ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާންގެ ޢުމުރުން 31 އަހަރުގެ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފިއެވެ.
ސެޕްޓެމްބަރ 21 ވަނަ ދުވަހު ފުލައި ދުބާއީގެ FZ 555 އިން ރާއްޖެއައި މި މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ކަސްޓަމްސްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ޓްރޯލީ ބޭގުގެ 3 ފުރޮޅަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ޕެކެޓްތަކެއް ވަނީ ފެނިފައެވެ.
މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 640 ގްރާމް ހުއްޓެވެ.
މިކޭސްގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.