ޚަބަރު ފީތާ

ކެހިވެރިޔާ (2)

ޙަޤީޤީ ވާހަކަ

މިވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. މިވާހަކައިގަ ބޭނުންކޮށްފައިވާ މީހުންނާއި ތަންތަނުގެ ނަން ވަނީ ބަދަލު ކޮށްފައެވެ.

އޭގެ ފަހުން ދެރޭ ވަންދެން އަހަންނަށް އެއްގޮތަކަށްވެސް ނުނިދެއެވެ. އަހަރެންގެ ސިކުނޑިތެރޭގައި ރޭވެމުންދިޔަ ރޭވުންތަކަށް ޢަމަލީ ސިފަ ގެނައުމާމެދު އަހަރެން ވަރަށް ފުންކޮށް ވިސްނީމެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އެކަން އެނގޭކަށް އަހަރެން ބޭނުންނުވާތީ އެމީހުންނަށް އަހަރެން ކުރަން އުޅޭ ކަމެއް ނުބުނެ އެމީހުންގެ ބޭނުން ހިފާނެ ގޮތަކާއިމެދު އަހަރެން ވިސްނީމެވެ.

ޖެހިގެން އައި ރޭ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ސުނީދުއާއި އަދިވެސް ދެތިން ރައްޓެއްސަކަށް ގުޅައިގެން ކޮފީއަކަށް ގޮސް ވަރަށް ދަންވަންދެން ތިބީމެވެ. އަދި އެރޭ ގާތްގަނޑަކަށް ދޭއްޖަންއުޅެނިކޮށް ސުނީދުއާއެކު އޭނާގެ ސައިކަލު ފަހަތުގައި އަހަރެން ގެއަށް އައިސް އޭނާ ކައިރީގަ މަޑުކޮށްދިނުމަށް ބުނެފައި ގެއަށްވަދެ ކަޅުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސަކާއި އަދި ކަޅު ބޫޓަކަށް އަރާ ބޮލުގައިވެސް ކަޅު [ވިގެއް] އަޅާ އަދި ކަޅުކުލައިގެ ދަބަހެއް ހިފައިގެން ނުކުތީމެވެ.

އަހަރެން ހުރި ގޮތް ފެނުމުން ސުނީދު ސުވާލެއް ނުކުރަނީސް އަހަރެން ވާހަކަ ފެށީމެވެ. އަހަރެން މިއުޅެނީ ކަޒިން އަކަށް [ސަޕްރައިސް] އެއް ދޭން ކަމަށާއި އެގެއަށް ގެންގޮސް ދިނުމަށް އެދުނީމެވެ. އަދި ސައިކަލުން ވަކި ހިސާބަކަށް ގޮސް މަޑުކުރުމަށް ބުނީމެވެ. އަދި އެގެ ހުންނަނީ ދިރާގް ޝޮޕްކައިރީގައި ކަމަށާއި އެހެންނަމަވެސް ސައިކަލުގެ އަޑު އިވިއްޖެއްޔާ [ސަޕްރައިޒް] ”ފަނިވާނެ“ ކަމަށާއި އޭނާ އަމީނިއްޔާ ސްކޫލާ ހިސާބުގައި މަޑުކުރުމަށް ބުނީމެވެ.

އަދި އަހަރެން އެހިސާބުން އެކަނި ހިނގާފަ ގޮސް ދިރާގު މޯބައިލް ޝޮޕް ކައިރީގައި ހުރި ގާރޑް ނިދާފަ ހުއްޓާ އޭނާއަށް ގޮވީމެވެ. އަދި ތިހިރީ ނިދާފަ ނޫންހޭ ބުނީމެވެ. އަހަރެން ބޭނުންވީ ގާޑަށް އަހަރެންގެ ސިފަ ފެންނާށެވެ. އަދި ކާރޑް ޖައްސަން ހުރި ތަނުގައި ކާރޑް ޖެއްސުމުން ދޮރު ހުޅުވުމުން އަހަރެން އެތަނަށް ވަނީމެވެ.

އަދި ކުރީ ދުވަހު ނިޝާމް އެތަނުގެ ވާހަކަ ދެއްކިއިރު ބުނިހެން ދިމާލަށް ހުރި ތިޖޫރީ ފެނިއްޖެއެވެ. އަދި ތަޅުދަނޑިހުރީ ތިޖޫރީގައި ޖަހާފައެވެ. އެއްވެސް ވަގުތެއް ހޭދަކުރުމެއް ނެތި އަހަރެން އަތުގައި އޮތް ދަބަސް ފުރެންދެން ލާރި އަޅާ ބަރުކުރީމެވެ. އެތަނުގެ ހުރި ހުރިހާ ފައިސާއެކެވެ. އަދި އަހަރެން ދޮރުން ބޭރަށް ނުކުމެ ހިނގަމުން ހިނގަމުން ގޮސް ޗާންދަނީ މަގާ ހަމައަށް ގޮސް ސުނީދުއަށް ގުޅީމެވެ.

އޭނާ އައުމުން އޭނާއާއެކު ސައިކަލުގައި އަހަރެން ގޮސް ގެއަށް ވަނީމެވެ. އޭރު ގަޑިން ތިނެއް ޖެހިނަމަވެސް ދަބަސް ގެއަށް ވެއްދުމަށްފަހު އަނެއްކާވެސް އަހަންނާއި ސުނީދު އާއި އަދިވެސް އިތުރު ރައްޓެހިންތަކެއް ދިޔައީ ކޮފީއަކަށެވެ. މިފަހަރު އައި. ޖީ. އެމް.އެޗްގެ ކެންޓީނަށެވެ. އަހަރެން އެގޮތަށް ކަންތައް ކުރީވެސް އެއްްވެސް މީހަކަށް އަހަރެންގެ މައްޗަށް ޝައްކުނުވާނޭ ހެންނެވެ.

އެންމެ ފަހުން ގާތްގަނޑަކަށް ފަހެއް ޖަހަން ކައިރިވެފައިވަނިކޮށް ގެއަށް ވަދެ ދަބަހުގައި ހުރި ލާރިތައް ގުނަން ފެށީމެވެ. އޭގައި ގާތްގަނޑަކަށް ދިހަ ލައްކައެއްހާ ރުފިޔާ ހުއްޓެވެ. އެލާރިތައް އެއްވެސް މީހަކަށް ނުފެންނާނެހެން ފޮއްޓަކަށް ލައި ފޮށީގެ ބޭރުން ތަޅު އެޅުވީމެވެ. އެއަށްފަހު އަހަރެން އެނދުގައި ޖައްސާލި ނަމަވެސް އަހަންނަށް އެއްގޮތަކަށްވެސް ނުނިދުނެވެ. އެއްވެސް މީހަކަށް ނޭނގި އެހާ ބޮޑުކަމެއް އަހަންނަށް ކުރެވުނު ކަމަށްޓަކައި އަހަރެން ހައިރާންވިއެވެ.

އަހަރެންގެ ރައްޓެހިންނާއި އަދި ޚުދު އަހަރެންގެ އަމިއްލަ ނަފްސަށްވެސް ސިއްރުން އެފަދަ ބޮޑުކަމެއް ކުރެވުނުކަން އަހަންނަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އަހަންނަށް ނުނިދުމުން އެދުނގެ އެއްފަރާތުގައި އޮތް އަހަރެންގެ ދަރިފުޅާއި އަންހެނުންނާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު އެމަޢުސޫމް ދެމައިންގެ މޫނަށް ބަލާފަ އަހަރެންނަކީ ކުށްވެރިއެކޭ ހިތަށް އެރިއެވެ. އަހަރެންގެ ލޯމެރޭތޯ މަސައްކަތްކުރީމެވެ. އެހެނަސް   ދުނިޔޭގެ އަރާމު ނިދިން މަހްރޫމުވި ކަހަލައެވެ. އެންމެ ފަހުން އެގޮތުގައި އެތަށް އިރެއްވީފަހުން އަހަންނަށް ނިދުނެވެ.

އަނެއް ދުވަހު ހޭލެވުނީ މެންދުރު ދޭއް ޖަހަން އުޅެނިކޮށެވެ. އަންހެނުންވެސް މިހާރަކަށް އައިސް އަހަރެން ނިދާފަ އޮތަަސް އަޅައެއް ނުލައެވެ. އަހަންނަށް ގޮވިއަސް ނުހޭލާތީކަމަށްވެސް ވެދާނެއެވެ. އެހެންނޫނަސް އެދެމައިންނާ އަޅާ ނުލާތީ ދެމީހުން ކުރި ޒުވާބަށްފަހު ނިޝް އަދިވެސް އަހަންނާ އަނގައިން ނުބުނެއެވެ. އެރޭ އަހަރެން ނިޝް ގޮވައިގެން ބޭރަށް ކާން ދިޔައީމެވެ.

އަދި އަހަރެން ނިޝް ކައިރިން މަޢާފަށް އެދުނީމެވެ. އެދެމައިންނާ އަޅާލާން ބޭނުންކަމަށާއި ރަނގަޅު ހަރުދަނާ މީހަކަށް ވާން ބޭނުންކަމަށާއި އެކަމުގައި ނިޝްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނީމެވެ. އެރޭ ނިޝްވެސް ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. އަހަންނަށް އެހާ ބޮޑު ބަދަލެއް އައީތީ އުފާކުރިއެވެ. އެހެންނަމަވެސް އަހަންނަކީ ކިހާބޮޑު ކުށްވެރިއެއްކަން އޭރު ނިޝްއަކަށް ނޭނގެއެވެ.

ކޮންމެއަކަސް ޖެހިގެން އައިދުވަހު އިންޑިޔާގައި ހުރި މަންމައަށް ފޯނުކޮށް ބައްޕަގެ ހާލުބެލީމެވެ. އަދި ލާރި ހިފައިގެން އިންޑިޔާއަށް ފުރީމެވެ. އަދި ބާކީ ހުރިލާރިތައް ހުރި ފޮށި ނިޝްއާ ހަވާލުކުރުމަށްފަހު އޭގައި އަހަރުމެންގެ ގޭގެ މުހިއްމު ލިޔުންތަކެއް ހުންނާނެ ކަމަށާއި އެފޮށި ރައްކާތެރިކަމާއެކު ބަލަހައްޓައިދިނުމަށް އެދުނީމެވެ.

އަހަރެންގެ އަތުގައި ހުރި ލާރިތައް ހިފައިގެން އިންޑިޔާއަށް ގޮސް ބައްޕަގެ ބޭސްފަރުވާގެ ހުރިހާ ކަންތަކެއް ހަމަޖެއްސީމެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު ބައްޕަ ނިޔާވީއެވެ. ބަރަކާތެއް ނެތް ޙަލާލުނޫސް ފައިސާތަކަކުން ބޭސްކުރީމަ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް އިންޑިޔާގައި މަހެއްހާ ދުވަސް ހޭދަކުރުމަށްފަހު އަހަރެން ރަށަށް އައީމެވެ. އެތަނުގައި ހުރިނަމަވެސް ރާއްޖޭގެ ޚަބަރުތައް ޓީވީން އަހަރެން ބެލީމެވެ. ދިރާގް މޯބައިލް ޝޮޕްގައި ހިނގި  ވައްކަންވެސް ޚަބަރުގެ ފަލަ ސުރުޚީއަށް އެރިއެވެ. ފުލުހުންގެ ތަހްޤީޤް ކުރިއަށްދާ ވާހަކައާއި އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ވާހަކައެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ހައްޔަރުކުރާނީވެސް ކިހިނެތްބާއެވެ! އެކަން ކުރީ އަހަންނެވެ.  ސިއްރު ސިއްރުންނެވެ. ޚުދު އަހަރެންގެ އަމިއްލަ ނަފްސަށްވެސް ސިއްރުންނެވެ.  އެކަމަކު އަހަރެންގެ ހިތް އަބަދުވެސް ތެޅެއެވެ. ބިރުގަނެއެވެ. އަހަންނަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އިހްސާސްކުރެވޭ ކޮންމެ ފަހަރަކު ﷲގެ ޙަޟްރަތަށް ބިރުވެތިވާ ހާލު ފާފަ ފުއްސެވުން އެދި ދުޢާ ދަންނަވަމެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ.

އަހަރެން މާލެއައީ މުޅިން އާދިރިއުޅުމެއް އުޅެން ނިންމައިގެންނެވެ. މަންމައާއި ބައްޕަ ބޭނުންވި ކަހަލަ ހެޔޮލަފާ ރަނގަޅު މީހެއްގެ ގޮތުގައި ދިރިއުޅުން ވެއަތުކުރުމަށް އުންމީދުކޮށްގެންނެވެ. އެހެނަސް އަހަރެން މާލެއައިތަނުން އެނގުނީ ފުލުހުން އަހަންނަށް ފާރަލަމުންދާކަމެވެ. އެމައްސަލަ ހަލުވިކަމާއެކު ތަހްޤީޤްކުރަމުން ދާކަމެވެ.

ފުލުހުންގެ ޒަމާނީ ޓެކްނޮލޮޖީއާއި ފޮރެންސިކް ހެކީގެ ކުރިމަތީގައި އަހަރެން އިސްޖެހުނެވެ. ކިތަންމެ ސިއްރުން ކުރިނަމަވެސް އެކަން އޮތީ ފަޅާއަރާފައެވެ. އަހަރެންގެ އަތްފައިގައި ކަސްތޮޅު އެޅުނެވެ. މުޅިދުނިޔެއަށް ބަދުނާމުވެއްޖެއެވެ. އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އަހަރެން ތަހްޤީޤަށް އެއްބާރުލުންދިނީމެވެ. އަދި އަހަރެން އެކަންތައް ކުރި ގޮތް ކިޔައިދީ އަތުގައި ބޭނުންނުކޮށް ހުރި ފައިސާތައް ޙަވާލުކުރީމެވެ.

އަދި މުޅިދުނިޔޭގެ ކުރިމަތީގައި އަހަރެންގެ ކުށް ޤަބޫލުކޮށް އެކުށަށް ތަޢުބާވެ ފާފަފުއްސެވުމަށް ދުޢާކުރީމެވެ. އަހަރެން ފުލުސް އޮފީހުގައި ބަންދުކުރިފަހުން އެއްދުވަހު ނިޝް އަހަންނާ ބައްދަލަށް އައެވެ. އަދި އޭނާއަށް ދެން އަހަންނާއެކު ނޫޅެވޭނެ ކަމަށާއި އޭނާ މިނިވަންކޮށްދިނުމަށް އެދުނެވެ. އެދުވަހު އޭނާ ވާހަކަދައްކަމުން ދިޔައީ ގިސްލަމުންނެވެ. އަދި އެދުވަހު ނިޝްގެ ފަރާތުން އަހަންނަށް އެނގުނީ ނިޝާމްވެސް ވަޒީފާއިން ވަކިކުރިކަމެވެ. އޭނާގެ އެއްވެސް ކުށެއްނެތިއެވެ.

އަހަރެން ވަރަށް ދެރަވިއެވެ. އަހަންނަކީ ކިހާ ބޭކާރު މީހެއްހެއްޔެވެ؟ އަހަރެންގެ އަންހެނުން  އުންމީދުކުރި ފަދަ ފިރިއަކަށް އަހަންނަށް ނުވެވުނެވެ. އަދި އަހަރެންގެ މަންމަ އުންމީދުކުރި ފަދަ ދަރިއަކަށްވެސް އަހަންނަށް ނުވެވުނެވެ. އަހަރެންގެ ސަބަބުން ކުށެއްނެތް މަޢުސޫމް އެތައް ބަޔަކަށް ވޭނާއި ހިތްދަތިކަން އިހްސާސްކުރަން ޖެހިއެއްޖެއެވެ. މިއަދު މުޅި ދުނިޔެވެސް އަހަންނަށް މަލާމަތްކުރަނީއެވެ.

އެކަމަކު މިއަދު ހިތަށް އެބައަރައެވެ. އަދި އެއްފަހަރު ދުނިޔެއަށް އަންނާނެ ނަމަ ހާދަހާ ރަނގަޅުވީހެވެ. އޭރުން އަހަރެން ރަނގަޅުމީހެއްގެ ގޮތުގައި ދިރިއުޅޭނަމަވެ. އަހަރެންނާމެދު މީހުން ފަޚްރުވެރިވާ ފަދަ މީހަކަށް ވާނަމެވެ. މަންމައާއި ބައްޕަގެ ނަސޭހަތަކީ ކިހާ މުހިއްމު އެއްޗެއްކަން މިއަދު ވިސްނިއްޖެއެވެ. ރަނގަޅު ރައްޓެހިން އިޚްތިޔާރުކުރުމާއި ހެޔޮލަފާ މީސްމީހުންނާއި ގުޅިގެން އުޅުމުގެ މުހިންމުކަމެވެ. ކިޔެވުމުގެ މުހިންމުކަމާއި ޒިންމާދާރު ވުމުގެ މުހިންމުކަމެވެ. ދަތި އުނދަގޫތަކަށް ކެތްތެރިވުމާއި ކުށަށް އަރައިގަތުމުގެ ހިތިކަމެވެ.

ފުންޚިޔާލެއްގެ ތެރެއިން ދުނިޔެއަށް ހޭލެވުމާއެކު ކުރިމަތީގައި ހުރި ތައްޓަށް ބަލާލެވުނެވެ. އޭގައި ހުރީ ރޮއްޓާއި މުގު ރިހައެވެ. [އަދިވެސް ނުކަނީތަ؟]  އެހެން ގޮޅިތަކުން މީހުން ކައިފަ ހުރި ތަށިތައް ހިފައިގެން އައި މީހަކު ސުވާލުކުރިއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފައި ކާން ފެށީމެވެ. އަހަރެން ހިތާހިތުން ބުނީމެވެ. އިރާދަކުރެއްވިއްޔާ މިދުވަސްތައް އަހަރެން ކެތްތެރިކަމާއެކު ވެއަތުކުރާނަމެވެ. އަދި ކޮންމެވެސް ދުވަހަކުން އުފާވެރި ދިރިއުޅުމެއްވެސް އުޅޭނަމެވެ. މާތްﷲ އަހަރެންނަށް ހެޔޮ ތަޢުފީޤް ދެއްވާށިއެވެ.

ނިމުނީ.

Rate this post