
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމުން މިހާތަނަށް 287 މީހުން ތަމްރީނުކުރެވިއްޖެ: ޞިއްދީޤު
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމުން މިހާތަނަށް 287 ބޭފުޅުން ތަމްރީނުކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
ޔޫ.އެން.އޯ.ޑީ.ސީ (UNODC)ގެ އެހީތެރިކަމާއެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ކުރިއަށްގެންދިޔަ 11ވަނަ ”ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް“ ނިންމައި ބައިވެރިންނަށް ހަދާނީ ލިޔުން ދީފައިވަނީ މި މަހުގެ 9ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޞިއްދީޤު ވިދާޅުވީ ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުންދާ ޑީޖޭޖޭ އިން 2022ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމުން މިހާތަނަށް ޖުމްލަ 287 ފަރާތެއް ތަމްރީނުކުރެވިފައިވާ ކަމަށެވެ.
މި 287 ބައިވެރިންނަކީ މާދަމާގެ ޖީލަށް ނުވަތަ އަންނަން އޮތް ޖީލުތަކުގެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމަށްޓަކައި ޓްރެއިން ވެފައި ތިބި ބޭފުޅުން. ކުޑަކުދިންގެ އަދުލުގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގެ ތެރެއިން މިފަދަ ޓްރެއިނިނގް ކުރިއަށްގެންދިޔުމަށް ލާޒިމުކޮށްފައިވޭ. ޑީޖޭޖޭއަށް މަތިކޮށްފައިވާ މި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. ސްޓޭޓް ޞިއްދީޤު
ސްޓޭޓް ވަނީ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންދިޔުމުގަ ޔޫ.އެން.އޯ.ޑީ.ސީން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ރަނގަޅު ޖީލެއް ބިނާ ކުުރުމަށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެކަމުގައި ވަނީނަމަ ނުވަތަ އެ ކުޑަދިންނަށް އަޅުގަނޑުމެންނަށް އަޅާލެއްވިޖެނަމަ މާދަމާގެ ޖީލަކީ ޝައްކެއްވެސް ނެތް ވަރަށްވެސް ރަނގަޅު ޖީލަކަށް ވެގެންދާނެ. ސްޓޭޓް ޞިއްދީޤު
މި މަހުގެ 05ވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މި ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމެވެ.
11 ވަނަ ”ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް“ގައި 29 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައެވެ.



