
ބައްފަ
އެއްދުވަހަކު ޒުވާނަކު ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައިސް ޝަކުވާ ކުރަމުން ބުންޏެވެ. މާތް ސާހިބާއެވެ. އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ މުދަލުން އަޅުގަޑުގެ އިޡްނަ އާއި ނުލައި ބޭނުންކުރަނީ އެވެ. އަޅުގަނޑައް އެކަން ވަރަށް ބޮޑުކަމަކަށް ވެއްޖެ އެވެ.
މިކަމައް ޙައްލެއް ހޯއްދަވައި ދެއްވަފާނުތޯ އެވެ. އެހިނދު އިތުރު އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް އެޒުވާނާގެ ބައްޕަ އެތަނައް ހާޡިރުކުރުމަށް އަމުރުކުރެއްވި އެވެ. ބައްޕަ އެތަނައް ހާޡިރު ވުމުގެކުރިން ޖިބްރީލް ޢަލައިހިސަލާމް ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ.
ﷲގެ ޙަބީބް އެވެ. އެއަންނަ މުސްކުޅިމީހާ ހިތުގެތެރޭން ކިޔަމުން އެއަންނަ އެއްޗެއް އަޑުއައްސަވާލެއްވުމަށް މާތްﷲ ކަލޭގެފާނަށް އަމުރުކުރައްވަ އެވެ.
ކުޑައިރުކޮޅެއްގެތެރޭގައި އެއްކަލަ މުސްކުޅިމީހާ ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދަރުބާރައް އައިސް ހުއްޓުނެވެ. ހަމަ ހުއްޓުމާއިއެކު ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެ މުސްކުޅިމީހާއަށް ހަދީޘް ކުރެއްވި އެވެ.
ތިބާގެ މިފެންނަ ދަރިފުޅުގެ މުދަލުގައި ދަރިފުޅުގެ އިޡްނައާނުލައި ޖެހޭތީވެ އެދަރިފުޅު އެބަ ޝަކުވާ ކުރެ އެވެ. ނަމަވެސް އެމައްސަލަ ތިމަންކަލޭފާނު ބެލުމުގުކުރިން ތިބާ މިތަނައް އައިމަގުމަތީގައި ހިތުން ބުނަމުން ތިޔަ އައި ލަފްޒުތައް ނިކަން ތިމަންކަލޭފާނުގެ ކަންފަތްޕުޅައް އިއްވާލަފާނުތޯ އެވެ.
އެހިނދު މުސްކުޅިމީހާ ހައިރާންކަމާއިއެކު ބުންޏެވެ. މާތްސާހިބާ އެވެ. އަޅުގަނޑުގެ ދުލުން އެންމެ ލަފްޒެއްވެސް ބޭރު ނުކުރަމެވެ. ހިތައްއެރި އެއްޗެއް ހިތައްވެސް އެރީ ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަނަކަށް ހިލަންވެސް ނުވާހާ ސިއްރުންނެވެ. އަދި ހަމަ އެހިތުތެރޭގަ އެލަފްޒުތައް ކަފުންކޮށް ވަޅުލީވެސް ހަމަ އެހާމެ ސިއްރުންނެވެ. އެހެންނަމަވެސް ޢަރުޝީގައިވި ﷲ ކަލޭގެފާނައް އެކަމުގެ ޙަބަރު ދެއްވީތާ އެވެ.
ހަމަޔަޤިނުންވެ ތިޔައީ ﷲގެ ރަސޫލާކަމަށް އަޅުހެކިވަމެވެ. ދެން އޭނާ ކިޔާދެމުން ބުންޏެވެ.
މާތްސާހިބާއެވެ. އަޅުގަނޑު މިތަނައް އައި މަގުމަތީގައި ހިތައްއެރި އެވެ.
ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު އުފަންވި ދުވަހުންފެށިގެން ބައްޕަ އަމިއްލަ ނަފްސައްޓަކައި ދިރިއުޅުން ހުއްޓަލައި ދަރިފުޅައްޓަކައި ދިރިއުޅެން ފައްޓައިފީމެވެ.
ދުނިޔެ ދައްކަމުންދިޔަ ހޫނަކަށް އަދި ފިންޏަކައް ނުބަލައި ހުރިހާ މޫސުމެއްގައި ޙާލަތު ދިމާކުރި ކޮންމެ ނުރައްކާތެރި ހުރަހަކާއި ބައްޕަ ދަރިފުޅައްޓަކައި ކުރިމަތީލީ މެވެ. ބައްބަގެ ޒުވާންކަމާއި ސިއްޙަތު ދަރިފުޅައްޓަކައި ޤުރުބާން ކުރީމެވެ. ބައްޕަގެ ހުރިހާ ޖަޒުބާތެއް ކަފުންކޮށް ދަރިފުޅުގެ ތުންފަތުން ގެނުވާ އެންމެ ހިނިތުންވުމަކަށްޓަކައި ގެރިއެއްފަދައިން ހިމާރެއްފަދައި ބުރަމަސައްކަތުގައި ވެހޭ ބޯވާރޭގައި، ދިއްލާގަދަ އަވީގައި، ބަޑުހައި ހޫނުކަމުގެ ވޭނުގައި ބައްފަގެ ޒުވާންކަމުގެހަން ނޮޅާ ކުދިކުދި ކޮއްލީ މެވެ.
ދަރިފުޅަށް ކާންދީފަ މި ބައްޕަ ކިތަންމެދުވަހަކު ބަޑުހައި ހޫނުކަންމަތީ ހުރީމެވެ. ދަރިފުޅަށް ފެންދީފައި ބައްޕަ ކަރުހިކުން ކިތަންމެ ދުވަހަކު ތަހައްމަލް ކުރީމެވެ. ދަރިފުޅު ހިޔަލުގައި ބައިދައްވެގެން ބައްފަ އަވީގައި އިންނަމެވެ. ދަރިފުޅުގެ އުފަލައްޓަކައި ހާދަ ހިތާމައެއް މިބައްޕަ ތަޙަމަލް ކުރިމެވެ.
ބައްޕަގެ މުޅި ދިރިއުޅުން ދަރިފުޅައް ވަޤުފް ކުރީމެވެ. ބައްޕަ އަމިއްލަ ނަފްސައްޓަކައި ދިރިުޅުން މުޅިންހެން ހުއްޓަލައި ދަރިފުޅައްޓަކައި ދިރިއުޅެން ފައްޓައިފީ މެވެ. ދަރިފުޅު ބަލިވެއްޖެ ކޮންމެ ހިނދެއްގައި ދަރިފުޅުގެ ކައިރިން ގުޑާނުލައި އިނދެ މިބައްޕަ ހިތާމައިން ކުދިކުދިވެފަވާ މިހިތުން ދަރިފުޅައް ޝިފާދެއްވުމަށް އެދި ދުޢާކުރަ މެވެ.
އެހިނދު ދަރިފުޅުގެ ލޮލުން ވެއްޓޭ އެންމެ ކަރުނަފޮދެއްވެސް ބައްޕައައްޓަކައި ދުނިޔޭގެ ހުރިހައި ކަނޑަކައްވުރެ ބޮޑެވެ. އަދި ދަރިފުޅުގެ މޫނުމަތިން ފެންނަ އެންމެ ހިނިތުންވުމެއްވެސް ދުނިޔޭގެ ހުރިހައި އަލިކަމަކަށްވުރެ އައްޔެވެ. މިހާލުގައި ބައްޕަގެ މުޅިހަޔާތް ހުސްވެދިޔަ ގޮތެެއްވެސް ނޭންގެ އެވެ. މޫސުން ބަދަލުވެ އެވެ. އެކަމަކު ބައްޕަ ބަދަލެއްނުވަމެވެ. މީހުން ބަދަލުވެ އެވެ. އެކަމަކު ބައްޕަ ބަދަލެއްނުވަމެވެ. ޙާލަތު ބަދަލުވެ އެވެ. އެކަމަކު ބައްޕަ ބަދަލެއްނުވަމެވެ.
އެކަމަކު މިއަދު،..
ދަރިފުޅު ދެފައިމައްޗައް ކޮޅަށް ތެދުވެއްޖެ އެވެ. ބައްޕަގެ ކަކުލަކު ވަރެނެތެވެ.
ޒުވާންކަމުގެ ކުލަވަރު ދަރިފުޅުގެ ހަށިގަނޑު ވަށަލައިފި އެވެ. މުސްކުޅިކަން ބައްޕަގެ ކުލަ ފަނޑުކޮއްލަފި އެވެ.
ދަރިފުޅު ސީދާވެގެގޮސް ކުނބެއްފަދައިން ވެއްޖެ އެވެ. ބައްޕަ ލެނބިގެނގޮއް މުލަކެއްފަދައިން ވެއްޖެ އެވެ.
ދަރިފުޅު ޒުވާންވެ ވަރުގަދަވެއްޖެއެވެ. ބައްޕަ މުސްކުޅިވެ ވަރުދެރަވެއްޖެ އެވެ.
އެހިނދު ބައްޕަ ހިތައްއެރިއެވެ. ބައްޕަ މި ދަރިފުޅު އުރައިގެން އުޅުނީމެވެ. ބޮލައްލައިގެން އުޅުނީމެވެ. ކޮނޑައްލައިގެން އުޅުނީމެވެ. އެހެންކަމުއް ބައްޕަ މުސްކުޅިވާދުވަހު ބައްޕަގެ ގެ ސަހާރާ އަކަށް މި ދަރިފުޅު ވާނޭކަމަށް ބައްޕަ އުންމީދު ކުރީމެވެ. ބައްޕަ އެދަރިފުޅުގެ އަސާގަނޑަށް ވިފަދައިން ބައްޕަގެ އަސާގަނޑަކަށް ވާނޭ ކަމަށް އުންމީދު ކުރީމެވެ.
ނަމަވެސް..
މި ނިކަމެތި ބައްޕަ ފެންނަ ކޮންމެފަހަރަކު ދަރިފުޅުގެ ލޯ ބޮޑުވެ ނިތްކުރިޔާ ހަމަޔައް ފޯރަ އެވެ.
ދަރިފުޅުގެ އުޅުން ބަދަލުވެއްޖެ އެވެ. ދަރިފުޅު ބައްޕައާއި ދިމާލަށް ބަލަނީ ނޯކަނަކަށް ބަލާފަދައިންނެވެ. ފަޙުރުވެރި ބައްޕައަކަށް ވެވިފައި ވާކަމުގެ އިހުސާސް ބައްޕަގެ ހިތުން ފުހެވި އަސްލުވެސް ނޯކަރެެއްކަމުގެ އިހުސާސް ކުރެވިއްޖެ އެވެ.
އެންމެ ކުޑަމިނުން ދަރިފުޅު ބައްފަ އާއިމެދު އަވައްޓެރިއެއްފަދައިން ދެކުނުނަމަ އެވެ. އޭރުން އަވައްޓެރިއެއްގެ ޙާލު ބަލާލާ ފަދައިން ބައްޕަގެވެސް ޙލު ބަލައިލިސް ތާ އެވެ.
މިހާހިސާބަށް ވާހަކަ ދިޔައިރު ކީރިތިކުރައްވަމުންގޮސް ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ ތުނބުޅިފުޅު ތެމި ފޯވެއްޖެ އެވެ. އަދި އިތުރު އެކަލޭގެފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވަމުން ޒުވާނާ އަށް ހަދީޡް ކުރެވިއެވެ. “ ތިބާ ތިމަންކަލޭގެފާނުގެ ކުރިފުޅުމަތިން ދުރައްދާށެވެ. ހަމަކަށަވަރުން ތިބާއަކީވެސް ތިބާގެ މުދަލަކީވެސް ތިބާގެ ބައްޕަގެ މިލްކެކެވެ.



