އެކާވީސް އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މި އަހަރު ވެސް ބޭއްވުމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމުން މި އަހަރު އާ ފޯމެޓަކަށް މުބާރާތްތައް ކުރިއަށް ގެންދާއިރު ދާދި ފަހުން އާއްމުކުރި އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި ޔޫތު ޗެމްޕިއަންޝިޕް ހިމަނާފައެއް ނުވެ އެވެ.
އެހެން ނަމަވެސް އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި މިކަން ހިމަނާފައި ނުވިނަމަވެސް މި މުބާރާތް ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެ މުބާރާތް ކުރިޔައް ދާނެކަމަށެވެ.
މިކަމާ ގުޅޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އަހަަރީ ކަލަންޑަރު އާންމުކުރިއިރު ޔޫތު ޗެމްޕިއަންޝިޕް ހިމަނާފައިނެތީ މި އަހަރަކީ ގިނަ މެޗުތަކެއް އެކި މުބާރާތްތަކުގައި އޮތް އަހަރަކަށް ވާތީ ކަމަށާއި އެހެންކަމުން ޔޫތް މުބާރާތް ހިމަނާފައި ނުވަނީ ދަނޑު ޝެޑިއުލް އަށް ބެލުމަށް ފަހު އެންމެ ފަސޭހަ ދުވަސްވަރެއްގައި މުބާރާތް ރޭވުމަށްކަމަށެވެ.
ޖަވާޒް ވިދާޅުވީ މިހާރު ޝެޑިއުލް ރޭވިފައިވާ ގޮތުން މި މުބާރާތް ބޭއްވޭނެ ކަމަށް ބެލެވެނީ އަހަރުގެ މެދުތެރޭގައި ނޫނީ ފަހުކޮޅުގައިކަމަށެވެ.
2011 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ ޗެމްްޕިއަންކަން ހޯދާފައިވާ ޓީމު ތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ.
އީގަލްސް ވަނީ މި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީވެސް އީގަލްސް އެވެ.
މިދިޔަ އަހަރު ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ހޯދީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ.
ޔޫތު ޗެމްޕިއަންޝިޕަކީ ފުރަތަމަ ޑިވިޝަނަށް ޒުވާން ކުޅުންތެރިން ތައާރަފް ވުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވާއިރު މި މުބާރާތުގެ ތެރެއިން އައި ބައެއް ކުޅުންތެރިން މިހާރު ވެސް އަންނަނީ ގައުމީ ޓީމުގައިވެސް ކުޅެމުންނެވެ.
އެގޮތުން އީގަލްސްގެ ފޯވާޑް އިބްރާހިމް މުބީން (މުއްކި) އާއި އަންސަރު އިބްރާހިމް އަދި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި އަމްދާން އަލީ (އެންޑީ) އަދި އަހުމަދު ރިޒުވާން (ރިޒޭ) ހިމެނެ އެވެ.