ޚަބަރު ފީތާ

މަރްޙޫމާ ފަރީޝާ އިބްރާހީމްގެ ޖަނާޒާ ބޭއްވިއްޖެ

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މ.އެންދެރިމާގޭ އަލްފާޟިލާ ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު، އަލްމަރްޙޫމާ ފަރީޝާ އިބްރާހީމްގެ ޖަނާޒާ އިއްޔެ ހަވީރު ޢަޞްރު ނަމާދަށްފަހު ސިންގަޕޫރުގައި ބޭއްވިއްޖެއެވެ.

މަރްޙޫމާ ފަރީޝާގެ މައްޗަށް ކުރެވުނު ކަށުނަމާދު އިމާމުވެ ކުރެއްވީ ރައީސް މައުމޫނެވެ.

މި ކަށުނަމާދުގައި މަރްޙޫމާ ފަރީޝާ އިބްރާހީމްގެ ޢާއިލާގެ ކުދިބޮޑު ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެތެރޭގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި، އަލްމަރްޙޫމާ ފަރީޝާ އިބްރާހީމްގެ ފިރިކަލުން އޮނަރަބަލް އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކާއި، އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމްގެ ދެކަނބަލުންނާއި، އޮނަރަބްލް އަލްފާޟިލް އިލްޔާސް އިބްރާހީމްގެ ދެކަނބަލުން ހިމެނިވަޑައިގަތެވެ. އަދީ މީގެއިތުރުން، ކުރީގެ ހެލްތު މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲގެ ދެކަނބަލުންނާއި، މަރްޙޫމް އޮނަރަބްލް ޢަލީ ޢުމަރު މަނިކުގެ އަނބިކަނބަލުން އަލްފާޟިލާ ހަފްޞާ ޙިލްމީއާއި، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބެސީގެ ފަރސްޓް ސެކްރެޓަރީ އަލްފާޟިލް ޢަބްދުލްމުންޢިމްއާއި، އެމްބެސީގެ މުވައްޒަފުންނާއި، އެސް.ޓީ.އޯ. ސިންގަޕޫރުގެ މެނޭޖަރުން ކަމުގައިވާ އަލްފާޟިލް އިސްމާޢީލް ވަޖީހް އާއި، އަލްފާޟިލް އަޙްމަދު އިޖްވާން އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލާ އަސްމާ ރަޝީދާއި، އެކަމަނާގެ ފިރިކަލުންނާއި، ހ.ކަރަންކާގޭ އަލްފާޟިލް މުޙަންމަދު ރަޝީދުގެ ދެކަނބަލުންނާއި، މ.އުނިމާގޭ އަލްފާޟިލް ޢަބްދުﷲ ރަޝީދުގެ ދެކަނބަލުންނާއި، ސިންގަޕޫރުގައި ދިރިއުޅުއްވާ ގިނަ ޢަދަދެއްގެ ދިވެހިންވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަތެވެ.

ސިންގަޕޫރުގެ ކުރީގެ ފޮރިން މިނިސްޓަރ (މިހާރުގެ ފޮރިން މިނިސްޓަރުގެ ސްޕެޝަލް އެންވޯއި) އޮނަރަބްލް ޒައިނުލް ޢާބިދީން ރަޝީދުވެސް މަރްޙޫމާ ފަރީޝާ އިބްރާހީމްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތެވެ.

ރޭ އިސްލާމީ މަރުކަޒުގައި ޢިޝާ ނަމާދަށްފަހު، މަރްހޫމާ ފަރީޝާ އިބްރާހީމްގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުންއޮތެވެ. މި ކަށުނަމާދުގައި ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

Rate this post