އަހަރެންގެ މަންމައަށް މާފު ކުރާށެވެ……

މި ވާހައަކީ ހަޤީޤީ ވާހަކައެކެވެ، އަދި ސިއްރު ހިފެހެއްޓުމުގެ ގޮތުން މިވާހަކަޔަށް ކުދި ބަދަލު ގެނެވިފައިވި ނަމަވެސް، މައިގަނޑަށް އެއްވެސް ބަދަލެއް ގެނެވިފައެއް ނުވާނެއެވެ. އަދި ވާހަކައިގައި މީހުންގެ ނަންވެސް މި ވަނީ ބަދަލު ކުރެވިފައެވެ.

ދަރިންނަކީ ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ. އަހަރެމެން މުސްކުޅިވެ ގައިބާރު ދެރަވާދުވަހު، އަހަރެމެންނަށް އަޅައިލަނީ، އަހަރެމެންގެ ދަރީންނެވެ. އަދި، އަހަރެމެން މިދުނިޔެ ދޫކޮށް ދިއުމުން، އަހަރެމެންގެ ދަރީން އަހަރެމެންގެ ފުރާނައަށް ރަޙްމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ. މިހެންކަމުން، ހެޔޮލަފާ ދަރިއަކު ލިބުމީ ހާދަހާވާ ބޮޑު ނިޢުމަތެކެ.

އިޝްތިހާރު Below Header ad

ދަރީންނަށް ތަރުބިއްޔަތު ދީ، އެކުދީންނަކީ ރަނގަޅު ބަޔަކަށް ހެދުމަކީ މައިންބަފައިގެ ޒިންމާއެކެވެ. ކުދިންނަކީ ތެދުމަގު ލިބިގެންވާ ރަނގަޅު މުސްލިމުންނަށް ހެދުމަކީވެސް، މައިންބަފައިނގެ ޒިންމާއެކެވެ. ނަމަވެސް…..އަހަންނަށް ތެދުމަގު ދައްކުވައިދިނީ އަހަރެންގެ ލޯބިވާ ދަރިފުޅެވެ.

އަހަރެންގެ ދަރިފުޅު އަޒްރާ (އަސްލު ނަމެއް ނޫން) އަކީ މަޑުމައިތިރި، ބަސްމަދު، މީހުންނަށް އިޙްތިރާމްކުރާ، އަހަރެން ފަޚުރުވެރި ވާ ފަދަ ރީތި މިޒާޖެއްގެ ކުއްޖެކެވެ. ދީނީ ކަންތައްތަކަށް ލޯބިކުރާ، ބަސްއަހާ ކުއްޖެކެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަހަރެންގެ ދެލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. 5 ފިރިހެން ކުދިން ލިބުމުން، އަންހެން ދަރިއަކަށް އެދި އެތަކެއް ދުވަހެއް ވަންދެން ކުރި ދުޢާއަކާއި، ބުނި އެތައް ނަދުރެއްގެ ނަތީޖާއެއްގެ ގޮތުން ލިބުނު ހަދިޔާއެކެވެ. އެއީ އަހަންނަށް ތެދުމަގު ދައްކުވައިދިން އަލިގަދަ ނޫރެކެވެ.

އަހަންނަކީ މިޒާޖުގެ ގޮތުން ރުޅިގަދަ ގޮތްދޫނުކުރާ މީހެކެވެ. އަދި ރުޅިއަތުވެއްޖެނަމަ ބަސް ހުތުރު މީހެކެވެ. އަހަރެންގެ މި މިޒާޖުގެ ސަބަބުން އަހަންނާ އަހަރެންގެ އަވައްޓެރިންނާ، އަދި ރަށުގެ އެހެނިހެން މީހުންނާވެސް މާކަ ބޮޑު ގުޅުމެއް ނޯވެއެވެ. އެންމެންވެސް ބަލަނީ ވީހާވެސް ދުރުން އުޅެވޭތޯއެވެ. އަދި އާއިލާރެތޭގައި ވެސް އަހަންނާ ގުޅުން އޮންނަނީ ވަރަށް މަދު ބަޔަކާއެވެ. ޚުދު އަހަރެންގެ ފިރިމީހާވެސް އަހަރެން ދޫކޮށްލާފައި އެހެން މީހަކައި ކައިވެނި ކޮށްގެން ދިޔައީ އަހަރެންގެ މި ރުޅިގަދަ މިޒާޖުގެ ސަބަބުން ކެތްނުކުރެވިގެންނެވެ. ނަމަވެސް، އަހަރެންގެ އަޒޫ އަހަންނާ ތަފާތެވެ. އޭނާއަކީ ރުޅިއަންނަށް ދަންނަ ކުއްޖެއް ނޫނެވެ. އަދި މީހުންނަށް ނުހަނު އިޙްތިރާމް ކުރާ ކުއްޖެކެވެ. ކިތަންމެ ފަހަރަކު އަހަރެން އަވައްޓެރިޔާގެ ގޭގައި ހުންނަ ގަހުން އަހަރެންގެ ގޯތިތެރެއަށް ފަތް އެޅޭތީ އެކަމާ އޭނާއާ ޒުވާބު ކުރުމުން، އެގޮތަށް ކަންތައް ނުކުރުމަށް، އަދި އަވައްޓެރިންނާ ގުޅުން ބަދަހިކޮށް ރީތިކޮށް ރުޅި މަޑުކޮށް ވާހަކަ ދެއްކުމަށް އަހަރެންގެ ދަރިފުޅު ނަސޭހަތްތެރިވެ އެވެ. އަހަންނާ އަހަރެންގެ އަވައްޓެރިންނާއި ގުޅުން ކިތަންމެ ގޯސް ނަމަވެސް، އަޒޫއާއި އެންމެންނާއިވެސް ވަރަށް ގުޅުން ރަނގަޅެވެ. އެންމެންވެސް އޭނާދެކެ ލޯބިވެއެވެ. އަޒޫގެ މިޒާޖު ތަފާތުކަމުން ބައެއްފަހަރު އަހަރެންވެސް ހައިރާންވެއެވެ. އަދި އަހަރެން އެހާ ރުޅިގަދަވެފައި ރުންކުރު މީހަކަށް ވި އިރު، އަހަރެންގެ ދަރިފުޅަށް އެފަދަ ރީތި މިޒާޖެއް ލިބުނީ ކިހިނެއްބާއޭވެސް ހިތަށް އަރައެވެ.

މިއީ މީގެ 8 އަހަރު ކުރީގައި ހިނގައިދިޔަ ހާދިސާއެކެވެ. އެއިރު އަހަރެންގެ އަޒޫގެ އުމުރުން އެންމެ 17 އަހަރެވެ. އަހަންނަކީ ވަރަށްވެސް ގަސް އިންދާހިތްވާ މީހެކެވެ. އެހެންކަމުން އަހަރެންގެ ގޭތެރޭގައާއި ގެއިން ބޭރުގައި ފާރު ކައިރީގައި އެކި ވައްތަރުގެ އެތައް ގަހެއް އިންދާފައި ހުންނާނެއެވެ. ކޮޕީފަތް ގަހާއި، މިރުސް ގަހާއި، ބަގީޗާ ގަހާއި އަދި އެކި ކަހަލަ މާއަޅާ ގަސްގަހެވެ. އެއީ އަހަރެން ވަރަށް ބުރަ މަސައްކަތުން ވަރަށް ލޯބިން ހައްދާ ގަސްތަކެކެވެ. އެހެންކަމުން އޭގެން ގަހަކުން އެންމެ ފަތެއް، އެންމެ މިރުހެއް އެންމެ މަލެއް މަދުވިޔަސް، އަދި އެ ގަސްތަކާއި މީހަކު ކުޅެފައި ހުއްޓަސް އަހަންނަށް އިނގެއެވެ. އަހަރެން އަބަދުވެސް ހުންނަނީ އެ ގަސްތަކުން މީހަކު ވަގަށް ބޭނުންކޮށްފާނެތީ ޝައްކެއްގައެވެ. އަދި އޭގެން އެއްޗެއް މަދުވިޔަސް އެކި ފަހަރު އެކި މީހުންނަށް ތުހުމަތުވެސް ކުރެވެއެވެ. މިގޮތުން އެންމެ ގިނައިން އަހަރެން ޝައްކު ކުރަނީ އަހަރެންގެ އަވައްޓެރިޔާއަށެވެ. އެދުވަހުވެސް ވީ އެހެންނެވެ. ހަވީރު އަހަރެން ގަސްތަކަށް ފެން ދޭން ބޭރަށް ނިކުތްއިރު މިރުސް ގަސްތަކުގެ ތެރެއިން އެންމެ ގިނައިން އަދި އެންމެ ބޮޑު މިރުސް އަޅާ ގަހުގައި އެންމެ މިރުހެއްވެސް ނެތެވެ. އެމިރުސް ގަހުން މިރުސް ބިނދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އަހަރެން ހުއްޓައި، ކޮންމެވެސް ވަގެއް އެގަހުގެ ހުރިހާ މިރުހެއް ވަގަށް ބިނދެގެން ގެންދިޔައީއެވެ. އަހަރެން އެހާ ދުވަސް ވަންދެން ބުރަ މަސައްކަތް ކޮށްގެން، އަތުން އެހާ ޚާރަދު ކޮށްގެން ހެއްދި ގަހުން އަހަންނަށް އެއްވެސް ފައިދާއެއް ނުކޮށް، އެހެންމީހަކު އެގަހުގައި އެޅި ހުރިހާ މިރުހެއް ވަރަށް ފަސޭހައިން ބިނދެގެން ގެންދިޔައީއެވެ. އަހަރެންގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މިފަދަ ވިޔާނުދާ ކަމެއް ކުރީ ކާކުކަމެއްވެސް ނޭނގެއެވެ. މިކަހަލަ ކަންތައް ކުރަން ހެޔޮވާނެހެއްޔެވެ. އަހަރެން އެތައް ދުވަހެއް ވަންދެން ކުރި ބުރަ މަސައްކަތް، މިގޮތައް ވަގައް ގެންދަން އެއްޗެކޭ ހިތައްވެސް ނޭރި ވިއްޔާއެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އެންމެ ފުރަތަމަވެސް އަހަރެން ތުހުމަތު ކުރީ އަހަރެންގެ އަވައްޓެރިޔާއަށެވެ. އޭނާގެ ގެއަށްގޮސް އޭނާގާތުން އަހަރެންގެ މިރުސްގަހުގެ މިރުސްތައް ބިނީމުތޯ އެހީމެވެ. އޭނާ ނޫނެކޭ ބުނުމުންވެސް އަހަރެން ޤަބޫލެއް ނުކުރަމެވެ. އޭނާ ނޫން މީހަކު އެފަދަ ކަމެއް ނުކުރަނެކަމަށް ބުނެ އޭނާއާ ޒުވާބު ކުރަން ފެށީމެވެ. އަދި އޭނާވެސް ދިފާޢުގައި އަހަންނަށް ރައްދުދީ ބޮޑު ޒުވާބެއް އުފެދި އަޑުގަދަވިއެވެ. އަހަރެމެންގެ ޒުވާބުގެ އަޑަށް ކައިރީ ގޭގޭގައި ދިރިއުޅޭ މީހުންވެސް އައެވެ، އަދި އަހަރެމެން ހުއްޓުވޭތޯވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަހަންނެއް ނުހުއްޓަމެވެ. މިގޮތުން އަހަރެމެން ހުއްޓުވަން އައި އެހެން އަންހެނުން ތަކަކާއިވެސް އަހަރެން ޒުވާބުކުރީމެވެ. މިއަޑުފައްގަނޑަށް އަހަރެންގެ އަޒޫވެސް އެގޭދޮށަށް އައެވެ، އަދި އަހަރެން ގަދަކަމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ގެންދިޔައެވެ. އަހަރެން އެއިތުވެސް ހުރީ ވަރަށްބޮޑަށް ރުޅިގަދަވެފައެވެ. އެހެންކަމުން އަޒޫއާ ދިމާއަށްވެސް އަހަންނަށް އެއްޗެހި ކިޔުނެވެ. ނަމަވެސް އަޒޫ އަހަންނަށް ނަސޭހަތްތެރިވަމުން ދިޔައެވެ. ހަޤީޤަތެއް ނޭނގި އެހެންމީހުންނަށް ތުހުމަތު ނުކުރުމަށާއި އަދި ރުޅި މަޑުކުރުމަށް ނުހަނު ލޯތްބާއެކު އެދެމުން ދިޔައެވެ. އަހަރެން ހުރީ އޭގެން އެއްވެސް ނަސޭހަތެއް އަޑުއަހާވަރަށްވުރެ ރުޅިގަދަވެފަ އެވެ. އެހެންކަމުން އަހަރެން ބުނީމެވެ. “އަޒޫ އަހަންނަށް ނަސޭހަތް ދޭނެ ކަމެއް ނެތެވެ، އަޒޫއަށް ވުރެ ބޮޑީ އަހަންނެވެ، އަހަންނަށް އިނގޭ އަހަރެންގެ ގަސްތަކުގެ ހުރިހާ މިރުހެއް ބިނީ އޭނަކަން، އެހެންވީމަ އަހަންނަކަށް ނަސޭހަތެއް ދޭނެކަމެއް ނެތެވެ.” ދެރަވެފައި ވަރުބަލި ކަމާއެކު އަޒޫ އަހަރެންގެ މޫނަށް ބަލައިލިއެވެ، އަދި ބުންޗެވެ. “މަންމާއެވެ. އަހަރެން މަންމައާއެކު ސުވަރުގޭގައި ގަނޑުވަރެއްގައި އުޅެން ބޭނުމެވެ. މަންމަ ތިގޮތަށް އަބަދު ވައްޓެރިންނާއި ޒުވާބުކޮށް މީހުންނަށް ދޮގު ތުހުމަތު ކުރަންޏާ، ސުވަރުގެއިން އަހަރެމެންނަށް ގަނޑުވަރެއް ލިބޭނީ ކިހިނެއްހެއްޔެވެ.”

އެރޭ އިޝާނަމާދު ނިންމާފައި އަޒޫ އަހަރެންގެ އަވައްޓެރިޔާގެ ގެއަށް ދިޔައެވެ، އަދި އޭނާގާތު ބުންޏެވެ “ދައްތާއެވެ، އަހަރެންގެ މަންމައަށް މަޢާފު ކޮއްދޭށެވެ. މަންމައަކީ ގޯސް މީހެއް ނޫނެވެ، އަހަރެން މަންމަގެ ފަރާތުން މަޢާފަށް އެދެމެވެ، އަހަންނަށްޓަކައި އަހަރެންގެ މަންމައަށް މަޢާފު ކޮށްދޭށެވެ.” އޭނާ އަހަންނަށް މަޢާފު ކޮއްފީމޭ ބުނުމުން ދެން އޭނާ ދިޔައީ އެއާއި ޖެހިގެން ހުރި ގެއަށެވެ، އަދި އެގޭގައި ދިރިއުޅެ މީހުން ގާތުގައިވެސް ހަމަ މިހެން ބުންޏެވެ. އަދި އެމީހުން އަހަންނަށް މަޢާފު ކޮށްފީމޭ ބުނަންދެކަށް އަޒޫ އެމީހުން ގާތުން މަޢާފަށްއެދި އާދޭސް ކުރިއެވެ. މިގޮތަށް ފަހަރަކު ގެއަކަށް ދަމުން ގޮސް އަހަރެން އެދުވަހު ޒުވާބުކުރި އެންމެންގެ ގެއަށް އަހަރެންގެ ދަރިފުޅު ދިޔައެވެ، އަދި އެ އެންމެންގެ ކިބައިން އަހަންނަށް މަޢާފު ކުރުމަށް އެދި އާދޭސް ކުރިއެވެ. އަދި އެމީހުން އަހަންނަށް މަޢާފު ކޮށްފީމޭ ނުބުނަނީސް ނުނިކުމެއެވެ. އެރޭ އޭނާ ގެއަށް އައި އިރު 9:30 ވަނީއެވެ. ގެއަށް އައުމުން އެހާ ލަސްވީ ކީއްވެތޯ އަހަރެން ސުވާލު ކުރުމުން ވަރަށް އުފަލުން އޭނާ ބުންޏެވެ. “އަހަރެން މިއައީ ހުރިހާ އަވައްޓެރިންގެ ކިބައިން މަންމައަށް މަޢާފު ކުރުމަށް އެދިފައެވެ، އަދި އެއެންމެން މަންމައަށް މަޢާފުވެސް ކޮށްފިއެވެ.”  އަހަރެން އަނެއްކާވެސް ރުޅިއައެވެ، އަދި ބުނީމެވެ “އަހަރެންގެ ގަސްތަކުން އެމީހުން ވައްކަން ކުރީމަ އަދިވެސް އަޒޫ އެމީހުންކައިރިން މަޢާފަށް އެދެނީހެއްޔެވެ! އަހަރެން މަޢާފަށް އެދެން ޖެހޭވަރު ކަމެއް ނުކުރަމެވެ، ދެން އަޒޫ ކީއްކުރަންހެއްޔެވެ އެމީހުން ކައިރިން.” މިހެން ބުނުމަށްފަހު އަހަރެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލީމެވެ. އެރޭ އަޒޫ އަހަރެންގެ ކޮޓަރީގެ ދޮރުގައި ވަރަށް ޓަކިޖެހިއެވެ، އަދި ދޮރުހުޅުވުމަށް އެދި ރޮއެފައި ވަރަށް އާދޭސް ކުރިއެވެ، އަދި އޭނާއާ ވާހަކަ ދެއްކުމަށް އެދުނެވެ. މަޢާފު ކުރުމަށް އެދި އަހަރެންގެ ދަރިފުޅު ދޮރުކައިރީގައި އެތައް އިރެއްވަންދެން ރޯން ހުއްޓެވެ. އަދި ބުނެޏެވެ. “މަންމާއެވެ. އަހަރެން އެމީހުން ގާތުން މަންމައަށް މަޢާފު ކުރުމަށް އެދުނީ މަންމަދެކެ ލޯބިވާތީއެވެ. މަންމާއެވެ. މަންމަ އެމީހުންނާ ޒުވާބުކޮށްފައި، އެމީހުން މަންމަދެކެ ނުރުހިފައި ތިއްްބައި މަންމަ މަރުވެދާނެތީ، އަދި އެކަމުގެ ސަބަބުން މަންމައަށް އަޒާބެއް ލިބިދާނެތީ އަހަރެން ބިރުގަނެއެވެ. މަންމައަށް ކުޑަވެސް އަޒާބެއް ލިބޭކަށް އަހަރެން ނޭދެމެވެ. މަންމާއެވެ. އިންސާނުން މަހުޝަރު ދުވަހު ތިބޭނީ އެމީހަކު އެންމެ ލޯބިވާ މީހަކާ އެކުގައޭ ބުނާތީ އަހަރެން އެހީމުއެވެ، އަހަރެން އެންމެ ލޯބިވަނީ މަންމަދެކެއެވެ، އަދި ސުވަރުގޭގައި މަންމައާއެކު ގަނޑުވަރެއްގައި ވުން އަހަރެން ވަރަށް ބޭނުމެވެ. މަންމާއެވެ. މަންމަގެ ގަސްތަކުން ވައްކަންކުރީ އެމީހުންކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ އެމީހުން މިރުސް ބިންނަނިކޮށް މަންމައަކަށް ނުފެނޭނޫންހެއްޔެވެ، އެހެންވީމައި އެގޮތަށް ބައެއްގެ ބޮލުގައި ވަގު ތުހުމަތު އެޅުވުމަކީ ކިހައި ގޯސް ކަމެއްހެއްޔެވެ. މަންމާއެވެ. މަންމައަކީ ރަށުގެ އެންމެންނާވެސް ގުޅޭ ރަނގަޅު ރުޅިމަޑު މީހަކަށް ވާ ދުވަސް ބަލަން އަހަރެން ބޭނުމެވެ، އެދުވަހަކުން އަހަރެން ވަރަށް އުފާވާނެއެވެ. ހެޔޮނުވާނެއެވެ. އަހަންނަށް މަޢާފު ކުރާށެވެ، އަދި އަހަންނާ ވާހަކަ ދައްކާށެވެ. މަންމާއެވެ. ތިއޮތީ ނުވެސް ކައި ނޫންހެއްޔެވެ. އަހަންނާއެކު ކާން އަންނާށެވެ. މަންމަ ނުކަންޏާ އަހަންނަކަށްވެސް ނުކެވޭނެއެވެ. އާދޭސް ކޮށްފައި ބުނަމެވެ. މަންމާއެވެ. ނުކައި އޮތީމައި މަންމަ ބަލިވެދާނެއެވެ. މަންމަ ބަލިވީމަ، މަންމަގެ ބަނޑުގަ ރިއްސީމަ އަހަރެން ވަރަށް ދެރަވެއެވެ، އަހަންނަށް ވަރަށް ރޮވެއެވެ، މަންމާއެވެ، މިދޮރު ހުޅުވާށެވެ. އަހަރެން ދެން މަންމަ ނުރުހޭނެ އެއްވެސް ކަމެއް ނުކުރާނަމެވެ.”

މޮގޮތަށް އެތައްއިރެއް ވަންދެން އާދޭސް ކޮށްފައި އެންމެފަހުން ހުއްޓާލާފައި ދިޔައީ ނިދާށެވެ. ހަޤީޤަތަށް ބުނަންޏާ، އޭނާގެ އާދޭސް އަޑުއަހާފައި އަހަރެން ވަރަށް ދެރަވެސް ވިއެވެ. އަދި ދޮރު ހުޅުވަންވެސް ބޭނުންވިއެވެ. އެހެނަސް، އަހަންނަކީ ގޮތްދޫނުކުރާ މީހެއްކަމުން އެ އާދޭސްތަކަށް ބީރުކަންފަތެއް ދިނީއެވެ. އޭނާ ދެރަވާނެވަރު ވެސް އަހަންނަށް އިނގެއެވެ. އަހަރެން ނިންމީ އަނެއް ދުވަހު ހެނދުނު އޭނާއާ ރީތިކޮށް ވާހަކަދެންކުމަށެވެ. އަހަރެން ހިތައް އެރިއެވެ. ‘މިރޭ ދެން އަޅާނުލާނީއެވެ، މާދަމާ ރީތިކޮށް ވާހަކަ ދައްކައި، އޭނާ ހަމަޖައްސާނީއެވެ.”

ނަމަވެސް……. އަނެއް ދުވަހު އޭނާއާ ވާހަކަ ދައްކާކަށް އަހަންނަކަށް ފުރުސަތެއް ނުލިބުނެވެ. އަދި ދެން ދުވަހަކުވެސް އޭނާއާ ވާހަކަ ނުދެއްކޭނެއެވެ. ވާހަކަ ދައްކާނީ ކިހިނެއްތޯއެވެ. އެރޭ ނިދީގައި، އަހަރެންގެ ލޯބިވާ ދަރިފުޅު، އަހަރެން ދެކެ އެންމެ ލޯބިވާ، އަދި އަހަންނަށް އެންމެ ހެޔޮއެދޭ، އަދި އަހަންނާއެކު ސުވަރުގޭގައި ގަނޑުވެރެއްގައި އުޅުމަށް އެދޭ ދަރިފުޅު، މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އަހަރެންގެ ދަރުފުޅު އެދުވަހު ނުހޭލައެވެ. އަދި ދެން ދުވަހަކުވެސް ނުހޭލާނެވެ. އޭނާ މިދުނިޔޭގައި ހޭދަކުރި އެންމެ ފަހު ދުވަހުވެސް މަސައްކަތް ކޮށްފައި ވަނީ އަހަރެންގެ އާޚިރަތް ބާއްޖަވެރި ކުރުވޭތޯއެވެ. އަހަރެންގެ ދެލޮލުގެ ނޫރު ގެއްލުނީ އަހަރެންގެ އާޚިރަތް ނޫރުން ފުރާލެވޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހު ވަގުތުގައިވެސް އަހަރެންގެ ރުހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އަހަރެންގެ ކިބައިގައިވާ ގޯސް ސިފަތަށް އިސްލާހު ކުރުމަށް ނަސޭހަތްތެރި ވަމުންނެވެ.

އާއެކެވެ. އަހަރެންގެ ލޯބިވާ ދަރިފުޅު މިދުނިޔެ ދޫކޮށް އެދިޔައީ، އަހަންނަށް ޓަކައި އެންމެންގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި އެންމެންގެ ރުހުން އަހަންނަށް ހޯދައިދީފައެވެ. އެއަށްފަހު އަހަރެން ދުވަހަކުވެސް އެއްވެސް މީހަކާއި ޒުވާބެއް ނުކުރަމެވެ. އަދި ރުޅިގަދައެއްވެސް ނުކުރަމެވެ. އަހަރެން އެއަށްފަހު އުޅެނީ އެންމެންނާވެސް ގުޅިގެންނެވެ. އެކަކުގެ ވާހަކަ އަނެކަކު ކައިރީގައި ދައްކައި، ދޮގު ހަދައި، އަދި ނޭނގޭ ކަންތަކުގައި މީހުންނަށް ތުހުމަތު ކުރުން ފަދަ ނުބައި ހުރިހާ އާދައެއް މުޅިން ދޫކޮށްލައިފީމެވެ. މިއަދު އަހަރެންގެ އަޒޫއަށް އަހަރެން ފެނިއްޖެނަމަ ވަރަށް އުފާވާނެއެވެ. މިއަދު އަހަންނަކީ އޭނާ ދެކެން ބޭނުންވިފަދަ މަންމައެކެވެ. ހެޔޮލަފާ ދަރިންނަކީ ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ. އަހަރެންގެ މިޒާޖަށް މިއައި ބަދަލަކީ އަހަރެންގެ ދަރިފުޅު އަހަންނަށް ޓަކައި ކުރި ދުޢާއާއި، އަދި އަހަރެން އިސްލާޙު ކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެދަރިފުޅު ނެތުމުން އަހަރެން އަބަދުވެސް ހިތާމަ ކުރާނަމެވެ، އެހެނަސް އެދަރިފުޅުގެ ސަބަބުން އަހަންނަށް އައި ބަދަލަށްޓަކައި އަހަރެން އަބަދުވެސް އުފައު ކުރާނަމެވެ، އަދި އެދަރިފުޅުގެ ފުރާނައަށް ރަޙުމަތް ލެއްވުމަށްއެދި ދުޢާ ކުރާނަމެވެ. އަޒޫ ފަދައިން، އަހަރެންވެސް އަޒޫއާއެކު ސުވަރުގޭގައި ގަނޑުވަރެއްގައި ދިރިއުޅުމަށް އެދެމެވެ.

ކަން މިހެން ހުރި ނަމަވެސް، އަހަރެން އަދިވެސް ދެރަވާ އެއްކަމެއް އޮވެއެވެ. އެއީ، އެރޭ އަޒޫ ރޮއެ އާދޭސް ކޮށްފައި އޭނާއާ ވާހަކަ ދެއްކުމަށް އެދުނުއިރުވެސް، އެންމެ ފަހު ފަހަރަށްވެސް އަހަންނަށް އޭނާއާ ވާހަކަ ނުދެއްކުނީތީއެވެ. އެންމެ ފަހު ވަގުތުވެސް އަހަރެންގެ ކިބައިން އޭނާއަށް އިވިގެން ދިޔަ ބަސްތަކަކީ ނުރުހުމުގެ ބަސްތަކަކަށް ވީތީއެވެ. އޭނާ ހިތްހަމަ ޖައްސައި ނުދެވުނީތީ އެކަމުގެ ހިތާމަ އަހަރެން އަބަދުވެސް ކުރާނަމެވެ. ކިތަންމެ ބޭނުން ވިޔަސް ދެން އަހަންނަށް ދުވަހަކުވެސް އަޒޫ އަކާ ވާހަކައެއް ނުދެއްކޭނެއެވެ. އެންމެ ފަހަރަކު ނަމަވެސް، އަހަރެންގެ އަޒޫއާ ވާހަކަ ދެއްކޭނެނަމަ، އަހަރެންގެ ދެލޮލުގެ ނޫރުކައިރީ ބުނަން ބޭނުމެވެ. “އޭ ލޯބިވާ ދަރިފުޅާއެވެ. މަންމައަށް މަޢާފު ކުރާށެވެ. މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވެއެވެ. އަދި ދަރިފުޅު ފަދައިން މަންމަވެސް ދަރިފުޅާއެކު ސުވަރުގޭގައި ގަނޑުވަރެއްގައި ވުމަށް އެދެމެވެ، އޭ ދަރިފުޅާއެވެ. ބަލާބަލާށެވެ. މަންމަ މިހާރު އެއްވެސް މީހަކައި ޒުވާބެއް ނުކުރަމެވެ. އަދި އެއްވެސް މީހެއްގެ ވާހަކައެއް ނުދައްކަމެވެ. މަންމަގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ ހަށިގަނޑާއެކު މަންމަގެ ހުރިހާ ނުބައި ސިފަތަކެއް ވަޅުލައިވީމެވެ. މަންމަގެ ލޯބިވާ ދަރިފުޅާއެވެ. މަންމަ ދަރިފުޅުމަތިން ވަރަށް ހަނދާންވެއެވެ. އަދި މަންމަ އެންމެ ލޯބިވަނީ ދަރިފުޅުދެކެއެވެ. މަންމަގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅާއެކުގައި ވާނެ ދުވަހެއްގެ އިންތިޒާރުގައި މަންމަ ކެތްމަދުވެފައި ވީމުއެވެ. މަންމަ ދަރިފުޅު ދެކޭހިތްވެއެވެ. ދަރިފުޅުގެ ބޮލުގައި ފިރުމާލައި، މަންމަގެ އުނގުގައި ދަރިފުޅު ކުޑައިރު ނިންދެވިފަދައިން ނިންދަވާހިތްވެއެވެ. މަންމަގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު މަންމާއޭ ކިޔާފައި ގޮވާލާއަޑު އަހާލަން މަންމަ ބޭނުމެވެ، އެހެނަސް ދެންއެއަޑު ނުއިވޭނެކަން ހަނދާންވުމުން މަންމައަށް ރޮވެއެވެ. ދަރިފުޅާއެވެ. މަންމަ ކެތްތެރިވާނަމެވެ. ދަރިފުޅާއި ދެން ބައްދަލު ވާނެ ދުވަހަކަށް މަންމަ ކެތްތެރި ވާނަމެވެ…..”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.