
މައުލޫމާތު: ޕޮލިނޭޝަން( އެއްވަނަ ބައި)
މަލަކީ ގަހުގެ ދަރިކޮޅު ދަމަހައްޓައިދޭ ބައެވެ. މަލުން، މޭވާއާއި އޮށް އުފެދި އޮންނަ އައުގަސް ފަޅައިގެން ގަހެއްގެ ހަޔާތުގެ ބުރު ފުރިހމަވަމުންދެއެވެ. މި ނިޒާމުގެ އަސްލަކީ މަލުގައި އުފެދޭ ބައިތަކެކެވެ. އެއީ މަލުގެ އަންހެން ބަޔަކާއި ފިރިހެން ބައެއް ހުރެވިފައި މިދެބަޔަށް ޖޯޑުވުމުގެ ޤާބިލްކަން ލިބިފައިވާތީއެވެ. މައުނާޅާބާވަތުގެ ގަސްގަހުގައި މި ނިޒާމް ހަމަޖެހިފައި ހުންނަނީ ތަފާތު ގޮތަކަށެވެ.
މަލުގެ އަންހެން ބާވަތަށް ކިޔަނީ ކާރޕެލް ނުވަތަ ޕސްޓިލް އެވެ. ކާރޕެލްއަކީ މަލުގެ އެންމެ އެތެރޭގެ ބުޑުފަލަކޮށް އިންނަ ބައެވެ. ކާރޕެލްގައި 3 ބައެއް އިންދެއެވެ. އެއީ ސްޓިގްމާ، ސްޓައިލްއަދި އޯވަރީއެވެ. މަލުގެ ފިރިހެން ބަޔަށް ކިޔަނީ ސްޓޭމަން އެވެ. ސްޓޭމަން އިންނަނީ މަލުގެ އަންހެންބައި ވަށައިލައިގެންނެވެ. ސްޓޭމަންގެ މަތީބަޔަށް ކިޔަނީ އެންތަރއެވެ. އަންހެން ބައިގެ އޯވަރީއާއި ގުޅިފައި އިންނަ ތިރީބަޔަށް ކިޔަނީ ފިލަމަންޓްއެވެ. މާ ޕޮލިނޭޓްވާން ބޭނުންވާ ޕޮލެން (ކުނޑިފުއްތައް) ހުންނާނީ އެންތަރގައެވެ. މަލެއް ފޮޅުމުގެ މާނައަކީ އެމަލެެއް ފުރިހަމައަށް ބޮޑުވެ، ދަރިކޮޅުދެމެހެއްޓުމަށް ކެރި ކުޅަދާނަވުމެވެ.
ޕޮލިނޭޝަން ނުވަތަ މައުޖޯޑުވުމަކީ އަންހެންބައިގެ ސްޓިގްމާއަށް ފިރިހެންބައިގެ އެންތަރގައި ހުންނަ ޕޮލެންތައް ދިއުމެވެ. 2 ގޮތަކަށް މައު ޖޯޑުވެއެވެ.
އެއީ:
1- ސެލްފް ޕޮލިނޭޝަން ނުވަތަ އެއްމަލެއްގެ ޕޮލެން ހަމަ އެމަލުގެ ސްޓިގްމާއަށް ގޮސްގެން މައު ޖޯޑުވުމެވެ.
2- ކޮރޮސް ޕްލިނޭޝަން ނުވަތަ އެއްމަލެއްގެ އެންތަރއިން އަނެއް މަލުގެ ސްޓިގްމާއަށް ޕޮލެން ގޮސްގެން މައު ޖޯޑުވުމެވެ.
މައު ޖޯޑުނުވެ މޭވާއަޅާ ގަސްގަހުގައި މޭވާއެއް ނުއުފެދޭނެއެވެ. ވުމާއިއެކު މޭވާއަޅާގަސް ހައްދާނަމަ މައު ޖޯޑުވޭތޯ ބެލުން މުހިއްމުއެވެ. މައު ޖޯޑުވާނީ މައު ފުރިހަމައަށް ފޮޅުމުންނެވެ. މައު ޖޯޑުކޮށްދޭ ވަސީލަތްތަކަކީ ކުދި ފަނިފކްސާއާއި ޖަނަވާރާއި ވައިގެ ޒަރިއްޔާއެވެ.
މަލުގެ ކަރުގަނޑުގައި ފިރިހެންބައިގައި ޕޮލަން ވަރަށްގިނައިން އުފެދޭ ވައްތަރުތަކަކީ ވައިމެދުވެރިކޮށްގެން ޕޮލިނޭޓް ވެވިދާނެ ވައްތަރެވެ. ދެން ޕޮލިނޭޓްކުރުމަށް އެހީތެރިވެދެނީ އާންމުކޮށް ކުދިފަނިފަކްސާ އާއި ޖަނަވާރެވެ. މީގެތެރޭގައި ކޮކާ، ބަޅިނދު، މާބުރު، ހިނި، ކުދިމަޑި، ދޫނި އަދި ވާލަކީވެސް މައު ޖޯޑުވުމުގައި އެހީތެރިވެދޭ ޖަނަވާރެކެވެ.
ތަފާތު ސޫފިތައް ޖޯޑުކޮށްދެނީ ތަފާތު ބާވަތް ތަކުގެ މައުތަކެވެ. މިސާލަކަށް މާބުރު އާއިލާއިން ރަތްކުލައެއް ނުފެންނާނެވެ. ނަމަވެސް ރީނދޫކުލަ އާއި އަލްޓްރާ ވައިލެޓް ކުލަތައް ވަރަށް ރީތިކޮށް ފެންނާނެއެވެ. ވީމާ މާބުރު މަލުގައި މަޑުމީރުވަހެއް ހުންނަ މިދެކުލައިގެ މާތަކަށް ގޮސް އެއްގަހުގެ މަލުން އަނެއް ގަހުގެ މަލަށް ޕޮލަން ގެންގޮސް ދޭނެއެވެ.
މާބުރާ ޚިލާފަށް ކޮކާލުގެ ވައްތަރުތަކަށް ވަރަށް ސާފުކޮށް ގަދަ ކުލަތައް ފެންނާނެއެވެ. ނަމަވެސް ވަސް ބެލުމުގެ ގާބިލްކަން ވަރަށް ކަޑަވާނެއެވެ. ވީމާ ކޮކާތައް ގަދަ ކުލަކުލައިގެ ނަމަވެސް ވަސް ނުދުވާ މާތައް ޕޮލިނޭޓް ކޮށްދޭނެއެވެ.



