އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ކްލަބް ޕްރިމިއަރ ލައުންޖު، ރަސްމީގޮތުން މިއަދު ހުޅުވައިފިއެވެ.
ކްލަބް ޕްރިމިއަރ ޕްރޮގްރާމް ތަޢާރަފް ކުރެވުނީއްސުރެ، އުރީދޫ އިން ވަނީ އެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ.
ތަފާތު ޕާޓްނަރުންނާއި ގުޅިގެން އިތުރު ފައިދާތަކާއި އިތުރު ފަސޭހަތައް ފޯރުކޮށްދެމުންގޮސް މިއަދު މި ހުޅުވިގެން ދިޔައީ ޕްރީމިއަމް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ޚާއްސަ ކުރެވިފައިވާ ފުރަތަމަ ލައުންޖެވެ.
”ކަސްޓަމަރުންނަށާއި ޢާންމު މުޖުތަމައުއަށް އަޅާލައި، ކަމޭހިތުމަކީ އުރީދޫ ބްރޭންޑުގެ މުހިންމު ބައެއް. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި، ކަސްޓަމަރުންނާއި ކުރެވޭ ކޮންމެ މުއާމަލާތަކުންވެސް އެބޭފުޅުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެވެންވާނެ. ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމުގެ ބިންގަލަކީ، ކަސްޓަމަރުންގެ ޚިޔާލު ހޯދައި، އެއަށް ބިނާކޮށްގެން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން. އެހެންކަމުން، ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް، އަދި އަޅުގަނޑުމެންގެ ޓީމާއި ކުރާ މުއާމަލާތްތައް މެދުވެރިކޮށް، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުން ގަޔާވާ، އުފެއްދުންތެރި ތަޖުރިބާ ތަކާއި ގުޅުވާލަދިނުމަށް.“ އުރީދޫގެ ސީސީއޯ، ބާލާޖީ ސްރިނިވާސަން ވިދާޅުވިއެވެ.
”އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަ ލައުންޖެއް ހުޅުވުމާއި އެކު، މިއަދަކީ އުރީދޫގެ ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ކުރަމުންދާ ދަތުރުގެ ތެރެއިން، ވަރަށް މުހިންމު ދުވަހެއް. ކްލަބް ޕްރިމިއާ ލައުންޖު ވެގެންދާނީ، އަވަސް އަދި ފަސޭހަ ހިދުމަތް ލިބޭ، އެހެނަސް އަޅުގަނޑުމެންގެ ކަސްޓަމަރުން މަޑުކޮށްލަން ބޭނުންވާހާ ހިތްފަސޭހަ ތަނަކަށް. އަޅުގަނޑުމެންގެ އަމާޒަކީ، ކްލަބް ޕްރިމިއާ ލައުންޖަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކީވެސް ކަސްޓަމަރުންނަށް އުފާވެރި ތަޖުރިބާއަކަށް ވުން. މި ފުރުސަތުގައި އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އުރީދޫ އާއި އެކު ކުރާ ތަފާތު ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން.“ އުރީދޫގެ ހެޑް އޮފް ކަސްޓަމަރ ކެއާ، ގުލްނާޒް މާހިރު ވިދާޅުވިއެވެ.
އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން ކްލަބް ޕްރިމިއަރ ލައުންޖުން އިތުރު ތަޖުރިބާތަކެއް ކުރެވިގެންދާނެއެވެ.
މިގޮތުން، ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަރޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވަޑައި ގަނެވޭނެއެވެ. ލައުންޖަށް ވެންނެވުމާއިއެކު، ވަރަށް ހިތްގައިމު މާހައުލެއްގައި، އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެއެވެ. ހަމައެއާއި އެކު، ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ޚިދުމަތެއްވެސް ފަސޭހަކަމާއި އެކު ޚިޔާރު ކުރެއްވޭނެއެވެ.
ހ. މާދޫގައި ހުޅުވިފައިވާ އުރީދޫ ކްލަބް ޕްރިމިއަރ ލައުންޖުން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން، ރޭގަނޑު ދިހައެއްގެ ނިޔަލަށް ޚިދުމަތް ލިބޭނެއެވެ.