ސޫރަތުއް ޝަރްޙި (2)

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފު

(الَّذِي أَنقَضَ ظَهْرَكَ ﴿٣﴾) “އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ.”

މިތަނުގައި “ބުރަކަށި” ގެ ވާހަކަ ގެންނަވާފައިވާ ސަބަބަކީ ބުރަކަށްޓަކީ ތަކެތި އުފުއްލުމަށް ޚާއްޞަކުރެއްވިފައިވާ ތަންކަމަށްވާތީވެއެވެ. އެހެން ގުނަވަނަކަށްވުރެ ތަކެތި އުފުއްލުމަށް ބުރަކަށި ފަސޭހަވާނެތީވެއެވެ. އިންސާނެއްގެ އަތުން އެއްޗެއް އުފުއްލުމާއި ބުރަކަށިމަތީ ބާއްވައިގެން އެއްޗެއް އުފުއްލުމާއި ތަފާތުވާނެއެވެ.

އިޝްތިހާރު Below Header ad

މި އާޔަތުގެ މާނައަކީ “ކަލޭގެފާނުގެ ހުރިހާ ފާފައެއް ތިމަން ﷲ ފުއްސަވައިދެއްވައިފީމެވެ.” ސޫރަތުލް ފަތްޙުގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (لِّيَغْفِرَ‌ لَكَ اللَّـهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ‌ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَ‌اطًا مُّسْتَقِيمًا) މާނައަކީ: “އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ.

އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ.” عَنْ أَبِي هُرَيْرَةَ ، قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ” يُصَلِّي حَتَّى تَوَرَّمَتْ قَدَمَاهُ ، فَقِيلَ لَهُ : إِنَّ اللَّهَ قَدْ غَفَرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ ، قَالَ: ” أَفَلَا أَكُونُ عَبْدًا شَكُورًا ”

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެފައިންޕުޅު ދުޅަވެއްޖައުމަށްދާންދެން އެކަލޭގެފާނު ނަމާދު ކުރައްވައެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. “ހަމަކަށަވަރުން، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި ކުރިޔަށް ހުރި ފާފަތައް ފުއްސަވައިދެއްވާފައެވެ.” ޙަދީޘް ކުރެއްވިއެވެ. “އަހަންނަކީ ޝުކުރުވެރިވާ އަޅަކު ކަމުގައި ނުވަނީ ހެއްޔެވެ؟”

قال قتادة والحسن والضحاك : كانت للنبي – صلى الله عليه وسلم – ذنوب أثقلته فغفرها الله له الذي أنقض ظهرك أي أثقله حتى سمع نقيضه أي صوته . ގަތާދާ، ޙަސަން، ޟައްޙާކް- ރަޙިމަހުﷲ- ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިގާ ފާފަތަކެއްވިއެވެ. އެކަލޭގެފާނަށް އެކަންތައް ބޮޑު ކަމަކަށްވިއެވެ. އެހިނދު ﷲ ތަޢާލާ އެކަލޭގެފާނުގެ ފާފަތައް ފުއްސަވައިދެއްވާ އެކަލޭގެފާނުގެ ބުރިކަށިފުޅަށް އެކަމުން ލުއިކަން ދެއްވިއެވެ.”

ނަބިއްޔުންގެ ހުރިހާ ފާފަ އަކީ ފުއްސަވާދެއްވާފައިވާ ފާފަ އަކަށް ވާއިރުވެސް އެފާފަތައް ބުރައެއްޗެއްގެ ގޮތުގައި ޞިފަ ކުރައްވާފައިވުމުގެ ޙިކްމަތަކީ: އެބޭކަލުން އެކަމަށް ބަހައްޓަވާ އަހައްމިއްޔަތުކަން ބަޔާން ކުރެއްވުމެވެ. އަދި އެބޭކަލުން އެކަންތަކާ ހިތާމަ ކުރައްވާލެއް ބޮޑު ކަން ބަޔާން ކުރެއްވުމެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިތަނުގައި ފާފަ ތަކޭ އިޝާރާތް ކުރައްވާފައިވަނީ އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ފާފަތަކެވެ. އެފާފަތައް އެކަލޭގެފާނަށް ނިސްބަތް ކުރައްވާފައިވަނީ އެކަމާ އެކަލޭގެފާނު ހިތާމަކުރައްވާލެއް ބޮޑު ކަމުންނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ (وَوَضَعْنَا عَنكَ وِزْرَ‌كَ) މިއާޔަތުގެ މާނައަކީ ނަބީކަމުގެ ބުރަތަކާއި ތަކްލީފުތައް ލުއި ކުރެއްވުން ކަމަށެވެ. ވަޙީގެ ކުރީކޮޅުގައި އެކަލޭގެފާނަށް ވަރަށް އުނދަގޫތައް ކުރިމަތިވިއެވެ. އެހެންނަމަވެސް ޖިބްރީލް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަޞްލު ޞޫރަފުޅު ދައްކަވާ އެކަންތައް ލުއިކޮށްދެއްވިއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ (وَوَضَعْنَا عَنكَ وِزْرَ‌كَ) ގެ މާނައަކީ ފާފަ ކުރުމުން އެކަލޭގެނު ސަލާމަތްކޮށްދެއްވާ ރައްކާތެރި ކުރެއްވުމެވެ. އަދި ވަޙީ ބާވާލެއްވުމުގެ ކުރިންވެސް އެންމެހައި ހަޑިމުޑުދާރު ޢަމަލުތަކުން އެކަލޭގެފާނު ރައްކާތެރި ކުރައްވާ ޠާހިރު ކުރެއްވުމެވެ.

(وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾) މާނައަކީ: “އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.”

މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު މަތި ކުރެއްވި ގޮތާއި މެދުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ:

  1. ކުރީގެ ނަބިއްޔުންގެ މައްޗަށް ބާވާލެއްވުނު ފޮތްތަކުގައި ކަލޭގެފާނުގެ ނަންފުޅު ޛިކްރު ކުރެއްވީމެވެ. އަދި ކަލޭގެފާނު ވަޑައިގަންވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރުތައް ދެއްވުމަށާއި، އަދި ކަލޭގެފާނުގެ ދީން ފިޔަވާ އެހެންދީނެއް ނުވުމެވެ.
  2. ބައެއް ޢިލްމުވެރިން ވިދާޅުވަނީ: ކަލޭގެފާނުގެ ނަންފުޅު އުޑުތަކުގައިވާ މަލާއިކަތުންގެ ގާތުގައި އުފުއްލެވީމެވެ. އަދި ބިމުގައި މުއިމިނުންގެ ގާތުގައި އުފުއްލެވީމެވެ. އަދި އާޚިރަތް ދުވަހުގައި ކަލޭގެފާނަށް ދެއްވާނޭ މަތިވެރި މަގާމުލް މަޙްމޫދުގެ ސަބަބުން ކަލޭގެފާނު މަތިވެރި ކުރެއްވީމެވެ.
  3. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާތް ﷲ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު މަތިވެރި ކުރެއްވި ގޮތަކީ ބަންގީގައި ﷲ ގެ ނަންފުޅާއި އެކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ޛިކްރު ކުރެވޭ ގޮތަށް ލައްވާފައިވުމެވެ.
  4. ކޮންމެ ނަމާދެއްގެ އައްތަޙިއްޔާތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމަށް ހެކިވެވެއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވެއެވެ.
  5. ކޮންމެ އަޅުކަމެއް ކުރާ ހިނދުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު މަތިވެރި ކުރެވެއެވެ. ސަބަބަކީ ކޮންމެ އަޅުކަމެއްގައިވެސް ދެ ޝަރްޠެއް ހަމަވާން ޖެހެއެވެ. އެއީ ﷲ އަށް އިޚްލާޞްތެރިވުމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ގޮތަށް ކުރުމެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް ހެޔޮޢަމަލެއް ކުރާ ހިނދުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމެއް ކުރެއްވި ގޮތަކީ ކޮބައިތޯ ބަލައެވެ. އަދި އެގޮތަކަށް އެކަމެއް ކުރެވޭތޯ ބަލައެވެ. އެހެންކަމުން، އެއީވެސް އެކަލޭގެފާނުގެ ނަންފުޅު މަތިވެރި ވުމެވެ.

(فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾) މާނައަކީ: ” ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ”

މިއާޔަތުގައި ތަކްރާރުކޮށް އެއްވާހަކަ އެއް ބަޔާން ކުރައްވާފައި ވުމުގެ ޙިކްމަތަކީ: މިކަން އިތުރަށް ޔަގީންކޮށް ދިނުމެވެ.

މިއާޔަތުގެ މުރާދަކީ: އެބައިމީހުން ކަލޭގެފާނާއި މުޚާޠަބުކޮށް ދައްކާ ވާހަކަތަކުގެ ސަބަބުން ހިތާމަ ނުކުރައްވާ ހުށިކަމެވެ. މިދުނިޔެ މަތީގައި އުނދަގޫތަކެއް ތަޙައްމުލު ކުރަން ޖެހިވަޑައިގެން ނަމަވެސް އަދި ފަހުން ފަސޭހަ ދުވަސްތަކެއް އެބައާދެއެވެ. މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވެވަޑައިގެންފައިވާ ވަޢްދުތައް ފުއްދަވައިދެއްވިއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުމުގެ ކުރިން ޙިޖާޒާއި ޔަމަނު ފަތަޙަ ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަތްމަތި ތަނަވަސްކޮށް ދެއްވިއެވެ.

(فَإِذَا فَرَغْتَ فَانصَبْ ﴿٧﴾) މާނައަކީ: ” ފަހެ، ކަލޭގެފާނު) دين އަށް ގޮވައިލެއްވުމުގެ މަސައްކަތުން (އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު) އަޅުކަން ކުރެއްވުމުގައި (ވަރުބަލިވެ ވަޑައިގަންނަވާށެވެ!”

މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސާއި ގަތާދާ- ރަޙިމަހުމަﷲ- ވިދާޅުވިއެވެ. “ކަލޭގެފާނު ނަމާދުން އަވަދިވެ ވަޑައިގެންފިނަމަ، ގިނަގިނައިން މާތް ﷲ އަށް ދުޢާ ކުރައްވާ، ކަލޭގެފާނުގެ ޙާޖަތްތަކަށް އެދިވަޑައިގަންނަވާށެވެ.”

އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “ކަލޭގެފާނު ފަރްޟު ނަމާދުން އަވަދިވެ ވަޑައިގެން ގިޔާމުއްލައިލަށް ތެދުވެ ވަޑައިގަންނަވާށެވެ.”

ބައެއް ޢިލްމުވެރިން މިއާޔަތުގެ މާނަކުރައްވަމުން ވިދާޅުވެފައިވަނީ “ދުނިޔަވީ މަސައްކަތަކުން އަވަދިވެވަޑައިގެންފިނަމަ އުޚްރަވީ މަސައްކަތަކާއިގެން ތެދުވެވަޑައިގަންނަވާށެވެ. އަދި އުޚްރަވީ މަސައްކަތަކުން އަވަދިވެވަޑައިގެންފިނަމަ ދުނިޔަވީ މަސައްކަތަކާއިގެން ތެދުވެވަޑައިގަންނަވާށެވެ. ސޫރަތުލް ޖުމުޢާގެ 9 އަދި 10 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿٩﴾ فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّـهِ وَاذْكُرُوا اللَّـهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴿١٠﴾)

މާނައަކީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياة ގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّه ގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.”

(وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾) “އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!”

ކަލޭގެފާނު ޢަމަލެއް ކުރައްވަން ފެއްޓެވުމުގެ ކުރިން ﷲ ގެ ޙަޟްރަތުން އެކަމެއްގައި ވާގި އެދޭށެވެ. އަދި އެކަމެއް ކޮށް ނިމިގެން ﷲ ގެ ޙަޟްރަތުން އެކަމުގެ ދަރުމަ އާއި ޘަވާބަށް އެދޭށެވެ.

(وَإِلَىٰ رَبِّكَ) މިތަނުގައި (إِلَىٰ) ޙަރްފު ޖައްރު ފިޢްލު (ارْغَب )އަށް ވުރެ ކުރިޔަށް ޖައްސަވާފައިވާ ބޭނުމަކީ ޙަޞްރު ކުރުމެވެ. މާނައަކީ: “ކަލޭގެފާނު ދަރުމަ އާއި ޘަވާބަށް އެދިވަޑައިގަންނަވާނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ. އެހެން ފަރާތަކުން ނޫނެވެ. މިގޮތަށް ކަލޭގެފާނު ކަންތައް ކުރައްވައިފިނަމަ، ކަލޭގެފާނުގެ ކަންތައްތަކުގައި ﷲ މަގުފަސޭހަކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބާއްވަވާށެވެ.”

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.