ނިކަމެއްޗަކަށް އަނިޔާވެރި ވުމުން ދެއްކެވި ވޭންދެނިވި ބަދަލު……

މިއީ ހަޤީޤީ ވާހަކައެކެވެ. އަލްއިމާމުއް ޛަހަބީ رحمه الله ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނަށް ބަޔަކު މީހުން ކިޔައިދިނެވެ.

ކޮނޑުހުޅާ ހަމައިން އަތް ބުރިކޮށްފައިވާ، މީހަކު މަގުމަތީގައި ހުރެ މީސްތަކުންނާއި މުޚާޠަބުކޮށް ގޮވަމުން ދިޔައެވެ. ތިމަންނާ އަށް ބަލާ ޢިބުރަތް ލިބިގަންނާށެވެ. އެއްވެސް މީހަކު އަނެކާއަށް އަނިޔާވެރި ނުވާށެވެ. ތިމަންމެން އޭނާގެ ގާތަށް ގޮސް ބުނީމެވެ. އޭ އަޚާއެވެ. ތިބާގެ ވާހަކަ ނިކަން ކިޔައިދީ ބަލާށެވެ.

އެމީހާ ބުންޏެވެ. ތިމަންގެ ވާހަކައަކީ ވަރަށް އަޖާޢިބު ކުރުވަނިވި ވާހަކައެކެވެ. ތިމަންނާ އަކީ މީސްތަކުންނަށް އަނިޔާވެރިވަމުން ދިޔަ ޖަމާޢަތެއްގެ މީހަކީމެވެ. އެއްދުވަހަކު މީހަކު ވަރަށް ބޮޑު މަހެއް ހިފައިގެން ދާ މަންޒަރު ތިމަންނާއަށް ފެނުނެވެ. ތިމަންނާ އެ މަސް ބޭނުންވިއެވެ. އެމީހާގެ ގާތަށް ގޮސް ތިމަން ބުނީމެވެ. ތިމަސް ތިމަންނާއަށް ދޭށެވެ. އެމީހާ ބުންޏެވެ. ތިމަން މިދަނީ މިމަސް ވިއްކައިގެން ލިބޭ ފައިސާ އިން ތިމަންގެ ދަރިންނަށް ކާބޯތަކެތި ގަންނާށެވެ. ތިމަން އޭނާގެ ގައިގާ ތަޅާއަނިޔަށްކޮށް ގަދަކަމުން އެމަސް އަތުލީމެވެ.

މަސް ހިފައިގެން ދަނިކޮށް، ތިމަންގެ އަތުގެ އިނގިލީ ގައި މަސް ދަތް އެޅިއެވެ. ވީ ތަދެއްގެ ބޮޑުކަމުން ތިމަން ހޭނެތުނު ހެން ހީވިއެވެ. އަދި ތިމަން ގެ އަތް ވަރަށް ބޮޑަށް ދުޅަވެގެން ދިޔައެވެ. އަނެއް ދުވަހު ޑަކްޓަރުގެ ގާތަށް ގޮސް އިނގިއްޔަށް ތަދުވާ ވަރުން ކެތްކުރަން ދަތި ވާހަކަ ބުނީމެވެ. ޑަކްޓަރު ބުންޏެވެ. އެއީ އެ މަސް ދަތް އެޅުމުގެ ސަބަބުން ވާ ތަދެކެވެ. އެ އިނގިލި ބުރިކޮށް ނުލައިފިނަމަ ޖެހޭނީ އަތް ބުރިކޮށްލާށެވެ.

ޑަކްޓަރު އެހެން ބުނެ ތިމަން ގެ އިނގިލި ބުރިކޮށްލިއެވެ. އެއާއި އެކުވެސް އަތަށް ތަދުވާވަރުން ތަނެއްގައި ހަމަޖެހިލައިގެން އޮވެވޭ ވަރެއް ނުވެއެވެ. ތިމަން ގާތު ބުނެވުނެވެ. ތިބާގެ އަތުގެ ކުޑަހުޅުން ބުރި ކޮށްލާށެވެ. ނޫންނަމަ މުޅިއަތަށް ތަދުފެތުރޭނެއެވެ.

އެގޮތަށް ޢަމަލު ކުރުމުން ވެސް ތަދު ކަނޑައިގެންދާ ގޮތެއް ނުވިއެވެ. ތަދު ވީ ހަސްތަހާ ބޮޑެވެ. ފުރަތަމަ ފަހަރަށް ވުރެ ވެސް ތަދު ބޮޑުވެގެން ދިޔައެވެ. ޑަކްޓަރު ބުނީ އަތް ކޮނޑުހުޅުން ބުރިކޮށް ނުލައިފިނަމަ މުޅިހަށިގަނޑަށް ތަދުފެތުރިގެން ދާނެކަމުގައެވެ.

ބަޔަކު ތިމަންގެ ގާތުގައި ބުންޏެވެ. ތިމަން ފެށެން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ ތިމަން އެމީހުންނަށް އެ މަހުގެ ވާހަކަ ކިޔައި ދިނީމެވެ. އެމީހުން ބުޏެވެ. އެންމެ ފުރަތަމަ ވެސް މަސްވެރިޔާގެ ގާތަށް ގޮސް އޭނާގެ ފަރާތުން ހިތްހަލު ހޯދިނަމަށް ތިކަން ތިގޮތަށް ނުވީހެވެ. ތިބާގެ ހަށިގަނޑުގެ ގުނަވަނަކަށް ފަހު ގުނަވަނެއް ބުރިކުރާކަށް ނުޖެހުނީހެވެ. ތިބާގެ މުޅިހަށިގަނޑަށް ތަދުފެތުރުމުގެ ކުރިން އަވަހަށް އެމީހާގެ ގާތަށް ގޮސް އެމީހާގެ ހިތް ހަލާލު ހޯދާށެވެ. އެމީހާ ރުއްސާށެވެ.

އޭނާ ހޯދުމަށްޓަކައި ތިމަން އެއްރަށުން އަނެއް ރަށަށް ދަތުރު ފެށީމެވެ. އޭރު އެތަދު ވަނީ މުޅި ހަށިގަނޑަށް ފެތުރިފައެވެ. ފަޔާ ހަމަޔަށް ފޯރާފައެވެ. އެމީހާ އާއި ބައްދަލުވުމުން ދެފައިގާ ހިފައި ރޮއި އާދޭސްކޮށް މަޢާފަށް އެދުނީމެވެ. މާތް ﷲ އަށްޓަކައި މަޢާފު ކުރުމަށް އެދުނީމެވެ.

އޭނާ ބުންޏެވެ. ތިބާއަކީ ކާކު ހެއްޔެވެ. ތިމަން ބުނީމެވެ. މިއީ ތިބާގެ އަތުން ގަދަކަމުން މަސް އަތުލި މީހާއެވެ. ތިމަންނާއަށް ވެގެން ދިޔަ ގޮތުގެ ވާހަކަ ކިޔައި ދިނީމެވެ.

ތިމަންގެ ޙާލަތު ފެނުމުން އޭނާ ބުންޏެވެ. ތިބާގެ ޙާލަތު ފެނި، ތިމަން ތިބާއަށް މަޢާފު ކޮށްފީމެވެ. ތިމަން އޭނާއަށް ބުނީމެވެ. ސާހިބާއެވެ. މާތް ﷲ އަށްޓަކައި ބުނެބަލާށެވެ. ތިމަން ތިބާގެ އަތުން ގަދަކަމުން އެ މަސްއަތުލުމުން ތިމަންގެ މައްޗަށް ދުޢާ ކުރީމު ހެއްޔެވެ؟ އޭނާ ބުންޏެވެ. އާއެކެވެ. ތިމަން ދެންނެވީމެވެ. “ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިމަންގެ ބަލިކަށިކަމުގެ މައްޗަށް އޭނާގެ ގަދަކަން ދައްކައި އަނިޔާވެރިވެ ތިމަންގެ ރިޒުޤު އަތުލިފަދައިން، އިބަރަސްކަލާނގެ ކުޅަދުންވަންތަކަށް އޭނާގެ މައްޗަށް ދައްކަވާނދޭވެ!”

ތިމަން އެމީހާއަށް ބުނީމެވެ. އޭ ސާހިބާ އެވެ. އެކަލާނގެ ގަދަފަދަ ވަންތަކަމާއި، ކުޅަދުންތަކަން ތިމަންނާއަށް ދައްކަވައިފިއެވެ. ތިމަން ތައުބާ ވެއްޖައީމެވެ. އިރާދަ ކުރެއްވިއްޔާ، ތިމަން ދިރި ދުނިޔޭގައި ހުރިހާ ދުވަހަކު އެ މީހުންގެ ކުރިމަތީގައި ހުރަހަކަށް ވާނަމެވެ. އަނިޔާ ލިބޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި ހުންނާނަމެވެ.

(كتاب الكبائر،113) ‎﴿وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ﴾‏ (سورة الشعراء 227) “ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوع ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.