ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭ ފަޔާ ޑްރިލް އެއް މަޖީދިއްޔާ ސްކޫލްގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ރާއްޖޭގެ ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މަޖީދިއްޔާ ސްކޫލްގައި މިއަދު ހެނދުނު ދަންފަޅީގައި ވަނީ ފަޔާ ޑްރިލް އެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި މެންދުރުފަހު ފަހުގެ ދަންފަޅީގައި ވެސް ފަޔާ ޑްރިލް އެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު މާލެ އާއި އަތޮޅުތެރޭގެ 24 ސްކޫލެއްގައި ފަޔާ ޑްރިލްތައް ބޭއްވި ދަރިވަރުންނާއި މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފަ އެވެ.
އަދި މިއަހަރުގެ މިހާތަނަށް އަމީނިއްޔާ ސްކޫލް، ހުޅުމާލޭ ގާޒީ ސްކޫލް، އައްޑޫ ސިޓީ އިރުޝާދިއްޔާ ސްކޫލް، އަރަބިއްޔާ ސްކޫލް، ހިރާ ސްކޫލް، އަދި މުހްޔިއްދީން ސްކޫލްގައިވެސް ވަނީ ދެ ދަންފަޅީގައި ފަޔާ ޑްރިލް ކުރިއަށް ގެންގޮސްފަ އެވެ.
އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޑްރިލްތައް އިތުރު ސްކޫލްތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފަ އެވެ.
ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ކުއްލި ހާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރުކުރެވިފައި ވެއެވެ.
އަދި ސްކޫލަކަށް ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތާއި ތަމްރީނު ސްކޫލްތަކުގެ މުވައްޒަފުންނަށް ދީފައިވާ އިރު، ސްކޫލްގެ އެމަޖެންސީ އޮޕަރޭޝަން ޕްލޭން ގެ ދަށުން އެފަދަ ހާދިސާ ދިމާވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތާއި ބެހޭ ގޮތުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ މުވައްޒަފުންނަށް ވަނީ ތަމްރީނު ދީފަ އެވެ.
މީގެއިތުރުން، އެމްއެންޑީއެފް އާއި ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ސްކޫލްތަކުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ސްކޫލްތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސްކޫލްތަކަކީ ވަސީލަތް ހަމަ އަދި ދަރިވަރުންނަށް ރައްކައުތެރި ތަނަކަށް ހެދުމުގެ ގޮތުން މި އަހަރުގެ ދިރާސީ އާ އަހަރު ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށްފައިވާ އިރު، ދަރިވަރުން ސަލާމްތާއި ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ އެއް ތައްޔާރުކުރެވިފައި، 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 1 ގެ ދަރިވަރުންގެ ހެލްތު ސްކްރީން އަންނަނީ ކުރެވެމުންނެވެ.