ސަރުކާރަށް ތާއީދު ނުކުރާ މީހަކަށް ވާތީ ޑރ.އިޔާޒު އަބްދުއްލަތީފު ފ.ނިލަންދޫގައި ދެއްވަން އުޅުއްވި ދަރުހެއް ހުއްޓުވައިފި ކަމަށް ބުނެ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުން ފަތުރަމުންދިޔަ ވާހަކަތައް ފ. ނިލަންދޫ ކައުންސިލުން ދޮގުކޮށްފިއެވެ.
ރޭޑިއޯ އެޓޯލަށް މަޢުލޫމާތު ދެއްވަމުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލު ވިދާޅުވީ އެ ޚަބަރަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.
އެކަން ހިނގާފައިވާގޮތް ކިޔައިދެއްވަމުން މުޙައްމަދު ޖަލީލް ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫ ކައުންސިލުން ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ގުޅިގެން ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި، އެހެންނަމަވެސް ޚިތާނު ކުރުމާއި ކައިވެނި ޕާޓީތައް އޮވެގެން އެކަމުގައި އިސްކޮށް އުޅުނު ބައެއް މުއައްސަސާތަކުގެ ވެރިން ބައްދަލު ކުރުމަށްފަހު، ޚިތާނު ކުރުމާއި އެހެނިހެން ކަންކަން އޮންނައިރު، މިފަދަ ހަރަކާތްތަކެއް ބޭއްވި ނަމަވެސް ގިނަ ރައްޔިތުންގެ ތަރުހީބު ނުލިބިދާނެތީ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުން ފަސްކޮށްލަން ލަފާދެއްވި ކަމަށެވެ.
އަދި ޑރ. އިޔާޒްއާއި ދަރުސް ބޭއްވުމާއި ބެހޭގޮތުން ކައުންސިލްގެ ނައިބު ރައީސާއި އަތޮޅު ކައުންސިލްގެ މެމްބަރަކާއި އަދި އެހެން ބޭފުޅަކާއި 3 ބޭފުޅުން ވާހަކަ ދެއްކެވިއިރު، ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތައް ފަސްކުރަން ނިންމާފައިވާ ކަން ހަނދުމަފުޅު ނެތް ކަމަށާއި، އަދި ޑރ. އިޔާޒްވެސް ދަރުސް ދެއްވަން އެއްބަސްވި ކަމަށެވެ. ޑރ. އިޔާޒް ކައިރީ އެވާހަކަ ނުދެންނެވުން އެއީ އެބޭފުޅުންނަށް ކުރެވުނު ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކަންމިހެން ހިނގާފައި ވަނިކޮށް ކައުންސިލްއާއި ދެކޮޅު ބަޔަކު ޑރ އިޔާޒަށް ވިސްނައިދީފައި ވަނީ ސަރުކާރަށް ތާއީދު ނުކުރާ މީހެއްކަމަށް ބުނެ ސަރުކާރުން ދަރުސް ބޭއްވުމަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ ކަމަށް ވެސް ޖަލީލް ވިދާޅުވިއެވެ.
މުހައްމަދު ޖަލީލު އިތުރަށް ވިދާޅުވީ، ކައުންސިލުން ކުރަން އުޅުނު ކަމެއް ނުކޮށް މަޑުކޮށްލުމާއި ޑރ. އިޔާޒް ދަރުސް ދެއްވަން އުޅުއްވަނިކޮށް އެހެން ބަޔަކު ހުރަސް އަޅައިގެން ހުއްޓުވުމާއި މިއީ ތަފާތު ދެކަމެއް ކަމަށެވެ.
ޑރ. އިޔާޒް ފަދަ ޢިލްމްވެރިއަކު ގެނެސް ދަރުސް ބާއްވާއިރު ދަރުސް އަޑުއަހަން ދިހަ ވަރަކަށް ނުވަތަ 50 ވަރަކަށް މީހުން ދިއުން އެއީ ކައުންސިލުން ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށާއި، އެއީ ކައުންސިލުން އެދޭ ގޮތް ނޫން ކަމަށް ޖަލީލް ވިދާޅުވިއެވެ.
އަދި ޚިތާނު ކުރުމުގެ ކަންތަކާއި ކައިވެނި ޕާޓީތައް ފަދަ ކަންތަކުގައި އުޅޭ ދުވަސްވަރެގައި ދަރުސް ބޭއްވުމުން އެފަދަ ބަދުނާމެއް ވުމަކީ ކައުންސިލުން ބޭނުންވާ ގޮތް ކަމުގައި ނުވާތީ، ފަސްކޮށްލަން މަޝްވަރާ ކުރެވުނު ކަމުގައި ވިދާޅުވިއެވެ.
ދަރުސް ދިނުން ހުއްޓުވިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އޮންލައިން ނޫހުން ހަދާފައި ވަނީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، މިއީ ކައުންސިލާ އިދިކޮޅު ފަރާތްތަކުން ފެތުރި ފިތުނައެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން މުހައްމަދު ޖަލީލް ވިދާޅުވީ، ސަރުކާރުގެ ނުފޫޒު ގަދަ ފަރާތަކުން ދަރުސް ދިނުން ހުއްޓުވާފައި ނުވާ ކަމަށާއި، ޑރ އިޔާޒް ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް ކުރިއަށް ދާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ތައްޔާރިތައްވެސް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.
”ނުފޫޒު ގަދަ ފަރާތަކުން ދަރުސް ބޭއްވުމަށް ހުރަސް އަޅާ ނަމަ ދަރުހެއް ނުބޭއްވޭނެ، ނަމަވެސް ދަރުސް ބޭއްވޭ ގޮތަށް ހަމަޖެހި ހުރިހާ ތައްޔާތީތަކެއް ހިނގަމުން ދާނީ“ ޖަލީލް ވިދާޅުވީއެވެ.
ފ. ނިލަންދޫ ކައުންސިލުން މިހެން ވިދާޅުވި ނަމަވެސް މިކަމާ ގުޅޭގޮތުން ޑރ އިޔާޒް ވިދާޅުވެފައި ވަނީ، މުޅިން ތަފާތު ވާހަކައެކެވެ. ޑރ. ޢިޔާޟް ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު ފ. ނިލަންދޫއަށް ވަޑައިންނެވުމުން، ކައުންސިލް ފަރާތުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 20 ވަނަ ދުވަހު ދަރުހެއް ދެއްވުމަށް ޑރ. އިޔާޒްގެ އަރިހުން އެބޭފުޅުން އެދިފައިވާ ކަމަށް، އަދި ދަރުސް ދެއްވުމަށް ޑރ. އިޔާޒް އެއްބަސްވި ކަމަށެވެ. އެހެން ނަމަވެސް 20 ވަނަ ދުވަސް ނިމިގެން ދިޔައިރުވެސް އެބޭފުޅުންގެ ޚަބަރެއް ނުވުމުން 21 ވަނަ ދުވަހު މިސްކިތުން އެބޭފުޅުންނާ ދިމާވުމުން އެކަމާ ސުވާލު ކުރުމުން ދެންނެވީ ސަރުކާރާ ދެކޮޅު ޚިޔާލު ހުންނަ ބޭފުޅަކަށް ވާތީ ދަރުސް ނުބޭއްވުމަށް މާލެއިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެވާހަކަ ޑރ އިޔާޒްގެ ފޭސްބުކްގައި ޕޯސްޓު ކުރުމުން އެބޭފުޅުންގެ ތެރޭގައި ވާހަކަ ދެކެވި، ދަރުސް ފަސްކޮށްފައިވާ ކަމަށް ބުނީ ކަމަށެވެ.
އަދި މިރޭ (23 ޑީސެންބަރު 2017) ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް އިންތިޒާމް ކޮށްފައިވަނީ ފޭސްބުކްއިން އެ ޕޯސްޓް ފެނި، ދަރުސް ކެންސަލް ކުރިކަން އެނގުމުން، ރަށުގެ އަމިއްލަ ފަރާތްތަކުން ކަމަށާއި، ކައުންސިލުން ނޫންކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަ ފަރާތްތަކުން ދަރުސްގެ ހުރިހާ ކަމެއް އިންތިޒާމް ކޮށްގެން، ރޭގައި ފ. ނިލަންދޫގައި ވަނީ ޑރ. އިޔާޒްގެ ދަރުސް ބާއްވާފައެވެ.