކުރެވޭހުއްޓެވެ. މުއުމިނު އަޅާއާ ﷲ ތަޢާލާ އެކަހެރިވެވޮޑިގެން އޭނާއަށް އޭނާގެ ފާފަތައް ﷲ ތަޢާލާ ހަނދުމަކޮށްދެއްވުމުން އޭނާ އޭނާގެ ފާފަތަކަށް އިޤުރާރުވާނެތެވެ. ﷲ ތަޢާލާ އޭނާއަށް ވަޙީކުރައްވާނެއެވެ.
“ތިބާ މިވެނި އެވެނި ކަމެއް ކުރީމު ނޫން ހެއްޔެވެ؟” އޭނާ އެކަންކަމަށް އެއްބަސްވެ އިޤުރާރުވެއްޖައުމަށް ދާންދެނެވެ. ދެން އޭނާ ކަންބޮޑުވާ ހިނދު ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ”ހަމަކަށަވަރުން ތިމަންއިލާހު ތިބާއަށް ދުނިޔޭގައި އެފާފަތައް ސިއްރުކޮށްދެއްވީމެވެ. އަދި މިއަދު ތިބާއަށް ތިމަންއިލާހު އެ ފާފަތައް ފުއްސަވާދެއްވާ ހުށީމެވެ.“
އަދި ކާފިރުވިމީހާ ދަންނައެވެ. އޭނާއާމެދު މި ގޮތަށް މުޢާމަލާތްނުކުރެވޭ ހުއްޓެވެ. އޭނާ ގޮވާ ނަގާނެތެވެ. ސޫރަތު ހޫދުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَيَقُولُ الْأَشْهَادُ هَـٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّـهِ عَلَى الظَّالِمِينَ ﴿١٨﴾ ) މާނައަކީ: ”އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.“
(لِّيُرَوْا أَعْمَالَهُمْ ) ”އެއުރެންގެ عمل ތައް ދެއްކެވުމަށްޓަކައެވެ.“
މި ބަސްފުޅުގެ މުރާދުގައި ހުރިހާ ޢަމަލުތަކެއް ހިމެނިގެން ވެއެވެ. ބޮޑެތި ޢަމަލުތަކާއި ކުދި ޢަމަލުތަކެވެ. ހެޔޮކަންކަން ކުޅައުމުގެ ސަބަބުން އެއުރެންގެ ޢަމަލުތަކުން ﷲ ތަޢާލާ ފުއްސަވާދެއްވި ޢަމަލުތަކެއް މެނުވީއެވެ. ސޫރަތު ހޫދުގެ 114 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ) މާނައަކީ: ”ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ.“
އިންސާނާ އޭނާގެ ޢަމަލުތައް ދެކޭނެއެވެ. މަދު ޢަމަލުތަކާއި ގިނަ ޢަމަލުތަކެވެ. އޭނާއަށް އެ ޢަމަލުތަކުގެ ކަންކަން ސާފުގޮތުގައި ބަޔާންވެއްޖައުމަށް ދަންދެނެވެ. އޭނާއަށް ބުނެވޭނެއެވެ.
(اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا) [الإسراء: 64].
މާނައީ: “ތިބާގެ ފޮތް ތިބާ ކިޔާށެވެ. މިއަދު ތިބާގެ މައްޗަށް ޙިސާބުކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސުފުދެއެވެ.”
އެހެންކަމުން، އިންސާނާގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ތަޢާލާ ރުއްސަވާވޮޑިނުގަންނަވާ ކަންކަން ނުކުރުމެވެ. އެހެނީ އޭނާ ކުރާ ކަންކަން އަދި ބުނާ ބަސްތައް ލިޔެވެމުން ދާކަން އޭނާއަށް އެނގެއެވެ. އަދި އޭގެ ފަހުގައި އެ ކަންކަމާމެދު އޭނާ ޙިސާބުކުރެވޭނެ ކަންވެސް އޭނާއަށް އެނގެއެވެ.
(فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَهُ * وَمَن يَعْـمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَهُ). މިތާގައި (من) އަކީ شرطية އެވެ. އެއިން ދޭހަވަނީ ނުވަތަ ޢާއްމުކަމެވެ. އެހެނީ އެހެނީ ކޮންމެ އިންސާނަކުވެސް ކުޅަ ކޮންމެ ޢަމެލެއްވެސް، އެއީ ހެޔޮ ޢަމަލެއް ކަމުގައި ވިޔަސް އަދި ނުބައި ޢަމަލެއް ކަމުގައި ވިޔަސް އެ ޢަމަލު ޙިސާބު ކުރެވި އޭގެ ޙައްޤުޖަޒާ އޭނާއަށް ދެވޭނެއެވެ.
مِثْقَالَ ذَرَّةٍ ގެ މުރާދަކީ ذَرَّةٍ އެއްގެ ބުރަދަނެވެ. ذَرَّةٍ އަކީ ކުދި ހިންޏެވެ. އަކީ މިއަދުގައި މިކިޔާ އެޓޮމްއެއް ނޫނެވެ. އެހެނީ އެ ޒަމާނުގައި އެއީ އެމީހުން ދަންނަ އެއްޗެއް ނޫނެވެ. މީސްތަކުންނަށް ނޭނގޭ އެއްޗެއްގެ ވާހަކައިން ﷲ ތަޢާލާ މީސްތަކުންނާ މުޚާޠަބުނުކުރައްވައެވެ. ذرةގެ ވާހަކަ އައިސްފައިވަނީ ذرة އަކީ މަދުކަން ބަޔާންކުރުމުގައި މިސާލު ޖަހާ އުޅޭ އެއްޗެއްކަމުގައި ވާތީއެވެ. ﷲ ތަޢާލާ އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا [النساء: 40].
މާނައީ: “ﷲ(އެއްވެސް މީހަކަށް) ޛައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ޘަވާބު) ގިނަގުނަ ކުރައްވަތެވެ. އަދި، އެއިލާހުގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ.”
ޛައްރާއަކަށް ވުރެ ކުޑަ މިންވަރެއްގެ ޢަމަލެއް ކުޅަ މީހާގެ ޢަމަލުވެސް ޙިސާބު ކުރެވޭނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މިސާލު ޖެހުމަށް ذرة ބޭނުންކުރެވޭތީ މި އާޔަތުގައި އެގޮތަށް ވަޙީކުރެއްވީއެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅު مِثْقَالَ ذَرَّةٍ އިން ދޭހަކޮށްދެނީ ޢަމަލުތައް ކިރޭނެކަމެވެ. މި މައްސަލައަކީ ޢިލްމުވެރިން މި މައްސަލައާމެދު އިޚްތިލާފުވެވަޑައިގެންފައިވާ މައްސަލައެކެވެ.
– ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ކިރޭނީ ޢަމަލުތަކެވެ.
– އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި ކިރޭނީ ޢަމަލުތައް ލިޔެވިގެންވާ ފަތްފުއްތަކެވެ.
– އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކިރޭނީ ޢަމަލުކުރާ މީހާއެވެ.
ކޮންމެ ބަޔަކުވެސް ދަލީލުތައް ގެންނަވާފައިވެއެވެ.
ޢަމަލުތައް ކިރޭނެކަމުގައި ވިދާޅުވާ ބޭކަލުންގެ ދަލީލަކީ މި އާޔަތެވެ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ ޛައްރާއެއްގެ މިންވަރުގެ ޢަމަލެއް ކުޅަ މީހާ، ތަޤްދީރު ކުރެވިފައިވަނީ ޛައްރާއެއްގެ މިންވަރުގެ ބުރަދަން ހުރި ޢަމަލެއް މިގޮތަށެވެ. އަދިވެސް ޢަމަލުތައް ކިރޭނެކަމުގައި ވިދާޅުވާ ބޭކަލުން އަންނަނިވި ޙަދީޘުންވެސް އެބޭކަލުންގެ އެބުނުމަށް އިސްތިދުލާލު ކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(كَلِمَتَانِ حَبِيبَتَانِ إِلَى الرَّحْمَنِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَان اللَّه الْعَظِيمِ)
މާނައީ: “މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު، ދޫމައްޗަށް ލުއި، ތިލަފަތުގައި ބަރު ދެކަލިމައެއް ވެއެވެ. އެއީ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَان اللَّه الْعَظِيمِ އެވެ.”
މި ޤައުލާމެދު ސުވާލެއް އުފެދިދާނެއެވެ. އެއީ ޢަމަލީ ކުރުމުން އެ ނިމޭ އެއްޗެކެވެ. ޖިސްމެއް ނޫނެވެ. އެހެންކަމުން އެއްވެސް ޖިސްމެއް ނުވާ އެއްޗެއް ތިލަފަތަށް ލާނީ ކިހިނެއްތޯ ސުވާލު އުފެދިދާނެއެވެ؟
މި ސުވާލުގެ ޖަވާބުގައި ބުނެވެއެވެ. އިންސާނާގެ މައްޗަށްވަނީ ﷲ ތަޢާލާ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ކުރައްވާފައިވާ ޣައިބުގެ އެންމެހާ ކަންކަން ތެދުކުރުމެވެ. އެއީ އޭނާގެ ބުއްދިއަށް ޤަބޫލުނުކުރެވޭ ކަންކަން ކަމުގައިވެސްމެއެވެ. މިހެން ބުނުމުން މިފަދައިން ކަންތައް ވާނީ ކިހިނެއްހޭ ބުނެ އޭނާ ޢަޖައިބުވެދާނެއެވެ.
ފަހެ އޭނާގެ މައްޗަށް ވަނީ ތެދުކުރުމެވެ. އެހެނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އޭނާ ތަޞައްވަރުކުރާ ވަރަށް ވުރެ މާ ބޮޑަށްވެސް ބޮޑުވެގެންވެއެވެ. މުސްލިމުގެ މައްޗަށް ވާޖިބުވެގެންވަނީ ބޯލަނބައި ކިޔަމަންގަތުމެވެ. ތެދުކުރުމެވެ. އެއީ ކިހިނެއް ވާ ކަމެއްތޯ ސުވާލު ނުކުރުމެވެ. އެހެނީ ޣައިބުގެ ކަންކަމަކީ އަހަރެމެންނަށް ތަޞައްވަރުކުރެވޭ ކަންކަމެއް ނޫނެވެ.
ދެވަނައީ، މި ޢަމަލުތައް މީޒާނުގައި (ބަރުވެ ލުއިވާ) ޖިސްމުތައްކަމުގައި ލެއްވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. މަޢުނަވީ ކަންކަންވެސް ޖިސްމުތަކަކަށް ބަދަލުކުރެއްވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. މަރު ޤިޔާމަތްދުވަހުގައި ކަންބަޅިއެއްގެ ސިފައިގައި ގެނެވޭނެކަމަށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޞައްޙަގޮތުގައި ރިވާވެގެންވާ ފަދައިންނެވެ.
عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( يُؤْتَى بِالْمَوْتِ كَهَيْئَةِ كَبْشٍ أَمْلَحَ فَيُنَادِي مُنَادٍ يَا أَهْلَ الْجَنَّةِ فَيَشْرَئِبُّونَ وَيَنْظُرُونَ فَيَقُولُ هَلْ تَعْرِفُونَ هَذَا ؟ فَيَقُولُونَ : نَعَمْ ، هَذَا الْمَوْتُ ، وَكُلُّهُمْ قَدْ رَآهُ ، ثُمَّ يُنَادِي يَا أَهْلَ النَّارِ فَيَشْرَئِبُّونَ وَيَنْظُرُونَ فَيَقُولُ هَلْ تَعْرِفُونَ هَذَا ؟ فَيَقُولُونَ : نَعَمْ ، هَذَا الْمَوْتُ ، وَكُلُّهُمْ قَدْ رَآهُ ، فَيُذْبَحُ ، ثُمَّ يَقُولُ : يَا أَهْلَ الْجَنَّةِ خُلُودٌ فَلَا مَوْتَ ، وَيَا أَهْلَ النَّارِ خُلُودٌ فَلَا مَوْتَ ، ثُمَّ قَرَأَ ( وَأَنْذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ ) ، وَهَؤُلَاءِ فِي غَفْلَةٍ أَهْلُ الدُّنْيَا ( وَهُمْ لَا يُؤْمِنُونَ ) .رواه البخاري ( 4453 ) ومسلم ( 2849 ) .
މާނައީ: އަބޫ ސަޢީދުލް ޚުޛްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ޤިޔާމަތްދުވަހުގައި ކަޅާއި އަދި ހުދު ކުލައިގެ ކަންބަޅިއެއްގެ ގޮތުގައި ސުވަރުގެއާއި އަދި ނަރަކައިގެ ދެމެދަށް މަރު ގެނެވޭނެއެވެ. އެއަށްފަހުގައި ބުނެވޭނެތެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންނަށް މިއީ ކޯއްޗެއްކަން އެނގޭ ހެއްޔެވެ؟ އެހިނދު އެބައިމީހުން ބޯތައް ދިއްކޮށް އެއަށް ބެލުމަށްފަހު ބުނާނެތެވެ. އާނއެކެވެ. ތިޔައީ މަރެވެ. އެހުރިހާ އެންމެންނަށް އެ ވަނީ ފެނިފައެވެ. އަދި ބުނެވޭނެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންނަށް މިއީ ކޯއްޗެއްކަން އެނގޭ ހެއްޔެވެ؟ އެހިނދު އެބައިމީހުން ބޯތައް ދިއްކޮށް އެއަށް ބެލުމަށްފަހު ބުނާނެތެވެ. އާނއެކެވެ. ތިޔައީ މަރެވެ. އެހުރިހާ އެންމެންނަށް އެ ވަނީ ފެނިފައެވެ. ދެން މަރު ޛަބަޙަ ކުރެވޭނެތެވެ. އެއަށްފަހުގައި ބުނެވޭނެތެވެ. އޭސުވަރުގޭގެ އަހުލުވެރިންނޭވެ. (ތިޔަބައިމީހުންނަށް ވަނީ) މަރުވުމެއް ނެތިވެ ދާއިމަށް ދެމިތިބުމެވެ. އަދި އޭ ނަރަކައިގެ އަހުލުވެރިންނޭވެ. (ތިޔަބައިމީހުންނަށް ވަނީ) މަރުވުމެއް ނެތިވެ ދާއިމަށް ދެމިތިބުމެވެ. އެއަށް ފަހުގައި ރަސޫލު ﷲ صلى الله عليه وسلم (މަރްޔަމް ސޫރަތުގެ 39 އާޔަތް) ކިޔަވައި ވިދާޅުވިއެވެ ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޛާރު ކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ ޣާފިލް ކަމެއްގެ ތެރޭގައެވެ. އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.” ދުނިޔޭގެ އަހުލުވެރިން އެވަނީ ޣަފުލަތުގެ މަތީގައެވެ. އެބައިމީޙުން އީމާނެއް ނުވާނެއެވެ.”
މި ޙަދީޘުން އެ އުފެދުނު ސުވާލަށް ޖަވާބު ލިބިއްޖެއެވެ.
ޤިޔާމަތްދުވަހުގައި ތިލަފަތުގައި ކިރޭހުށީ ޢަމަލުކުރާ މީހާކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ މި ޙަދީޘެވެ.
كَانَ عبدالله بن مسعود رضي الله عنه يَجْتَنِي سِوَاكًا مِنَ الأَرَاكِ وَكَانَ دَقِيقَ السَّاقَيْنِ فَجَعَلَتِ الرِّيحُ تَكْفَؤُهُ فَضَحِكَ الْقَوْمُ مِنْهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : ( مِمَّ تَضْحَكُونَ ) قَالُوا: يَا نَبِيَّ اللَّهِ مِنْ دِقَّةِ سَاقَيْهِ فَقَالَ : ( وَالَّذِي نَفْسِي بِيَدِهِ لَهُمَا أَثْقَلُ فِي الْمِيزَانِ مِنْ أُحُدٍ ) حسن إسناده الألباني في شرح الطحاوية برقم 571 ص 418 .
މާނައީ: “ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރާކު ގަހަކުން ސިވާކު ދަނޑިކޮޅެއް ނައްޓަވާލައްވަން އުޅުއްވަނިކޮށް އެކަލޭގެފާނުގެ ކަށިމަތި ވައިގެ ސަބަބުން ކަޝްފުވިއެވެ. އެކަލޭގެފާނަކީ ކަށިމަތި ހިމަ ބޭކަލެކެވެ. އެކަލޭގެފާނުގެ ކަށިމަތި ފެނުމާއެކު އެކަށިމަތީގެ ހިމަކަމުން މީސްތަކުން ހޭންފަށައިފިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވައިފިއެވެ. “ތިޔަބައިމީހުން ތިޔަ ހެނީ ކީއްވެ ހެއްޔެވެ؟” ދެން އެބައިމީހުން ބުނެފިއެވެ. “ﷲ ގެ ރަސޫލާއެވެ. އެކަލޭގެފާނުގެ ކަށިމަތީގެ ހިމަކަމުންނެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެފަރާތެއްގެ އަތްޕުޅުގައި ތިމަންގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުންވެސް އެދެކަށިމަތިފުޅު އުޙުދުފަރުބަދައަށް ވުރެ ތިލަފަތުގައި ބަރުވެގެންވެއެވެ.” މި ޙަދީޘުން ދަލާލަތުކޮށްދޭ ގޮތުގައި ތިލަފަތުގައި ކިރޭނީ ޢަމަލުކުރާ މީހާއެވެ.
ބަޔާންވެދިޔަ ޤައުލުތަކުގެ ތެރެއިން އަހުރެން އިޚްތިޔާރުކުރާ ޤައުލަކީ ތިލަފަތުގައި ކިރޭނީ ޢަމަލުކަމެވެ. އަދި ބައެއް މީހުންގެ ޢަމަލުތަކުގެ ފަތް އަދި ބައެއް މީހުން ވެސް ތިލަފަތުގައި ކިރޭނެއެވެ.
މި ޤައުލަށް ބަލާއިރު، އެބަހީ ތިލަފަތުގައި ކިރޭނީ ޢަމަލުކުރާ މީހާ ކަމުގައި ބުނާނަމަ، އެކަން ބިނާވެފައިވަނީ ދުނިޔެމަތީގައި މީހުންގެ ހަށިގަނޑު ހުންނަ މިނުގެ މައްޗަށޭ މީހަކު ބުނެފާނެއެވެ. އެގޮތުން ހަށިގަނޑުގެ ގޮތުން ބަރު ބޮޑޫމީހާ ތިލަފަތުގައި ބަރުވާނޭ ނޫންހެއްޔެވެ. މީގެ ޖަވާބަކީ ނޫނެކެވެ. މިކަން ބިނާވެފައިވަނީ ދުނިޔެމަތީގައި އޭނާގެ ހަށިގަނޑުގެ ބަރުދަނަކަށް ނޫނެވެ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ރިވާވެގެންވެއެވެ.
«إِنَّهُ لَيَأْتِيْ الرَّجُلُ الْعَظِيْمُ السَّمِيْنُ يَوْمَ الْقِيَامَةِ لَا يَزِنُ عِنْدَ اللهِ جَنَاحَ بَعُوْضَةٍ»، وَقَالَ: اِقْرَؤُا {فَلَا نُقِيْمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا}. [الكهف: 105].
“ހަމަކަށަވަރުން ޤިޔާމަތްދުވަހުގައި، ތިލަފަތުގައި މަދިރިއެއްގެ ފިޔައިގެ ބަރުދަންވެސް ނުހުންނަ ބޮޑެތި ފަލަ މީހުންވެސް އަންނާނެއެވެ.” އަދި ޙަދީޘްކުރެއްވިއެވެ. މި އާޔަތް ކިޔަވާށެވެ. {فَلَا نُقِيْمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا}. [الكهف: 105]. މާނައީ: “އަދި އެބައިމީހުންނަށް ޤިޔާމަތްދުވަހުގައި އެއްވެސް ބަރުދަނެއް ނުލިބޭ ހުއްޓެވެ.”
ޢަބްދުﷲ ބިން މަސްޢޫދާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ޙަދީޘްކުރެއްވީ އެކަލޭގެފާނުގެ ދެކަށިމަތިފުޅު ޤިޔާމަތްދުވަހު މީޒާނުގައި އުޙުދުފަރުބަދައަށް ވުރެ ބަރުވާނޭ ކަމުގައެވެ. މީހާގެ ޖިސްމުގެ ބަރުދަން އެދުވަހުގައި ބިނާވާހުށީ އެމީހާގެ ހެޔޮޢަމަލުތަކުގެ މައްޗަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَهُ * وَمَن يَعْـمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَهُ). ފަހެ، ކުޑަ ހިންޏެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ކުޑަ ހިންޏެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
މި ސޫރަތުގައި ވަނީ ދުނިޔޭގެ ބިންގަނޑުގެ ހެލިގަތުމާމެދު ސަމާލުކުރުވުމާއި ބިރުގެންނެވުމެވެ. އަދި ހެޔޮ ޢަމަލު ކުރުމަށް މިސޫރަތުގައި ބާރުއަޅުއްވާފައިވެއެވެ. އަދި ހެޔޮ ޢަމަލަކީ ކިތަންމެ ކުޑަ ޢަމަލެއް ކަމުގައި ވިޔަސް ﷲ ގެ ޙަޟްރަރުގައި ގެއްލެނިވެގެންދާނޭ އެއްޗެއް ނޫނެވެ. ކުޑަ ކުޑަ ރަތް ހިންޏެއްގެ މިންވަރު ކަމުގައިވިޔަސް މެއެވެ. އެއަށް ވުރެ ކުޑަ ޢަމަލެއް ކަމުގައި ވިޔަސް ޤިޔާމަތްދުވަހުގެ އޭނާ އެ ޢަމަލެއް ދެކޭނެއެވެ.
ނިމުނީ.



