މުޖުތަމަޢުގައި ހިނގަމުންދާ މާރާމާރީއާއި ގޭންގު ކުށްތައް ހުއްޓުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިސްނަގައިގެން ކަމާގުޅުންހުރި މުޢައްސަސާތަކާއެކު ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށައިފިއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދާ މި ބައްދަލުވުންތައް ފަށާފައިވަނީ މިއަދުއެވެ.
އެގޮތުން މިއަދުގެ ބައްދަލުވުމުގައި ބައުވެރިވެފައިވަނީ ޖެންޑަރ މިނިސްޓްރީ، ޕޮލިސް، އިސްލާމިކް މިނިސްޓްރީ، ޔޫތް މިނިސްޓްރީ، ހޯމް އެފެއަރޒު، އެޑިއުކޭޝަން އަދި ޖުވެއިނަލް ޖަސްޓިސް ޔުނިޓެވެ.
މި ބައްދަލުވުންތަކުގެ މަޤްޞަދަކީ މުޖުތަމަޢުގައި ހިނގަމުންދާ މާރާމާރީއާއި ގޭންގް ކުށްތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކަމާބެހޭ މުޢައްސަސާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް، މި ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިކުރުމެވެ.
އަދި މުޖުތަމަޢުގައި ހިނަގަމުންދާ މާރާމާރީއާއި ގޭންގް ކުށްތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކަމާބެހޭ މުޢައްސަސާތައް ގުޅިގެން މިކަންކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، ނިންމާ ނިންމުންތައް ތަންފީޒްކުރުމަށް ބާރުއެޅުމާއި މުޢައްސަސާތައް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމެވެ.