ޚަބަރު ފީތާ

އިފްކުގެ ޙާދިޘާ (3)

އައްޝައިޚް ޒަމްޒަމް ފާރިސް، 01 ޖުލައި 2017 އާގުޅޭ

މަތިވެރި މާތް ޞަޙާބީ ސަޢްދު ބުނު މުޢާޛް رضي الله عنه މިފަދައިން ވިދާޅުވެ ހަމަނިމުނުތަނާހެން ޚަޒްރަޖުވަންހައިގެ ޞާހިބެއްކަމުގައިވާ ސަޢްދު ބުނު ޢުބާދާ ތެދުވަޑައިގެން ވިދާޅުވިއެވެ: “ތިޔައީ ދޮގެކެވެ. ﷲ ގަންދީ ބުނަމެވެ. އޭނާގެ ކަނދުރާގައި ކަލެއަކަށް ނުޖެހޭނެއެވެ އަދި އެކަން ވިޔަކަނުދޭކަމެވެ”.

އަދި އެހިނދު އެއައް ރައްދު ދެއްވައި ސަޢްދު ބުނު މުޢާޛްގެ ބޮޑުބެބޭފުޅުގެ ދަރިކަލެއްކަމުގައިވާ އުސައިދު ބުނު ޙުޟައިރު رضي الله عنه ވިދާޅުވިއެވެ: “ހަމަ ޔަޤީނުންވެސް އަހަރެމެން އޭނާ ޤަތުލުކުރާނަމެވެ. ކަލޭތީ ތިޔައީ މުނާފިޤެކެވެ. ކަލޭ ތިޔަ ދިފާޢުކުރަނީ މުނާފިޤެކެވެ”.

އެހިސާބުން ޞަހާބީންގެ މެދުގައި އަރައިރުން އުފެދި މިސްކިތްކޮޅުތެރޭގައި އަޑުގަދަވެ އެމަޖިލިހުގައި ޒުވާބުގެ އަޑު ގަދަވެގެން ދިޔައެވެ. އަދި އެފަދައިން ކަންތައް ހިނގައި ލޭއޮހޮރުވުމަކާ ދިމާލަށް މިސްރާބުޖަހައިފާނެކަމުގެ ބިރުހީވުމުން އެހުރިހާ ބޭކަލުން މަޑުމައިތިރިވެވަޑައިގެން ހަމަޖެހިވަޑައިގަތުމަށް ނަބިއްޔާ صلى الله عليه  وسلم އަމުރުފުޅުކުރައްވައި މަޖިލިހަށް ހަމަހިމޭންކަން ގެންނެވުމަށް މަސައްކަތްފުޅު އަވަހަށް ފެއްޓެއްވިއެވެ. އަދި އެންމެފަހުން ހުރިހާ ބޭކަލުންގެ މަޑުމައިތިރިވެ ހިމޭންވެވަޑައިގަތުމުން މަޖިލިސް ދޫކުރައްވައި އެކަލޭގެފާނު މިސްކިތްކޮޅުން ނިކުމެވަޑައިގެން ގެކޮޅަށް ވަދެވަޑައިގެންނެވިއެވެ.

އެއަށްފަހު އުސާމާ ބުނު ޒައިދާއި ޢަލީގެފާނު رضي الله عنهما ގެންނަވައި ޢާއިޝާ رضي الله عنها އާ އެކަލާގެފާނު ވަކިވުމާ މެދު މަޝްވަރާއަށް އެއްސެވިއެވެ. އެހިނދު އުސާމާ ވިދާޅުވިއެވެ صلى الله عليه  وسلم : “އޭ ﷲ ރަސޫލާއެވެ. ކަލޭގެފާނުގެ އަހުލުވެރިންގެ ކިބައިން ހެޔޮކަމެއް ފިޔަވައި އެހެން އެއްވެސް ކަމެއް ތިމަންމެން ނުދެކެވެ”.

އަދި އަލީގެފާނުގެ ވެސް ހަމަ އެފަދައިން ވިދާޅުވިއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه  وسلم  އަށް ކުރިމަތިވެފައިވާ ޙާލާމެދު ހަމްދަރުދީވެވަޑައިގެން އެކަމުން ސަލާމަތްވުމުމުގެ ގޮތުން ޢާއިޝާގެފާ رضي الله عنها އާ ވަކިވުމަކީވެސް އެކަލޭގެފާނަށް ލިބިގެންވާ އިޚްތިޔާރެއްކަމަށް އިޝާރާތްކުރައްވައި އަލީގެނާފު އިތުރަށް ވިދާޅުވިއެވެ: “އެކަމަނާ ފިޔަވައި ބައިވަރު އަންހެނުން އެބަތިއްބެވެ”. އަދި ވިދާޅުވިއެވެ: “ނަމަވެސް ގޭގައި ގެންގުޅުއްވާ އަޅުއަންހެން ކުއްޖާ ކުރެން ތިކަމާ ސުވާލުކުރައްވާށެވެ. އޭނާ ތެދަށް ބުނާނެތެވެ”.

އެހިނދު އަލީގެފާނުގެ ޚިޔާލުފުޅާ އެއްގޮތަށް ، އެބޭކަލުންގެ މަޝްވަރާ މަޖިލީހަށް ބަރީރާ رضي الله عنها ޙާޟިރުވުމަށް ދެންނެވުނެވެ. އަދި އެކަލޭގެފާނުގެ އަރިހަށް އެކަމަނާ ޙާޟިރުވުމުން ރަސޫލާ صلى الله عليه  وسلم ސުވާލުފުޅު ކުރެއްވިއެވެ: “އޭ ބަރީރާއެވެ! ޢާއިޝާ رضي الله عنها ގެ ކިބައިން ޝައްކުވާފަދަ އެއްވެސް ކަމެއް ކަމަނާއަށް ފެނިފައިވޭ ހެއްޔެވެ؟”. ޖަވާބުގައި އެކަމަނާވެސް ދެއްވީ އުސާމާ ބުން ޒައިދު رضي الله عنه ގެ ޖަވާބެވެ. އަދި އިތުރަށް ވިދާޅުވިއެވެ: “އެހެނަސް އެއްކަމެއް އެބައޮތެވެ.

އެއީ އެކަމަނާއަކީ ޅަކުއްޖެއް ކަމުގައިވެފައި އަދި އަވަހާރަފުޅުލައްޕަވާފައި އޮންނަވާއިރު ތިމަންކަމަނާ ފުށްގަނޑު މޮޑެފައި އެކަމަނާގެ އަރިހުގައި އެބަހައްޓާފައި ނިކުމެގެން ދިޔުމުން ބަކަރިތައް އައިސް ވަދެ އެފުށްކޮޅު ކައި ހިނފައިގެން ދާއިރުވެސް އެކަމަނާއަށް ރޭކާ ނުލާކަމެވެ”. މިފަދައިން އެކަމަނާ ޖަވާބުދެއްވުމުން މިފަދަ ވަގުތެއްގައިވެސް އެކަމަނާ ސަމާސާކުރައްވަނީ ކަމުގައި ހީފުޅުކުރައްވައި ކަންކަން ހިނގާގޮތް ސާފުކޮށް ސީދާ ބަހުން ބަޔާންކުރުމަށް އަމުރުފުޅުކުރައްވައި އެކަމަނާގެ ގައިކޮޅުގައި ޢަލީގެފާނު ޖެއްސެވިއެވެ.

ނަމަވެސް އެކަމަނާއަށް އެކަމުގައި އެނޫން ކަމެއް އެނގިވަޑައިނުގަންނަވާކަން ބަޔާންކުރެއްވިއެވެ. އަދި އެއަޑު އައްސަވާފައި ނަބިއްޔާ صلى الله عليه  وسلم އެއްވެސް އެއްޗެއް ޙަދީޘްފުޅު ނުކުރައްވައި ހަނުހުންނެވިއެވެ. އަދި އެއަށްފަހު ބޮޑުވެގެންވާ މިއިމްތިޙާނު ކޮންމެވެސް ކޮޅެއްގައި ޖެއްސެވުމަށް ބޭނުންވެވަޑައިގެން ޢާއިޝާ رضي الله عنها ގެ އަރިހަށް ވަޑައިގަންނަވަން ނިންމެވިއެވެ.

މާތް ރަސޫލާ صلى الله عليه  وسلم ޢާއިޝާ رضي الله عنها ގެ އަރިހަށް ވަޑައިގެންނެވުމައްޓަކައި މިސްރާބު ޖެއްސެވިއެވެ. ބިންމަތީގައިވި އެކަލޭގެފާނުގެ އެންމެ ލޯބިވާ ޞާޙިބާއާ އެވަގުތު މުޚާތަބުކުރައްވަން ޖެހިވަޑައިގެންފައިވާ ކަންތަކާމެދު ވިސްނައިފިކުރު ކުރައްވާޙާލުގައެވެ. އެގޮތުގައި ކުރިއަށް ވަޑައިގަންވަމުން ދިޔައިރު އެކަމަނާގެ އިންނެވި ގެކޮޅު އެކަލޭގެފާނާ ކައިރިވަމުންދިޔައެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ގާތްވަމުންދިޔައެވެ. އަދި އެންމެފަހުން ވަޑައިގެންވުމަށް ޤަޞްދުކުރެއްވި މަންޒިލުގެ ދޮރާ ހަމަޔަށް ވާސިލުވެވަޑައިގަތެވެ.

ގަދަކީރިތިވަންތަ މަރިވެރި ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކުރައްވާ ޙާލު ، ބޭނުންފުޅުވެވަޑައިގެންނެވި މަޤްޞަދު ފުރިހަމަކުރެއްވުމައްޓަކައި ގޭގެ އަހުލުވެރިންނަށް އަޑުއިވޭނޭހެން ސަލާމްގޮވާލެއްވުމަށްފަހު ގޭތެރެއަށް ވަދެވަޑައިގެންނެވިއެވެ. އޭރު ޢާއިޝާގެފާނުގެ މަންމާފުޅުގެ އިތުރުން އެކަލޭގެފާނައްޓަކައި އެބޭކަލެއްގެ ޖާނާއިމާލު ޤުރުބާންކުރެއްވުމުގައި މުޅި ޙަޔާތް ހޭދަކުރެއްވި އެކަލޭގެފާނުގެ އެންމެ އަރިސް ޞާޙިބާކަމުގައިވާ ޢާއިޝާގެފާނުގެ ބައްޕާފުޅު އަބޫ ބަކްރުގެފާނު އެކަމަނާ އަރިހުގައި އިންނެވިތަން ފެނިވަޑައިތަކެވެ.

އަދި ދާންކޮޅުމަތީ އޮށޯވެވަޑައިގެން ކީރިތިކުރައްވަން އޮންނެވި ޢާއިޝާގެފާނުގެ އަރިހުގައި ކީރިތިކުރައްވަން އިންނެވި އަންޞާރިއްޔަ ބޭކަނބަލެއްވެސް رضي الله عنهم أجمعين ފެނިވަޑައިގެންނެވިއެވެ. ކުރިމަތިވެފައިވާ ކަންތަކުގެ ސަބަބުން އެބޭކަލުންގެ މޫނުފުޅުމަތިން ހިތްދަތިކަމާއި ދަލުވެތިކަން ފާޅުވޭވޭހުއްޓެވެ. އޭރު ޢާއިޝާ رضي الله عنها ވަނީ ކީރިތިކުރައްވާތާ ގިނަދުވަސްވެގެންގޮސް ބަލިކަށިވެ ނިކަމެތިވެ މުޅިން އަނަރޫފަވެފައިވާ ޙާލުގައެވެ.

ރަސޫލާ صلى الله عليه  وسلم އެބޭކަލުންގެ ތެރެއަށް ވަދެވަޑައިގެން އިށީންދެވަޑައިގެންނެވިއެވެ. އަދި ޝަހާދަތާއި ޙަމްދާއި ޘަނާ ވިދާޅުވެ ޢާއިޝާ رضي الله عنها އާ ދިމާލަށް މޫނުފުޅު އަނބުރާލެއްވުމަށް ފަހު ޙަދީޘްފުޅުކުރެއްވިއެވެ. “އޭ ޢާއިޝާއެވެ! ކަމަނާއާ ބެހޭގޮތުން އެވެނިމިވެނި އަޑުތަކެއް މިވަނީ ތިމަންކަލޭގެފާނާ ހިސާބަށް ފޯރާފައެވެ. ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ ﷲ ތަޢާލާ ކަމަނާ ބަރީއަކުރައްވާނެތެވެ. ފަހެ ކަމަނާއަށް ފާފައެއް ކުރެވިފައިވާނަމަ ﷲ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވައި ތައުބާވާށެވެ. ހަމަކަށަވަރުން ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދިދަންނަވައި އަޅާ ތައުބާވެއްޖެ ނަމަ އެއަޅެއްގެ މައްޗަށް ﷲ ތައުބާ ލައްވަތެވެ”.

ޢާއިޝާ رضي الله عنها އަށް ރަސޫލާ صلى الله عليه  وسلم ގެ ދޫޕުޅުން އިވިވަޑައިގެންނެވި މިކަލިމަތަކާމެދު ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވިއެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އުފުއްލަވަމުން ދިޔަ ވޭނާ ހިތްދަތިކަމުގެ މައްޗަށް ވޭނާ ހިތްދަތިކަން އިތުރަށް އިޙްސާސްވިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެހެނީ އެކަމަނާއަށް އެންމެ ކަމޭހިތްތަވައި އިތުބާރުކުރެއްވި އެކަމަނާގެ ލޮބުވެތި ފިރިކަލުން ކަމުގައި ވުމުގެ އިތުރުން ﷲ ތަޢާލާގެ މަތިވެރި ނަބިއްޔާ صلى الله عليه  وسلم ގެ ދޫފުޅުން އެފަދަ ބަސްފުޅެއް އެކަމަނާއަށް އިވިވަޑައިގެން ހިނގައިދާނެކަމަކަށް ދުވަހަކުވެސް ހީފުޅުއެއް ނުކުރައްވައެވެ.

ޢާއިޝާ رضي الله عنها އަށް އިވިވަޑައިގެންދިޔަ އެބަސްފުޅުތަކުން ކުރިއަސަރު ބަޔާންކުރައްވައި ވިދާޅުވިއެވެ: “ތިމަން ކަމަނާއަށް އެބަސްފުޅުތައް އަޑުއިވުމާއެކު ތިމަންކަމަނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައްވެސް ވަގުތުން ހުސްވެ އެއިން ތިއްކެއްހާ މިންވަރުވެސް އިހުސާސް ނުވާ ފަދައިން ތިމަންކަމަނާގެ ކަރުނަ ހިކިގެން ދިޔައެވެ”.

ކޮންމެއަކަސް ނަބިއްޔާ صلى الله عليه  وسلم ގެ ކިބައިން އިވިވަޑައިގެން ދިޔަ ބަސްފުޅުތަކަށް ދެއްވާނެ ޖަވާބެއް އެނގިވަޑައިނުގެންވާ ޙާލު އެކަމަނާގެ މަތިން ޖަވާބުދާރީވުމަށް އެދި މަންމާފުޅާ ދިމާލަށް އެނބުރިވަޑައިގެން ދެންނެވިއެވެ: “ތިމަންގެ މަތިން ރަސޫލާ صلى الله عليه  وسلم އަށް ޖަވާބު ދެއްވާށެވެ”. ޖަވާބުގައި މަންމާފުޅުވެސް ހިތްދަތިކަމާއެކު ދެންނެވިއެވެ:

“ﷲ ގަންދީ ބުނަމެވެ! ރަސޫލާ صلى الله عليه  وسلم އަށް ޖަވާބެއްދޭން ބުނާނެ ވަކިއެއްޗެއް ތިމަންކަމަނާއަކަށްވެސް ނޭނގެއެވެ”. އެހާރުން ރަސޫލާ صلى الله عليه  وسلم ގެ އެންމެ ގާތް އެކުވެރި ލޮބުވެތި ޞާޙިބާ އަދި އެކަމަނާގެ ބައްޕާފުޅާ ދިމާލަށް އެނބުރިވަޑައިގެން ޢާއިޝާ رضي الله عنها ހަމަ އެފަދައިން އެދިލެއްވިއެވެ. ނަމަވެސް ބައްޕާފުޅުގެ އަރިހުންވެސް ޖަވާބުގައި އެކަމަނާއަށް އިވިވަޑައިގެންދިޔައީ ހަމަ މަންމާފުޅުވެސް ދެއްވި ޖަވާބެވެ. އެހިނދުން މުޅިތަނަށް ހިމޭންކަން ވެރިވެގެން ދިޔައެވެ.

ފަހެ މި ދުނިޔެމަތީގައި އެކަމަނާގެ ދިފާޢުގައި ބަހެއް ބުނާނެ އެކަކުވެސް ނެތްކަން އެކަމަނާއަށް އިޙުސާސްވެވަޑައިގެންނެވިއެވެ. އެކަމަނާ ބަނޑުއަޅައި ވިހެއި މަންމާފުޅަށްވެސް ކޮށްދެވޭނެ ކަމެއް އެދުވަހަކު ނެތެވެ. އަދި އެކަމަނާ ކުޑައިރުއްސުރެ އިއްފަތްތެރިކަމާއި ރައްކާތެރިކަމާއެކު ގެންގުޅެ ތަރުބިއްޔަތު ދެއްވި ބައްޕާފުޅަކަށްވެސް އެހިނދުގައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. ޢާއިޝާ رضي الله عنها އެކަމަނާގެ ޙާލު ސިފަކޮށްދެއްވައި ވިދާޅުވިއެވެ. “ތިމަންކަމަނާވީ އުމުރުން ހަގު ޅަ އަންހެން ކުއްޖެއްކަމުގައެވެ. އަދި ޤުރްއާނުންވެސް މާގިނަ އެއްޗެއް ހިތުން ދަސްވެފައެއް ނުވެއެވެ”.

ނުނިމޭ…

Rate this post

1