ޚަބަރު ފީތާ

ނާމާން އެދަތުރު

ޙަޤީޤީ ޙާދިސާ

”ދަތުރުގައި ބައިވެރި ހުރިހާ އެންމެންގެ ސޫރައަށް އެޖިންނީގެ ސިފަ ބަދަލުވެގެން ދިޔަ.  އެއީ ވަރަށް ނާމާން ފަޅުރަށެއް.

މިއީ  ފަޅުރަށަކަށް ދަތުރު ދިޔަ ދެ ޖިންސުގެ ޒުވާނުންތަކެއް އަންބަރާކޮށް އުޅުމުގެތެރޭގައި ޖިންނީންގެ ސަބަބުން ކުރިމަތިވި އާދަޔާޚިލާފް ނާމާން ބިިރުވެރި ހަޤީޤީ ހާދިސާ އެކެވެ. މިހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އެއީ މިހާދިސާ ކުރިމަތިވި މީހުންގެ ރައްކަލަކަށްޓަކައެވެ.

އަހަރެންނަކީ އުމުރުން 18 އަހަރުގެ ނޫކަށި ފުރައިގެ ޒުވާނެކެވެ. އެކުގައި އުޅޭ ރައްޓެހިންނާއިއެކު މަޖާކުރުމާއި ސަކަރާތް ޖެހުމުގައި ގިނަ ވަގުތު ހޭދަކުރަމުންދާ މީހަކީމެވެ. ހަތަރު މަތިފުށް މާލޭ މީހެއްކަމުން އުޅެ ބޮޑުވަމުން ދިޔައީ މާލޭގެ މަގުތައް މަތީގައެވެ.

އަހަރެންގެ މިޒާޖުގެ ސަބަބުން އެކުގައި އުޅޭ އަންހެން ކުދިންނާއި ފިރިހެން ކުދިން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުން ނެވެ. މުސްކުޅިން ބުނާ ބީދައިން ދަތްހުރިއިރު ކާށި ކެއުމަކީ އަހަރެންގެ އާދަޔަކަށް ވަނީ ވެފައެވެ.  ނަމަވެސް އެދުވަސްވަރު އަހަރެންނަށް ދިމާވި މިހާދިސާއަކީ އަހަރެންގެ ދިރިއުޅުން މުޅިންހެން ބަދަލުކޮށްލި ހާދިސާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ބައެއް މީހުންނަށް މިވާހަކައަކީ ތެދުކަމުގައި ހީނުކުރެވުނަސް މިހާދިސާއަކީ އަހަރެންގެ ލޮލަށް ފެނިފައިވާ އަދި މިހާރުވެސް ހިތުތެރޭގައި އަބަދުހެން އާވަމުންދާ ހާދިސާއެކެވެ.

އެއީ 2008 ވަނަ އަހަރުގެ މާރޗް މަހުގެ ފަހުކޮޅުން ދުވަހެކެވެ. އަހަރެންނާއި އަހަރެންގެ އެކުވެރިން މަޖާކޮށްލުމަށް ކ.ގާފަރު ކައިރީ އޮންނަ ފަޅުށަކަށް އޯވަނައިޓަކަށް ދާން ނިންމިއެވެ. މިރަށަކީ ތަނބުރުދޫ ފަދަ ކުޑަ ރަށެކެވެ. މިދަތުރުގައި އަހަރެންގެ އިތުރުން ޝިފާއު(އަސްލުނަމެއް ނޫން) އަޙްމަދު (އަސްލު ނަމެއް ނޫން) އިސްމާއިލް( އަސްލުނަމެއް ނޫން) މާހިލް (އަސްލުނަމެއް ނޫން) އަދިވެސް އިތުރު 5 ވަރަކަށް ފިރިހެން ކުދިންނާއި ޒުވާން 7 އަންހެން ކުދިންނާއެކު ޖުމްލަ 17 މީހުން ބައިވެރިވިއެވެ.

ދަތުރަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދުމަށްފަހު ދޯންޏެއް ކުއްޔަށް ހިފައިގެން މިދަތުރުގެ އެންމެހާ ބައިވެރިން އެރަށަށް ދިއުމަށް ދޯނީގައި މިސްރާބު ޖެހީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެރަށަށް ދެވުނުއިރު އިރު އޮއްސެން ކައިރިވެއްޖެއެވެ. އެހެންކަމުން ދޯނި ފަޅަށް ވަނުމާއެކު ދަތުރުގެ ހުރިހާ ބައިވެރިން އެރަށުގައި  އޮންނަ ކުޑަ ޑިންގީ ގަނޑެއްގައި ރަށަށް ފޭބިއެވެ.

އަހަރެމެން އެރަށަށް ފޭބުމާއެކު އެރަށުގެ ވެރިފަރާތުން ރަށް ބަލަހައްޓާ ބިދޭސީ މީހާ ހުންނަން ހަދާފައިހުރި ކުޑަވަރެއްގެ ގެއެއް އެ ބިދޭސީ މީހާ އަހަރެމެންނަށް ދެއްކިއެވެ. އަދި ހަލުވި ހިނގުމެއްގައި ގޮސް ޑިންގީގައި އަހަރެމެން އައި ދޯންޏަށް އެމީހާ އެރިއެވެ. އޭރު އެމީހާގެ އަތުގައި ހަތިމެއް އޮތުމުން އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ.

ނަމަވެސް އެއީ އޭނާ އެކަނި ހުންނައިރު ކިޔަވަންވެގެން ގެންގުޅޭ ހަތިމެއްކަމަށް ހީކުރީމެވެ. އަދި އޭނާ ދިރިއުޅޭ އެކުޑަ ގެއަށް ވަންއިރު އެގޭތެރޭގައިވެސް އެކިދިމަދިމާލުގައި ހަތިމުތައް ބަހައްޓާފައި ހުއްޓެވެ. އަހަރެމެން މާބޮޑަކަށް އެކަމަށް ސަމާލުކަމެއް ނުދެމެވެ. އަހަރެމެން ގެނައި އެއްޗެހިތައް އެކުޑަ ގެގަނޑުގެ ތެރޭގައި ބެހެއްޓުމަށްފަހު އެނގެގަނޑާއި ކައިރީގައި ކުޑަ ޓެންޓެއްޖަހައި ހީސަކަރާތް ޖެހުމާއި، މަޖާކުރުމުގެ ކުޅިވަރުތައް ފަށައިފީމެވެ.

މިދަތުރުގައި ހިމެނޭ ހުރިހާ އެންމެންނަކީވެސް އެކުގައި އުޅޭ ވަރަށްގާތް ރައްޓެހިންތަކެއްކަމަށްވުމުން އެކަކު އަނެކަކާއި ގައިގޯޅިވެ  މަސްހުނިވުމަކީ މިދަތުރުގެ ބައިވެރިން އެންމެ ފޯރިއާއިއެކު ކުރިއަށް ގެންދިޔަ އަދި މުޅި ދަތުރުގެވެސް މަޤްޞަދެވެ.  އެހެންކަމުން އަހަރެންވެސް އެމީހުންނެކޭ އެއްފަދައިން ފޭރާމަކާނުލައި އެމީހުންނާއި ބައިވެރިވެ، އެމީހުން ޖަހަމުންދިޔަ ބެރަށް ފައިހަމަކޮށް ނަށަމުން ގެންދިޔައީމެވެ.

އަދި ހަމަ ބުއްދިފިލާދާފަދަ “މީރު ބުއިންތައް“ ބޮމުން ގެންދިޔައީމެވެ. ނަމަވެސް އިރުގެ އަލިކަން ފަނޑުވެ ރަތްވިލާ އޮއްސި ރަށަށް އަނދިރިކަން ވެރިވުމުން އަހަރެމެން ނިންމީ ރަށުގެ އަތިރިމަތީގައި ބޮޑު އަލިފާންގަނޑެއް ރޯކޮށް އެރޭގެ ކެއުމަށް ބާބަކިއު ހަދަން ތައްޔާރުވުމަށެވެ. މިގޮތުން ދަތުރުގެ ނަގާ ކިޔާ އެކެއްކަމަށްވާ ޝިފާއު މާލެއިން ގެނައި މަސްތައް ހިފައިގެން މަސްކަނޑަށް ގޮނޑުދޮށަށް ދިޔައެވެ.

އަދި އަޙްމަދުވެސް ރަށްބަލާލުމަށްޓަކައި ރަށުގެ ދުރުފަރާތު ހޭޅިފަށުން ހިނގާލަން ދިޔައެވެ. މާހިލްވެސް ރަށްބަލާލުމަށްޓަކައި އެކަނި ރަށުތެރެއަށްނިކުތެވެ. އެމީހުން މިގޮތަށް ރަށުތެރެއަށް ދިޔަކަމެއް އަހަރެންނަކަށް ފުރަތަމަ ނޭގެއެވެ. އޭރުވެސް ޓެންޓްކައިރީގައި ދަތުރުގެ އެންމެހާ އަންހެން ބައިވެރިންނާއި ދެން ތިބި ފިރިހެން ބައިވެރިން ކޯޅި ކޯޅިވަރަށް މަޖާކުރަމުންދާތަން ފެނެއެވެ.

އެހެންކަމުން އެމީހުން ދިޔަތަނެއް ބަލަން އަހަރެންނާއި އިތުރު ބައިވެރިއަކު ގޮނޑުދޮށުގައި ރޯކޮށްފައި ހުރި ބޮޑު އަލިފާންގަނޑާއި ދިމާލަށް ދަނިކޮށް ޝިފާއު ވަރަށް ބާރަށް ހަލުވި ހިނގުމެއްގައި މަސްހިފައިގެން އަހަރެމެންނާއި ދިމާލަށް އަންނަތަން ފެނުނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެ ބިރުގަންފައެވެ. އަދި އައިސް ބުންޏެވެ.

މިރަށް އެހާ ރަނގަޅެއް ނޫން. ދާން ހިނގާ! މިހެން ބުނުމުން އަހަރެމެން މަޖަލަކަށް އެކަން ހަދާލީމެވެ. ތީ ބިރުން އުޅޭތީ ހީވާގޮތެއްކަމަށް ބުނުމުން ވެގެން އުޅޭގޮތެއް ޝިފާއު ނުބުންޏެވެ. އެއީ އަހަރެމެން އެކަން ޤަބޫލު ނުކޮށް މަޖަލަކަށް ހަދާނެތީއެވެ. އެހެންކަމުން އޭނާ ކެނޑިމަސްތައް ޓެންޓްކައިރިއަށްގެންގޮސް މަސްފިހަން ތައްޔާރުކުރުމުގެ މަސައްކަތަކާއިގެން ކުރިއަށްދިޔައެވެ.

އިރުކޮޅެއް ނުވެ މާހިލް ވަރަށް ބާރަށް ދުވެފައި ރަށުގެ ހޭޅިފަށުން ލާފައި އަންނަތަން ފެނުނެވެ. އަދި އައިސް މާހިލްވެސް ބުނީ ހަމަ ޝިފާއު ބުނިހެންނެވެ. މިރަށް ރަނގަޅެއް ނޫން! ކުޑަކުދިން ރޯއަޑުވެސް ރަށުތެރޭން އިވޭ! މީހުން ގޮވާ އަހަންނަށް ގޮވާ އަޑުވެސް އިވޭ! މިހެން ބުނުމުން އަހަރެމެން ހީގަންފައި ބުނީމެވެ. އެއީ ހީވާގޮތެވެ.

އަހަރެމެން ނޫން އެހެން ބަޔަކު މިރަށަކު ނޫޅޭނެއެވެ. ސަކަރާތް ޖަހަންޏާ އަޑު އަޑު އިވޭނެއެވެ. މިހާރުވެސް ޓެންޓްކައިރީ އެޖަހާ ސަކަރާތް ނިކަން ބަލާބަލާށެވެ. އަޑެއް ނުއިވޭ ހެއްޔެވެ. މިހެން ބުނުމުން މާހިލްވެސް މާބޮޑުކަމަކަށް ނަހަދާ ޓެންޓްކައިރިއަށް ދިޔައެވެ. ޝިފާއު އާއި މާހިލް އެދެއްކި އެއްވެސްވާހަކައަކަށް އަހަރެން ސަމާލުކަމެއް ނުދީ ސަކަ ވާހަކައިގައި ތިއްބައި އަޙްމަދު އެތަނަށް އަތުވެއްޖެއެވެ. އަދި އޭނާ ވަރަށް ބިރުން ހުރެ މިހާރުން މިހާރަށް މިރަށުން ފުރައިގެންދާން ހިނގާށޭ ބުންޏެވެ.

މިހެން ބުނުމުން ބިރުގަންނަނީ ކޮންކަމަކާހޭ ޓެންޓްކައިރިއަށް އިއްސެމެންނާއިއެކު ބާބަކިއު ރެޑީކުރަން  ދާން ހިނގާށޭ ކިޔައި އަހުމަދު ގޮވައިގެން ޓެންޓުކައިރިއަށް ދިޔައިރުވެސް މާހިލް އާއި ޝިފާއު ވަރަށް ހާސްވެ ބިރުން އުޅޭހެން ހީވެއެވެ. ނަމަވެސް މިކަން އެއްވެސް އަންހެން ކުއްޖަކަށް އެމީހުންވެސް ނާންގައެވެ. އެއީ އަންހެން ކުދިންނަކީ މާއަވަހަށް ބިރުގަންނަ ބަޔަކަށްވެފައި އެކުދިން ބިރުން ހޭވެސް ނެތިދާނެތީއެވެ. އޭރުވެސް މިވަނީ ކީއްކަމެއް ހުދު އަހަރެންނަކަށް ނޭގެއެވެ. އަހަރެން އެއިން އެއްވެސް ވާހަކައެއް ޤަބޫލެއްވެސް ނުކުރަމެވެ.

އެހެންކަމުން އަހަރެންވެސް ގަސްތުކުރީ ރަށްކުޑަކޮށް ބަލައިލާން ރަށުގެ އަނެއްފަރާތަށް ދިއުމަށެވެ. މިގޮތުން ރަށުތެރެއަށް ނުދާ ފިރިހެން ކުއްޖަކު ހުރުމުން އޭނައާއި އެކު އަހަރެން ރަށުގެ ދުރު ފަރާތަށް ނިކުތީމެވެ. ނިކުތްއިރު އަހަރެމެން ރޯކުރި އަލިފާންގަނޑު ގޮޑުދޮށުން ފެންނަން ހުރުމުން ހައިރާންކަން ލިބުނެވެ. ހިތަށް އެރިއެވެ. އަނެއްކާވެސް މިއާދެވުނީ ކުރިން ތިބި ތަނަށެވެ.

މިހެން ހިތާ އަލިފާންގަނޑުގެ ކައިރިއަށްދިޔައީމެވެ. ކުއްލިއަކަށް އެ ބޮޑު އަލިފާންގަނޑު ގެއްލިއްޖެއެވެ. އަހަރެމެންގެ ފައި ޖެހުނީ މޫދުގައެވެ. މިހެން މިކަން ވުމުން އަހަރެމެން ވަރަށް ބިރުގަތެވެ. އަދި އެމީހުން އެބުނީ ތެދެއްކަމަށް ޔަޤީންކޮށް ވަރަށް ބާރަށް ދުވެފައި ކަހަލަގޮތަކަށް ޓެންޓްކައިރިއަށްދިޔައީމެވެ.

އަހަރެމެން އެހާބާރަށް އައިސް ހާސްވެފައި ތިބުމުން ކޮންމެވެސް ނުބައެއް އުޅޭކަމަށް އަންހެން ކުދިންނަށްވެސް ހީކުރެވި އެމީހުންވެސް ބިރުން އުޅެން ފެށިއެވެ. އޭރު އަންހެން ކުދިންތައް ތިބީ ޓެންޑްކައިރީ ހިސާބުތަކުގައި ކޯޅި ކޯޅިއަށެވެ. އެހެންކަމުން މާބޮޑަށް އެކަމާ އަޅާނުލައި ޝިފާއުއަށް ދިމާވިކަންތައް ސާފުކޮށް އޭނާ ކައިރިން އަހާލީމެވެ. އެވަގުތު ޝިފާއު ވަރަށް ބިރުންހުރެ ބުންޏެވެ. ’އަހަރެން މަސްކަނޑަށް ގޮނޑުދޮށުގައި އިންއިރު ޖެހިގެން މަސްކަނޑަން އިނީވެސް ހަމަ އަހަންނެވެ.“ އެވަގުތު އަޙްމަދު ބުންޏެވެ. “އަހަރެންވެސް ކުޑަކަމުދާންވެގެން ހޭޅިފަށުގައި ހުއްޓާ އަހަރެންނާއި ޖެހިގެން ހަމަ އަހަރެން ކުޑަކަމުދާން ހުއްޓާ ދުށީމެވެ.“ މިހެން ބުނުމުން އަހަރެމެންގެ ހިތަށް އިތުރަށް ބިރުވެރިކަން ވަދެއްޖެއެވެ.

އެމީހުން ކުރިން އެނބުނީ ތެދެއްކަން އެނގިއްޖެއެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަދި ރަށުގެ ނާމާންކަން އިހުސާސް ކުރެވެން ފެށިއެވެ. މި އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ބިރުވެރިކަމުގެ އިހުސާސްތަކެވެ.  އެވަގުތު ވަރަށް ހާސްވެގެން މިހާރުން މިހާރަށް ފުރައިގެންދާން ހިނގާށޭ އަހަރެން ބުނީމެވެ. މިހެން ބުނުމަށްފަހު ހުރިހާ އެންމެން އަލިފާންގަނޑު ކައިރިއަށް ޖަމާވުމަށް އެންގީމެވެ.

ޖަހާފައިހުރި އަލިފާންގަނޑުގެ ކައިރިއަށް އެންމެން ޖަމާވުމުން އެންމެން ހަމަތޯ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އިއްސެ އެއް ނެތެވެ. ޓެންޓްކައިރީ ހުރެފައި އޭނަ އެދިޔައީ އަނެއްކާ ކޮންތާކަށްބާވައެވެ. އަހަރެންނާއި އަދި އިތުރު ކުއްޖަކާއި ދެމީހުން ވަރަށް ބިރުން ތިބެ އޭނާ ހޯދުމަށް ރަށުގެ ހޭޅިފަށުން ވަލުތެރެއަށް ވަނީމެވެ. އެވަގުތު ހިތަށް ވެރިވެގެންދިޔައީ ނާމާންކަމެވެ.

ގަހުގެ ފަތްތައް ހެލިލާގޮތުން ބައެއް ފަހަރު ސިއްސައިގެންވެސް ދެއެވެ. ހީވަނީ ފަހަތުން މީހަކު އަންނަ ހެންނެވެ. ނަމަވެސް ފަހަތް ބަލާނުލާ ކުރިއަށް ހިގަމުން ގެންދިޔައީމެވެ. އިސާހިތަކު މީހަކު ވަލުތެރެއިން ނިކުމެގެންދާ މަންޒަރު ފެނުނެވެ. އަދި އެއީ އިއްސެކަން އެނގުމުން އިއްސެއަށް ވަރަށް ބާރަށް ގޮވާލީމެވެ. މިއަޑަށް އަހަރެމެންނާއި ދިމާލަށް ވަރަށް އުފަލުން ހެމުން ހެމުން އިއްސެ އައެވެ.  އިއްސެ ހެވިފައި ހުރުމުން އިއްސެ ތިޔައި ކޮންތާކުންތޯ އަހަރެމެން އަހާލީމެވެ.  އިއްސެ ބުންޏެވެ.

މިއައީ މިރަށުން ފެނުނު ވަރަށް ސަޅި ބިޓަކާއި އެއްކޮށް “މަޖާކޮށްލާފަ.“ އެއީ ވަރަށް ރީތި ކުއްޖެ. މިހާތަނަށް އެވަރުގެ ރީތިކުއްޖެއް އަދި ނުދެކެން. އިއްސެ މިހެން ބުނުމުން އަހަރެމެންނަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ސުވާލުތައް އުފެދެން ފެށިއެވެ. އޭރު ދޯނިން އަހަރެމެންނާއިއެކު އައި ހުރިހާ އަންހެން ކުދިންވެސް ހަމަޔަށް އަލިފާންގަނޑު ކައިރީތިއްބެވެ. އަދި ހިތާ ހިތާ ސުވާލުކުރެވުނެވެ. އިއްސެ އެއައީ އަނެއްކާ ކޮންކުއްޖެއް ކައިރިއަށް ވަދެފައި ހެއްޔެވެ. އެއައީ ރަނގަޅު ކުއްޖެއް ކައިރިއަކުން ނޫނެވެ. މިރަށުގައި ދެން އިތުރު އަންހެން ކުއްޖަކު އުޅޭނެ ހެއްޔެވެ؟ އިއްސެ އެއައީ ގޯހެއް ހަދާފައެވެ.

އިއްސެ އެދެއްކި ވާހަކަތަކާއި ގުޅިގެން އެހިޔާލުގައި އަހަރެމެން ތިބުމަށްފަހު އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އިއްސެ ގޮވައިގެން ރޯކޮށްފައިވާ އެ ބޮޑު އަލިފާންގަނޑުގެ ކައިރިއަށް ނިކުތީމެވެ. އޭރު އެންމެންގެ މޫނުމަތިންވެސް ބިރުވެރިކަމުގެ އިޙްސާތައް ފެންނަމުން ދިޔައެވެ. މިވަނީ ހުދު ކީއްކަމެއް އެއްވެސް އަންހެން ކުއްޖަކަށް ނޭގެއެވެ. މިރަށް ވަރަށް ނާމާން! މިހާރުން މިހާރަށް ފުރަންވީ! އަހަރެން ބުނީމެވެ.

މިހެން ބުނުމާއެކު ދަތުރުގައި ބައިވެރިވި އަންހެން ކުދިންނަށާއި އިއްސެއަށް ވަކިން ހައިރާންކަމެއް ލިބި، ސިހިގެން ދިޔައެވެ. އެހެންނަމަވެސް އެމީހުން އިތުރު ސުވާލެއް ނުކުރެއެވެ. އަހަރެމެންވެސް އިއްސެއަކަށް އެކަމެއް ނާންގަމެވެ. އަވަހަށް ސަލާމަތުން ދޯންޏަށް އެރޭތޯ  މަސައްކަތްފެށީމެވެ. ދޯނީގައި އިން ރަށްބަލަހައްޓާ ބިދޭސީ މީހާއަށް އަހަރެމެން ގޮވުމުން ދޯނިންގ ފައިބައިގެން ޑިންގީގައި އެއްގަމަށް އައެވެ.

އެމީހާ ރަށުގެ ގޮނޑުދޮށަށް ފޭބުމާއެކު އަވަސް އަވަހަށް ބާރަށް ހިނގާފައިގޮސް ގެއަށްވަދެ ދޮރުޖެހި މަންޒަރު ފެނުނެވެ. އެވަގުތު އޭނާގެ އަތުގައި ޚަތިމުއޮތް އޮތުމުން މިރަށުގެ ނާމާންކަން ވަކިން ބޮޑަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ބަލަން ނުތިބެ ފަހަރަކު 4 މީހުން ޑިންގީގައި ދޯންޏަށް އަރުވަމުން ގެންދިޔައީމެވެ. (އެއީ ކުޑަ ޑިންގީއެއްކަމުން އެއަށް އެރެނީ ފަހަރު 4 މީހުންނަށެވެ.) އަހަރެމެންނާއެކު 17  މީހުން މިދަތުރުގައި ބައިވެރިވުމުން ކޮންމެވެސް އެކަކަށް ފަހުން އަރަން މަޑުކުރަން ޖެހުނެވެ.

މިގޮތުން އެންމެ ފަހުން ދޯންޏަށް އަރަންޖެހުނީ އަހަރެމެންގެ ތެރެއިން މިފަދަ ކަމަކާ ދިމާނުވާ ކުއްޖަކަށެވެ. އެއީ ނާޝިދު އެވެ. ޑިންގީގައި ކަނބަން ހުރީ އަޙްމަދު އެވެ. އެހެންކަމުން ނާޝިދުބަލާ އަޙްމަދު ޑިންގީގައި އެއްގަމަށް ކަނބައިގަތެވެ. އޭރު އަހަރެމެން އެންމެވެސް ތިބީ ރަށާދިމާލަށް ބަލަހައްޓައިގެން ބިރުންނެވެ. މިހެން ތިއްބައި  ކުއްލިއަކަށް ހޭޅިފަށުން ހަމަ ނާޝިދުގެ ސިފައިގައި ހުރި މީހަކު ހިނގާފައި އައިސް ނާޝިދާއި އެއްހަމައެއްގައި ޖެހިގެން ހުއްޓުނެވެ. އޭރު އަޙްމަދު ޑިންޑީ ގޮނޑުދޮށަށް ގައިކުރަނީއެވެ.

އަޙްމަދަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ހަދާނެގޮތް ހުސްވެފައި ބިރުން ބަލަން ހުއްޓެވެ. ކުރިމަތީން ފެންނަންހުރީ ދެ ނާޝިދު އެވެ. އެތަނުން ހަޤީޤީ ނާޝިދަކީ ކޮބައިބާވައޭ އޭރު ދޯނީގައި ތިބި މީހުން ބިރުން ތިބެ ކިޔަމުން ދިޔައެވެ. ނަމަވެސް ބިރުން ހުރެ އަޙްމަދު ޑިންގީ ގޮނޑުދޮށަށް ކައިރިިކުރިއެވެ. އަދި ބުންޏެވެ. ތިތަނުން ނާޝިދު ކިޔާ މީހަކު ހުރިއްޔާ ބިސްމި ކިޔާފައި ޑިންގީއަށް އަރާށެވެ. މިހެން ބުނުމުން އެތަނުން އެކަކު ހިނގާފައި އައިސް ބިސްމިކިޔާފައި އެރުމުން ބަލާކަށް ނުހުރެ ދޯންޏާއި ވީކޮޅަށް ޑިންގީ ކަބައިގަތެވެ.

އަދި ނާޝިދު އާއި އަޙްމަދު ދޯންޏަށް އެރިއެވެ. އެވަގުތު ގޮނޑުދޮށުގައި ނާޝިދުގެ ސިފައިގައިި ހުރި ދެވަނަ މީހާ ހޭޅިއާ ދިމާލަށް ހިނގައިގަތެވެ. ދެންފެނުނީ އެއަށްވުރެ ބޮޑު ހައިރާންކަމެކެވެ. އެނާޝިދުގެ ސިފައިގައި ހުރި މީހާ ހިނގާފައިދާވަރަކަށް ދޯނީގައި ތިބި އެންމެންގެ ސިފައަށް އެ އެމީހާ ބަދަލުވަމުންދާތަނެވެ. ދޯނީގައި ތިބި އަންހެނުންނާއި ފިރިހެނުންގެ ސިފައަށެވެ. މިކަމާ އަހަރެމެން ވަރަށް ބިރުގަތެވެ. އަދި އަންހެންކުދިންތައް ބިރުން ރޯން ފެށިއެވެ. އެހެންކަމުން ދޯނި ފަޅުން ނުކުމެގެން މާލެއާއިދިމާއަށް މިސްރާބު ޖެހިއެވެ.

އޭރުވެސް އަހަރެން ހުރީ އެ މީހާއައި ދިމާލަށް ބަލާށެވެ. ކުއްލިއަކަށް އެމިހާ ގެއްލިއްޖެއެވެ. ދެންފެނުނީ ރަށުތެރެއިން އަރައިގެން އައި ބޮޑު އަލިފާންގުޅައެއް ދޯނީގެ މަތިންލާފައި ވަރަށް ބާރަށް ދިޔަތަނެވެ. މުޅި އެސަރަހައްދު ދިއްލިގެން ދިޔައެވެ. އަހަރެމެން ބިރުން ވިރިވިރި ތިބި ނަމަވެސް އަހަރެންނަކަށްވެސް ކުރެވޭނެކަމެއް ނެތެވެ. ދޯނީގައި ތިބި އަންހެން ކުދިން ތައް ހަޅޭއްލަވައި ރޮމުން ގެންދެއެވެެ.

ގިސްލާމީހުން ގިސްލަމުން ދެއެވެ. އެންމެވެސް ތިބީ ދެންވާނެގޮތަކާއިމެދު ވިސްނާށެވެ. ހަދާނެގޮތް ހުސްވެފައެވެ. ނަމަވެސް އަޙްމަދުގެ ރަށްޓެހި ރުޤުޔާ (ހުއްދަ ފަންޑިތަ ނުވަތަ ފަރުވާ ދިނުމަށް ހެދޭ ފަންޑިތަ) ހަދާ  މީހެއްކަމަށްވާ އިބްރާހީމްބެ (އަސްލު ނަމެއްްނޫން) މާލޭގައި ހުރުމުން އިބްރާހީމްބެއަށް ވަގުތުން އަޙުމަދު ފޯނުން ގުޅާ އެވާހަކަތައް ކިޔައިދިނެވެ.

އަހަރެމެންނަށް މާލެއާދެވުނީ އެރޭގެ ދަންވަރު އެވެ. އަދި ދޯނި ގާތްކުރިއިރު އިބްރާހީމްބެ ދޯނީގެ އިންތިޒާރުގައި ހުއްޓެވެ. އަދި ދޯނިން އެއްވެސް މީހަކު ފޭބިޔަނުދީ އިބްރާހިމްބެ ދޯންޏަށް އަރާ ކިޔަވަން ފެށިއެވެ. އެވަގުތު އިއްސެއަށް ގޮތްތަކެއް ވާންފެށިއެވެ. އަދި އޭނާ ޖިންނި މޮޔަވެފައިވާ މީހެއް ފަދައިން ދޯނިތެރޭގައި އުޅެމުންދިޔައެވެ. އިއްސެއަކީ ވަލުތެރެއިން ފެނުނު އަންހެން ކުއްޖާއާއި  ގާތްގުޅުމެއް ބެހެއްޓި މީހާއެވެ.

އިބްރާހީމްބެ ބަލާކަށް ނުހުރެ ބުންޏެވެ. “އަހަރެންގެ އަތުގައި ހިފާ! ދެން ކޮންމެ މީހަކުވެސް ދޯނިން ފައިބާ! މިހެން ބުނުމުން ހުރިހާ އެންމެން އެގޮތަށް އިބްރާހިމްބެގެ އަތުގައި ހިފައިގެން ދޯނިން ފޭބިއެވެ. އޭރުވެސް އިއްސެ ދޯނީގައި ހުއްޓެވެ. އިބްރާހިމްބެ އޭނަގެ ގާތަށްގޮސް ކިޔަވަން ފެށިއެވެ. އަދި އޭނަ ހަމަޔަކަށް އަޅުވައިގެން ދޯނިން ބޭލިއެވެ.

އަދި އޭނާގެ ގަޔަށް ބަލާލިއިރު އޭނަގެ ގައިގެ އެތަން މިތާނގައި މީހަކު ވަކި އަޅާފައި ހުރިކަހަލަ ނިޝާންތައް ފެންނަން ހުއްޓެވެ. އެނބުރި މާލެ އާދެވުނުމަވެސް އަހަރެންގެ ހިތުން ދުވަހަކުވެސް މިދަތުރުގެ ހަނދާންތައް ފިލައިގެނެއް ނުދެއެވެ.

މިއީ އަހަރެމެންނަށްވެސް އުޅެވުނު ގޮތުން ދިމާވި ޖިންނީންގެ ކަންތައް ގަނޑެކެވެ. ޢުމުރުގައިވެސް ކުރި އެ ނާމާން ދަތުރެވެ.  އެއަށްފަހު އަހަރެން ކުރިން އުޅުނު އެއުޅުން ދޫކޮށްލާ ﷲ އަށް ބިރުވެތިވެ ކުރެވުނު ކުށަށް ތަޢުބާވެއްޖައީމެވެ. އަދި ރަނގަޅު ވަޒީފާއަކަށްވަދެ މިއަދު މިހުރީ އާއިލާއާއިއެކު ހެޔޮލަފާ ރަނގަޅު ދިރިއުޅުމެއް ގައެވެ. އިރާދަކުރެއްވިއްޖާ ދެން ދުވަހަކުވެސް އެފަދަ ގޮތަކަށް ނޫޅުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

Rate this post

ޚިޔާލު 1 on "ނާމާން އެދަތުރު
ޙަޤީޤީ ޙާދިސާ
"

  1. Birun halaaaku vejje ?

Comments are closed.