އައިސީޓީގެ މުގައްރަރު ހަރުދަނާ ކުރުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މ. އަތޮޅަށް ވަޑައިގެންފި އެވެ.
ގައުމީ އާ މަންހަޖުގައި ހިމެނޭ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލަޖީ (އައިސީޓީ) ގެ މުގައްރަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި ސްކޫލްތަކާއި އެކު މަޝްވަރާކުރުމަށް، ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ ޓެކްނިކަލް ބޭފުޅުންނާއި އެކު މ. އަތޮޅުގެ ބައެއް ރަށްތަކަށް މިނިސްޓަރ ކުރައްވާ މި ދަތުރުފުޅުގައި އެކަމަނާ އެންމެ ފުރަތަމަ ވަޑައިގެންނެވީ މުލީގައި ހުންނަ މ. އަތޮޅު ތައުލީމީ މަރުކަޒަށެވެ.
އަދި މިއަދު ރަތްމަންދޫ ސްކޫލަށާއި، މަޑުއްވަރީ ސްކޫލަށް އަދި ދިއްގަރު ސްކޫލަށާއި ނާލާފުށީ ސްކޫލަށް ވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި އަތޮޅުތެރޭގެ ސްކޫލްތައް ގާތުން ބައްލަވައިލައްވައި، އައިސީޓީގެ މުގައްރަރު ބައްޓަންކުރުމުގައި ސްކޫލްތަކުގެ ހާލަތަށް ރިއާޔަތްކުރައްވާނެއެވެ.
މިނިސްޓަރ ގެ މި ދަތުރުފުޅުގައި މާދަމާ މ. އަތޮޅުގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާ، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ މަތި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.