ޢާޝޫރާ ދުވަހާއި އެދުވަހު ރޯދަ ހިފުމުގެ މާތްކަން: ހުކުރު ޚުތުބާ

މިހަފްތާގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ޢާޝޫރާ ދުވަހާއި އެދުވަހު ރޯދަ ހިފުމުގެ މާތްކަމާއި ބެހޭގޮތުންނެވެ. އެގޮތުން ތިރީގައި ބަޔާންކޮށްފައި މިވަނީ މިހަފްތާގެ ހުކުރު ޚުތުބާގެ ކުރު ޚުލާސާއެކެވެ.

މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ޙާދިސާއަކާ ގުޅިފައިވާ ދުވަހެކެވެ. އެއީ މާތް الله، ފިރުޢައުނުގެ އަނިޔާވެރިކަމުން މޫސާގެފާނާއި ބަނީ އިސްރާއީލު ބާގައިގެ މީހުން ސަލާމަތްކުރައްވައި، އަނިޔާވެރި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤުކުރެއްވި ދުވަހެވެ. މި މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނު އެ ދުވަހު ރޯދަހިއްޕެވިއިރު، މިއީ މުއުމިނުންނަށް ނަޞްރު ލިބޭނެކަމުގެ ދިރުހުރި މިސާލެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުޙައްރަމު މަހަކީ މާތް الله ޙުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މައްސަރެކެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި އަހަރުގެ ބާރަ މަހުގެ ތެރެއިން ހަތަރު މަހެއް ޚާއްޞަވެގެންވެއެވެ. މި މައްސަރުތަކުގައި އަމިއްލަ ނަފުސަށް އަނިޔާވެރިނުވުމަށާއި، ފާފަތަކުން ދުރުހެލިވެ ހެޔޮ ޢަމަލުތައް ގިނަކުރުމަށް މުސްލިމުންނަށް ވަނީ އަމުރުކުރައްވާފައެވެ. މިއީ މާތް اللهގެ ޙަޟުރަތުގައި ބޮޑުވެގެންވާ އިޙްތިރާމެއް ދެވިފައިވާ މާތް ވަގުތުތަކެކެވެ.

ކީރިތި ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވިއިރު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ ފެނިވަޑައިގަތުމުން އެކަމާ ސުވާލުކުރެއްވިއެވެ. އެ ބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. މި އަދަކީ ބަނީ އިސްރާއީލު ބާގައިމީހުން އެ މީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވީތީ އެ މީހުންގެ ނަބިއްޔާ މޫސާގެފާނު ރޯދަފުޅު ހިއްޕެވި ދުވަހެވެ. އެ ހިނދު ރަސޫލު الله صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.  (”فَأَنَا أَحَقُّ بِـمُوْسَى مِنْكُمْ“ فَصَامَهُ وَأَمَرَ بِصِيَامِهِ) މާނައީ:  ”މޫސާގެފާނަށް ޓަކައި ތިޔަބައިމީހުންނަށް ވުރެ އެ ކަންކުރުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ.“ މިހެން ޙަދީޘްކުރައްވައި އެކަލޭގެފާނު އެ ދުވަހު ރޯދަފުޅުހިއްޕަވައި މީސްތަކުންނަށް އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ.

މި ރޯދައަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމަށް ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އުންމީދުކުރެއްވި މަތިވެރި އަޅުކަމެކެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުމުގައި އެހެން ދީންތަކުގެ މީހުންނާ ޚިލާފުވުމަށްޓަކައި، ދިހަވަނަ ދުވަހުގެ ކުރިއަށް ދުވަހެއް ނުވަތަ ފަހަށް ދުވަހެއް އިތުރުކުރުމަކީ ސުންނަތެކެވެ. އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މީގެ ތިން ދަރަޖައެއްވެއެވެ. އެންމެ ފުރިހަމަ ގޮތަކީ ނުވަވަނަ، ދިހަވަނަ އަދި އެގާރަވަނަ ދުވަހު ރޯދަހިފުމެވެ. އޭގެ ފަހުން ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އަދި ހަމައެކަނި ދިހަވަނަ ދުވަހު ރޯދަހިފުމަކީވެސް އޮތް ފުރުޞަތެކެވެ. މިކަމުގެ ސަބަބުން އަޅުކަމުގެ ތެރެއަށް ނަފުސު ހޭނުމަށް ފުރުޞަތު ލިބިގެންދެއެވެ.

މި މަތިވެރި ދުވަހާ ގުޅުވައިގެން ދީނުގެ އަޞްލު އުޞޫލުތަކާ ޚިލާފަށް އުފައްދާފައިވާ ބިދުޢަތަކާއި އާދަކާދަތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. ޚާއްޞަކޮށް ހިތާމަފާޅުކުރުމުގެ ގޮތުން ކުރާ ދީނާ ޚިލާފު ޢަމަލުތަކަކީ ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ނަހީކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން، ޢާޝޫރާ ދުވަހުގެ ޙަޤީޤީ ރޫޙަކީ اللهއަށް ކިޔަމަންތެރިވުމާއި، ސުންނަތަށް ތަބާވުމާއި، ފާފަތަކުން ތައުބާވެ ހެޔޮ ޢަމަލުތައް އިތުރުކުރުމެވެ. ދީނުގެ ނަމުގައި އާލާކުރެވޭ ބިދުޢަތަކާ ދުރުހެލިވެ، ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ދެއްކެވި ސީދާ މަގުގައި ސާބިތުވެ ތިބުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭނެ ކަމެކެވެ. މި ދުވަހުން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ ކޮންމެފަދަ ބޮޑު މުޞީބާތެއްގައި ވެސް މާތް اللهއަށް އިތުބާރުކޮށް، އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވުމުން ނަޞްރާއި ސަލާމަތްތެރިކަން ލިބޭނެކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.